ވޯލްވޯ އޯޝަން ރޭހުގެ ނަމުގައި ދެ އަހަރުން އެއް އަހަރު ދުނިޔޭގައި ބާއްވާ ޔޮޓް ރޭހެއް މިމަހު ރާއްޖެއިން ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންސް (މާޔާ)ގެ ސެކެއްޓްރީ ޖެނެރަލް މުހައްމަދު އަލީ ވިދާޅުވީ، ވޯލްވޯ އޯޝަން ރޭހުގެ ނަމުގައި ދެ އަހަރުން އެއް އަހަރު ދުނިޔޭގައި ބާއްވާ ޔޮޓް ރޭހެއް މިމަހު 22 ވަނަ ދުވަހު ރާއްޖެއިން ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިރޭހުގައި ހަ ޔޮޓެއް ބައިވެރިވާއިރު، ފަސް ޔޮޓެއް މިވަގުތު ވަނީ މާލެ އައިސްފަ އެވެ. އަނެއް ޔޮޓް މިވަގުތު އޮތީ ރާއްޖެ އައުމަށް ދަތުރުމަތީގަ އެވެ. މާލެއައި ޔޮޓް ތައް ގެނެއީ ބޯޓެއްގަ އެވެ.

މުހައްމަދު އަލީ ވިދާޅުވީ، ރޭސް ރާއްޖޭގައި ފަށާނީ ހުޅުމާލެއިން ކަމަށާއި ރޭސް ކަވަރު ކުރުމަށް ދުނިޔޭގެ ބައެއް މީޑިޔާތަކުން ރާއްޖެއައުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

"މިރޭސް ހުޅުމާލެއިން ފަށާގެން ދަތުރުކުރާނީ ޗައިނާގެ ސަންޔާއަށް. މި މުބާރާތުގައި މިފަހަރު ހަ ޔޮޓް ބައިވެރިވޭ. ކުރިން މިމުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ޑުބާއީން. މިއިވެންޓު ކަވަރު ކުރުމަށް ދުނިޔޭގެ ބައެއް މީޑިޔާތަކުން ވެސް ރާއްޖެ އައުމަށް ވަނީ ނިންމާފަ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިރޭސް ރާއްޖޭއިން ފަށާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ކުރިއެރުމެއްކަށެވެ. އަދި މިއީ މިފަދަ ބޮޑު ރޭހެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރު ކަމަށާއި މިމުބާރާތުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން މަޝްހޫ ވެގެން ދާނެ ކަމަށެވެ.