ދިއެފްއެމުން ވަގުތުން ގެނެސްދޭ މޯނިންގް އެޑިޝަންގެ އެހުންތެރިންގެ ފޯންކޯލްގެ ބައި މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ދިއެފްއެމްގެ ސީއީއޯ މަސްހޫދު ހިލްމީ މިއަދު ވިދާޅުވީ މޯނިންގް އެޑިޝަނުގެ ޕްރޮގްރާމްގެ އެހުންތެރިންގެ ފޯންކޯލްގެ ބައި ހުއްޓާލީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެންގި އެންގުމަކާ ގުޅިގެން ކަމަށާއި އެހުންތެރިންގެ ފޯންކޯލްގެ ބައި ކުރިއަށް އޮތްތާގައި ގެންދާނެ ގޮތަކާ މެދު މެނޭޖްމަންޓުން މަޝްވަރާކުރެއްވުމަށް ފަހު ގޮތެއް ކަނޑައަޅުއްވާނެ ކަމަށެވެ.
މަސްހޫދު ވިދާޅުވީ މޯނިންގް އެޑިޝަންގެ އެހުންތެރިންގެ ފޯންކޯލުގެ ބައި ހުއްޓާލުމަކީ މިނިވަން މީޑިޔާގެ އެއްފިޔަވަޅު ފަހަތަށް އެޅުން ކަމަށް ގަބޫލުކުރަށްވާ ކަމަށާއި ކުރިއަށް އޮތްތާގައި ފޯން ކޯލްގެ ބައި ގެންނާނެކަން ނުވަތަ ނޫންކަން ވެސް ވިދާޅުވާން އަދި މާ އަވަސް ކަމަށެވެ.

"މޯނިން އެޑިޝަންގެ އެހުންތެރިންގެ ފޯންކޯލް ބަޔަކީ ވަރަށް ގިނަ ބައެއް ޝައުގުވެރިވާ ސެގްމެންޓެއް. އެބަޔާ ނުރުހޭ ފަރާތަކުން ކޮންމެވެސް ބަޔަކަށް ލާރީ ދީގެންވެސް ބޭއަދަބީ ބަސްތައް ބޭނުންކުރުމަށް ފަހު މައްސަލަ ޖެއްސިދާނެ ނޫންތޯ؟ އެއީ އެކަހަލަ ކަމެއްނޫންތޯ އަޅުގަނޑުމެން ނޫނަސް އެހެން ސްޓޭޝަންތަކުން ވެސް ކޯލާސްބައި ގެނޭ،" މަސްހޫދު ވިދާޅުވި އެވެ.

ދިއެފްއެމް އާއި ދިޓީވީން އެއް ވަގުތެއްގައި ފޮނުވާ "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ހުތުރު ބަހުރުވަ ޕްރޮޑްކާސްޓް ކުރުން ނުހުއްޓުވޭ ނަމަ އެ ދެ ޕްރޮގްރާމް ވަގުތުން ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ވަނީ އެ ދެ ސްޓޭޝަނަށް އަންގައިފަ އެވެ.

ސިޔާސީ އެކި މައުލޫއުތަކަށް އާންމުން ހިޔާލު ފާޅުކުރާ މޯނިން ޝޯގައި މިދިޔަ ޑިސެމްބަރު 29ގައި އެ ޝޯގެ ބައިވެރިއަކު ހުތުރު ބަހުރުވައިން ވާހަކަ ދެއްކި މައްސަލަ ތަހުގީގު ކުރުމަށް ފަހު ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބް ސައިޓުގައި ވަނީ ރިޕޯޓެއް ވެސް އާއްމުކޮށްފަ އެވެ.

އޭގައި ބުނަނީ ދިއެފްއެމާއި ދި ޓީވީން ބްރޯޑްކާސްޓްކުރާ އެ ޕްރޮގްރާމްގައި ތިން ފަހަރެއްގެ މަތިން އެފަދަ ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާކަން އެނގޭ ކަމަށާއި ޤައުމުގެ އިޖްތިމާއީ ފޭރާމަށް ބުރޫއަރާ ފަދަ ވާހަކަތައް ބްރޯޑްކާސްޓް ކުރުން ނުހުއްޓުވޭ ނަމަ މިހިނދުން މިހިދަށް އެ ޕްރޮގްރާމް ހުއްޓާލަން އަންގާ ކަމަށެވެ.