ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބެހޭ ގޮތުން ބައެއް އިދިކޮޅު ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ވަނީ ތުހުމަތުތަކެއްކޮށް މައްސަލަތައް ވައްދައިފަ އެވެ. އެއާ ވިދިގެން ހޯމް މިނިސްޓަރު ހަސަން އަފީފް ވިދާޅު ވަނީ ހުށަހެޅިފައިވާ މައްސަލަތައް ނުބަލާ ހުރީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތުމުން ކަމަށެވެ. ފުލުހުންގެ ތަހުގީގުތަކާ ބެހޭ ގޮތުން ހޯމް މިނިސްޓަރު ގޮތް ވިދާޅުވި ވިދާޅުމުން ބައެއް ފަރާތްތަކުން އެކަމާ ސުވާލު އުފައްދަ އެވެ.

ރައީސާ ބެހޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގައި ހަގީގަތެއް ނެތް ކަމަށް މިނިސްޓަރު އަފީފް އިއްޔެ ވިދާޅުވާ ވިދާޅުވުމަކީ ޒިންމާދާރު ގޮތެއްގައި ވިދާޅުވެފައިވާ އެއްޗެއް ނޫން ކަމަށް ދެކޭ މީހުން އުޅެ އެވެ. އަދި އެހެންމެ ގިނަ ބަޔަކު ސުވާލު އުފައްދަނީ ފުލުހުންގެ ތަހުގީގާ ބެހޭ ގޮތުންނާއި ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކަކާ ބެހޭ ގޮތުން މަދަނީ އެ އިދާރާ އިން އެއްޗެއް ނުބުނަނީސް ހޯމް މިނިސްޓަރު ވާހަކަ ދައްކަވައި ގޮތެއް ނިންމެވުމުންނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވީ ހޯމް މިނިސްޓަރަކީ ސިޔާސީ ބޭފުޅަކަށްވެފައި ފުލުހުންގެ މުއައްސަސާއަކީ މިނިވަން ކަމާއެކު ރައްޔިތުންގެ ދިފާއުގައި މަސައްކަތް ކުރަން ޖެހޭ މުއައްސަސާއަކަށްވާ އިރު ތަހުގީގުތަކާ ބެހޭ ގޮތުން ހޯމް މިނިސްޓަރު ވާހަކަފުޅު ދެއްކެވުމަކީ ގާނޫނީނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.

"މިނިސްޓަރަކަށް އެގޮތަކަށް ވާހަކައެއް ނުދެއްކެވޭނެ، މިނިސްޓަރާއި ފުލުހުންގެ މަސައްކަތާ ދެމެދު ގާނޫނީ ރޮނގުން ދެމިގެންދޭ. އެހެންވީ އެއިން ފަހަނަޅައެއް ނުދެވޭނެ. އެހެންނޫނީ އެއީ ސިޔާސީ މުއައްސަސާއެއް، ކޮމިޝަނާއެއް ވެސް ބޭނުމެއް ނުވާނެ،"

މިއާ ދެކޮޅަށް ވާހަކަ ދައްކަވާ ގާނޫނީ ވަކީލުން ވެސް ތިބެއެވެ. އެބޭފުޅުން ވެސް ހުއްޖަތް ދައްކަވަ އެވެ. ވިދާޅުވާ ގޮތުން ފުލުންގެ ގާނޫނުގައި އެ މުއައްސަސާ ހިނގާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއްގެ ދަށުން ކަމަށްވެފައި އެ މިނިސްޓްރީ އަކީ ހޯމް މިނިސްޓްރީއަށް ވުމުން ތަހުގީގުތަކާ ބެހޭ ގޮތުން މިނިސްޓަރު އަފީފަށް ވާހަކަ ނުދެކެވެންވީ ސަބަބެއް ގާނޫނީ އިމުގެ ތެރެއިން ނުފެންނަ ކަމަށެވެ.

"ފުލުހުންގެ ގާނޫނުގެ 16 ވަނަ މާއްދާ އަކުރު (ހ) ބައްލަވާ، އަދި އަކުރު (ށ) އެއް ވަނަ ދެވަނަ ތިންވަނަ ނަމްބަރު ބައްލައްވާ މިނިސްޓަރަށް ލިބޭ ބާރަކީ ކޮބައިކަން އެނގޭނެ. އެހެންވީމާ މިނިސްޓަރަށް ތަހުގީގުތަކާ ބެހޭ ގޮތުން ވާހަކަ ދެކެވިދެނެ ހައިސިއްޔަތު ލިބޭ،" އިދިކޮޅު ފަރާތްތަކުގެތެރޭގައި އުޅުއްވާ ވަކީލަކު ވިދާޅުވި އެވެ. "އެކަމަކު އިއްޔެ މިނިސްޓަރު ކަން ކުރައްވާ އިންޓަވިއު ދެއްވި ގޮތަށް ބަލަން ޖެހޭނީ، އެހެން ބަލާއިރު ދެއްކެވި ވާހަކަފުޅުތަކަކީ ސިޔާސީ ވާހަކަތަކެއް. އެގޮތަކަށް ވާހަކަފުޅެއް ނުދެއްކެވޭނެ، އެއީކަން ނޭނގެ އޭގެ މައްސަލައަކަށްވާ ސަބަބަކީ،"

ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ހޯމް މިނިސްޓްރީގެ ދަށުގައި ފުލުހުންގެ މުއައްސަސާ އޮތް ކަމުގައި ވިޔަސް އެ މުއައްސަސާ ހިނގަން ޖެހޭނީ ފުލުހުންގެ ގާނޫނާ އެއްގޮތަށް ކަމަށާއި ފުލުހުން ބަލަން ޖެހޭ މައްސަލަތަކާ ނުބަލަން ޖެހޭ މައްސަލަތައް ކަނޑައަޅަން ޖެހޭނީ ހޯމް މިނިސްޓަރު ނޫން ކަމަށެވެ. ރޮޒައިނާ ވިދާޅުވަނީ ހޯމް މިނިސްޓަރު، އޭނާގެ ގާނޫނީ ޒިންމާއަށް ވުރެ ބޮޑަށް "އަތް ދިގު" ކުރައްވައިގެން އުޅުއްވާ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާއަށް ގާނޫނާ އެއްގޮތަށް ހުށަހެޅޭ މައްސަލައެއް ފުލުހުންގެ އިދާރާއިން ބެލެން ޖެހޭނެ. ފުލުހުންނަކީ ވަކި ގާނޫނެއްގެ ދަށުން މިނިވަންކޮށް މަސައްކަތް ކުރާ ބައަކަށްވާ އިރު އެމީހުން މަސައްކަތް ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް. އެހެންވެ ހޯމް މިނިސްޓަރު ވިދާޅުވާ މައްސަލަތައް ނުބަލަން ހުންނަ މުއައްސަސާއެއް ނޫން ފުލުހުންގެ އިދާރާއަކީ،" ރޮޒެއިނާ ވިދާޅުވި އެވެ.

ދެން އޮތީ މިނިސްޓަރު އަފީފު ދެއްކެވި ނޫސްވެރިންގެ ހާޒިރުގައި ދެއްކެވި ވާހަކަފުޅެވެ. ސަރުކާރުން ކުރާ ބައެއް ކަންކަމުގައި ފާޑުވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ "މިފަހަރު ތާއީދު ކުރައްވާނީ ހޯމް މިނިސްޓަރު އަފީފަށް" ކަމަށެވެ.

މުސްތޮފާ ވިދާޅުވީ ރައީސް ނަޝީދު ވެސް ކުށެއް ކުރައްވައިފި ނަމަ އެމައްސަލައެއް ބެލެން ޖެހޭނެ ކަމަށާއި ނަމަވެސް މީހަކު ދައްކާލާ ވާހަކައަކަށް ރައީސްގެ މައްޗަށް ތަހްގީގެއް ނުކުރެވޭނެ ކަމަށެވެ. މިހާތަނަށް އިދިކޮޅު ފަރާތްތަކުން ރައީސްއާ ބެހޭ ގޮތުން ހުށަހަޅާފައި ވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މުސްތަފާވިދާޅުވި އެވެ.

"ހަގީގަތެއް ނެތް ކަމަށް ވާނީ އެ މައްސަލައެއްގެ ތަހްގީގު ކުރިއަށް ގެންދިއުމަށް ބޭނުންވާ ސާބިތު ހިފޭ ހެއްކާއި ގަރީނާ ނެތީމަ. ބުނި ބުނި ކިޔައިގެން ތަހްގީގެއް ނުހިންގޭނެ. އެހެންވެ މިހާތަނަށް ރައީސްއާ ބެހޭ ގޮތުން ހުށަހެޅިފައިވާ އެފަދަ އެއްވެސް މައްސަލައެއްގައި އެފަދަ އެއްވެސް ހެއްކެއް އަދި ގަރީނާއެއް އޮތް ކަމަކަށް ނުދެކެން،" މުސްތަފާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރައްވާ ކަންތައްތަކުގެ ތެރޭގައި ބޭރުގެ މީޑިއާތަކުގައި ރާއްޖޭގެ ރަށްތައް ގިރަމުންދާ ދިއުމާ ގުޅިގެން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކުގެ އިތުރުން މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތައް ހިމެނެ އެވެ. ބަޔަކު ތުހުމަތުތަކެއް ކުރާ ނަމަ އެކަމުގެ ހަގީގަތެއް ވެސް ބަލަން ޖެހެ އެވެ.

"ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް އޮންނާނެ! ހަގީގަތެއް އޮތީމަ ގިނަ ބަޔަކު އެކައްޗެއް ކިޔާނީ!" މަޝްހޫރު ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.