16 Jan 2012, 10:14
ގއ. އަދި ރ. އަތޮޅުގެ، އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ކައުންސިލަރުންނާއި ސިވިލް ސާވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން "ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ޓްރެއިނިން"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން އިސްނަގައިގެން މިދިޔަ އަންގާރަ ދުވަހު ފެށި އެ ޕްރޮގްރާމުގެ މަގުސަދަކީ ކައުންސިލަރުންނާއި ކައުންސިލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށާއި އަތޮޅުގެ ތަރައްގީއަށް ޕްރޮޖެކްޓް ރާވައި ހިންގުމާއި ޕްރޮޖެކްޓް ޕްރޮޕޯސަލް އެކުލަވާލަން ދަސްކޮށްދީ އެކަމަށް އަހުލުވެރި ކުރުން ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.
އެ އޮތޯރިޓީން ބުނީ ރ. އުނގޫފާރާއި ގއ. ވިލިނގިލީގައި ކުރިއަށްގެންދާ އެ ޕްރޮޖެކްޓް ވޯކްޝޮޕްގައި ޖުމުލަ 64 ބޭފުޅަކު ބައިވެރިވެފައިވާ ކަމަށެވެ. އަދި ބުނީ މާދަމަ އިން ފެށިގެން ށ. އަތޮޅާއި ގދ. އަތޮޅުގައި އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.