23 Sep 2020, 12:43
ނިއުދިއްލީ (ސެޕްޓެމްބަރު 23) : އދ. އުފެއްދިފަހުން ބައިނަލްއަގްވާމީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާތީ އދ. ގެ އޮނިގަނޑާ އަދި އދ. ގެ މުޅި ނިޒާމު ޒަމާނާ އެއްގޮތަށް އިސްލާހުކޮށް އޯވަހޯލް ކުރަންޖެހިފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް މިހާރު ކުރިޔަށްގެންދާ އދ. ގެ ޖެނެރަލް އެސެމްބްލީގެ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ތަގްރީރު ކުރައްވަމުން މޯދީ ވިދާޅުވީ ފާއިތުވި 75 އަހަރުގައި ދުނިޔޭގެ ގައުމުތަކަށާއި އަދި ބައިނަލްއަގްވާމީ މަސްރަހަށް އައިސްފައިވާ ބަދަލުތަކުގެ ހަގީގަތް ގަބޫލުކޮށް އެއާ ކުރިމަތިލެވޭފަދަ އިސްލާހީ ބަދަލުތައް އދ. އަށް ނުގެނަސްފިނަމަ އދ. ފޭލްވެ އަދުގެ ދުނިޔެއަށް ކުރިމަތިވެފައިވާ މައްސަލަތަކާ ކުރިމަތިލައި ދުނިޔޭގެ އަމަނާއި ސުލްޙަ ބެހެއްޓުމުގެ ގާބިލްކަން އދ. އަށް ގެއްލިގެންދާނެ ކަމުގައެވެ.
ފާއިތުވި 75 އަހަރު ތެރޭގައި ކުރިންނެތް ބޮޑެތި ބާރުތަކެއް ދުނިޔޭގައިވަނީ އުފެދިފައި
މޯދީ މި އިޝާރާތް ކުރައްވަނީ ފާއިތުވި 75 އަހަރު ތެރޭގައި ކުރިންނެތް ބޮޑެތި ބާރުތަކެއް ދުނިޔޭގައި އުފެދި އަދި ބައިނަލްއަގްވާމީ އަމަނާއި ސުލްޙައަށް ނުރައްކާކުރުމުގެ ގާބިލްކަން ލިބިފައިވާ އެތަށް ގައުމެއް ވުޖޫދަށް އައިސްފައިވުމާ އަދި ދުނިޔޭގެ އިގްތިސާދީ ބާރުގެ ތިލަފަތަށްވެސް އައިސްފައިވާ ބޮޑެތި ބަދަލުތަކުގެ މައްޗަށް ކަމަށް މުރާސިލުން ބުނެއެވެ.
މި ބަދަލުތަކާއެކު ނިއުކްލިޔާ ހަތިޔާރުގެ ގާބިލްކަމާއި އިގްތިސާދީ ކެރިފޯރުން ލިބި ބައިނަލްއަގްވާމީ އަމަނާއި ސުލްޙައަށް ނުރައްކާކުރުމުގެ ގާބިލުކަން ލިބިފައިވާ އެތަށް ގައުމެއް ދުނިޔޭގެ މަސްރަހުގައި މިހާރުވަނީ ފާޅުވެފައެވެ.
1954 ވަނައަހަރު އދ. އުފެދުނުއިރު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ތިބީ އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތް ކަމަށްވީނަމަވެސް އެގައުމުތަކަށް ލިބިފައިވާފަދަ ނިއުކްލިޔާ ގާބިލްކަމާއި ހަތިޔާރުގެ ގާބިލުކަމާއި ޓެކްނޮލޮޖީގެ ގާބިލުކަން ލިބިފައިވާ އެތަށް ގައުމެއް މިހާރު ބައިނަލްއަގްވާމީ މަސްރަހުގައި ހަރަކާތްތެރިވަމުން އެބަދެއެވެ. އޭގެތެރޭގައި އިންޑިއާވެސް ހިމެނެއެވެ.
އދ. ގެ ސަލާމަތީ މަޖިލިސްގެ ދާއިމީ މެންބަރުކަން އިންޑިއާ ބޭނުންވޭ
އިންޑިއާއަކީ އދ. ގެ ސަލާމަތީ މަޖިލިސް އިސްލާޙުކޮށް އެމަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބެންޖެހޭނެކަމަށް މީގެ އަހަރުތަކެއް ކުރިން ވަކާލާތުކުރި ގައުމެކެވެ. އިންޑިއާއިން ކުރިން ދެއްކި މިވާހަކަތައް މޯދީގެ ތަގްރީރުގައި ސީދާ ގޮތެއްގައި ނުގެންނެވި ނަމަވެސް އޭނާގެ ތަގްރީރުގައި ފާއިތުވި 75 އަހަރު ތެރޭގައި ބައިނަލްއަގްވާމީ މަސްރަހަށް އައި ބޮޑެތި ބަދަލުތަކާއެކު އދ. ގެ އޮނިގަނޑާއި އދ. ގެ ނިޒާމު އިސްލާހުކުރަން ގޮވާލެއްވި ބޭނުމަކީ އެއީ ކަމަށް މުރާސިލުން ދެކެއެވެ.
އދ. އުފެދުނުއިރު ދުނިޔޭގެ އިގްތިސާދުގެ 85 އިންސައްތަ އެެމެރިކާ ހިއްސާކުރާއިރު މިހާރު އެމެރިކާ ހިއްސާކުރަނީ އެންމެ 14 އިންސައްތަ
އދ. ވުޖޫދަށް އައިއިރު ދުނިޔޭގެ އިގްތިސާދުގެ 85 އިންސައްތަ ހިއްސާ ކުރަނީ ހަމައެކަނި އެމެރިކާގެ އިގްތިސާދެވެ. ނަމަވެސް މިހާރު ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ހިއްސާކުރަނީ އެންމެ 14 އިންސައްތައެވެ. އދ. އުފެދުނުއިރު ނިއުކްލިޔާ ބާރެއްގެ ގޮތުގައި ހަމައެކަނި އެމެރިކާ އޮތްނަމަވެސް މިހާރު އެމެރިކާގެ އިތުރުން ނިއުކްލިޔާ ހަތިޔާރު އުފައްދައި ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފައިވާކަން ރަސްމީކޮށް އިޢުލާނުކޮށްފައިވާ ހަތް ގައުމު އެބައޮތެވެ.
އެ ހަތް ގައުމުގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، އަދި އުތުުރުކޮރެއާ ހިމެނެއެވެ. އަދި ރަސްމީކޮށް އިޢުލާނު ނުކުރި ނަމަވެސް ނިއުކްލިޔާ ގާބިލްކަން ހުރިކަން ކަށަވަރުވެފައިވާ އިތުރު ފަސް ގައުމުވެސް އެބައޮތެވެ. އޭގެތެރޭގައި އިސްރާއީލު، އީރާން، ޔުކްރެއިން، ބްރަޒިލް އަދި އާޖެންޓީނާ ހިމެނެއެވެ.
އދ. އިސްލާހު ކުރަން ހުރަސްއަޅަނީ އެމެރިކާއާއި ދުނިޔޭގެ އެހެންބޮޑެތި ބާރުތަކުން
ފާއިތުވި 75 އަހަރު ތެރޭގައި ބައިނަލްއަގްވާމީ މަސްރަހަށްއައި ބޮޑެތި ބަދަލުތަކާ އެއްގޮތަށް އދ. ގެ ނިޒާމު އިސްލާހު ކުރުމަށް ދެކޮޅު ހަދާފައިވަނީ އެމެރިކާ ފަދަ ބޮޑެތި ގައުތަކުންނެވެ. އެގައުމުތަކުން އެކަމާ ދެކޮޅު ހަދަނީ އދ. ގެ ނިޒާމު އިސްލާހުކޮށްފިނަމަ ޒަމާނުއްސުރެ އދ. ގައި އެގައުމުތަކަށް ލިބިފައިވާ ބާރާއި ނުފޫޒު ކުޑަވެ އެހެން ގައުމުތަކަކަށް ބާރު ތަކެއް ލިބިގެން ހިނގައިދާނެތީއެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ޖަރުމަނާއި އިންޑިއާއަށްވެސް ދޭންޖެހޭނެ ކަމަށް އެ ދެ ގައުމުން ވަކާލާތު ކުރިނަމަވެސް އެމެރިކާއާއި ދުނިޔޭގެ އަނެއް ހަތަރު ބާރުން ގެންދަނީ މިކަމަށް ހުރަސް އަޅަމުންނެވެ.
(ނޫސްއެޖެންސީތައް)