22 Sep 2020, 18:25
މިއަދުން ފެށިގެން އައްޑޫ ސިޓީގެ ހަތަރު ސަރަހައްދެއް، ހިމާޔްތަކޮށްފައިވާ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އައްޑޫ ސިޓީގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި، މާފިށި ކިޅި ސަރަހައްދާއި، މަތި ކިޅި ސަރަހައްދެވެ.
އެ ސަރަހައްދުތައް ބެލެހެއްޓުމުގައި އަމަލު ކުރާނީ ގުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދުގައިވާ ގޮތުގެ މަތިންނެވެ.
ހިމާޔަތްކުރި ކުޑަ ކަނޑު ސަރަހައްދަކީ ގަލާއި މުރަކަ ގިނަ އަދި އެކި މަހުގެ ބާވަތްތަކާއި ދިރުންތައް ގިނަ، ގުދުރަތީގޮތުން މުއްސަނދި ސަރަހައްދެކެވެ. ރާއްޖެއަށް ދިމާވެފައިވާ މުރަކަ ހުދުވުމުގެ ހާދިސާތަކަށްފަހު ކުރެވުނު ދިރާސާތަކުން، އެ ސަރަހައްދުގައި ހިމެނޭ ފަރަކީ ވަރަށް ރެޒީލިއެންޓް ފަރެއްކަމުގައި ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދުން ފެންނަ މުހިންމު ދިރުންތަކުގެ ތެރޭގައި ވެލާ، ވައިފިޔަ މަޑި އަދި ކޯމަސް ހިމެނެއެވެ. އެ ދިރުންތަކަކީ ބައިނަލްއަގުވާމީ ގޮތުން ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކަކަށް ވުމުން، އެ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ އެ ސަރަހައްދު ހިމާޔަތްކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި ކަނޑައެޅުމާއެކު، އެ ސަރަހައްދުން ދޫނިސޫފާސޫފި ހިފުމާއި، ނެގުން އަދި މެރުން މަނާވީއެވެ. ހަމައެއާއެކު ގަލާއި ވެއްޔާއި މުރަކަ އަދި އަކިރި ނެގުން ވެސް މަނާވާނެއެވެ.
އެ ސަރަހައްދުތަކަށް ކުނި އެޅުމާއި، އެކުއާ ކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތް ކުރުމާއި އެއްވެސް ބާވަތެއްގެ ދިރުމެއް ތައާރަފުކުރުމާއި ކުޅިގެ ވެށި އިޔާދަކުރުމުގެ ބޭނުމުގައި ވިޔަސް، މިނިސްޓްރީގެ ހުއްދަ ނެތި ކުޅި ހިއްކުމާއި ފުންކުރުން މަނާވާނެއެވެ.
މީގެ އިތުރުން މަހަށް ކާން ދިނުމާއި މަސްވެރިކަމުގެ ގާނޫނުގެ ދަށުން، ކަޅުބިލަމަހުގެ މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަނު މަސްވެރިކަމަށް ދޫކޮށްފައިވާ ސައްހަ ލައިސެންސެއް އޮތް އުޅަނދަކުން ކުރާ އެންވެރިކަން ފިޔަވައި އެހެން އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ކުރުން ވެސް މަނާވާނެއެވެ.
ނަމަވެސް ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން، ހާއްސަ ހުއްދައަކާ އެކު ފަޅާއި، ފަރަށް އާންމުންނަށާއި ފަތުރުވެރިންނަށް ޒިޔާރަތްކުރެވޭނެއެވެ. އަދި ދިރާސާކޮށް، ޑައިވްކޮށް ސްނޯކަލް ކުރެވޭނެއެވެ.
މާކިޅި އާއި ފެހެލެ ކިޅި އަކީ އައްޑޫ ސިޓީ ހިތަދޫ އިރުދެކުނު ފަރާތުގައި އޮންނަ ޗަސްބިމުގައި ހެދިފައިވާ ދެކުޅި އެވެ. އެއީ ޗަސްބިން ސަރަހައްދަކަށް ވުމުން ރަށަށް ވެހޭ ވާރޭ ފަސޭހަކަމާއެކު އެ ސަރަހައްދަށް ހިނދިގެން ދާކަމަށާއި އެހެންކަމުން އެއީ ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިންމު ސަރަހައްދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ އެ ސަރަހައްދުގައި މޫސުމީ ދޫންޏާއި ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމަށްވާ ބުރެވި ފެންނަ ކަމަށާއި، އޭގެ އިތުރުން ދިއްގާ، ހިރުނދު އަދި ބޯކަށިކެޔޮ ވެސް އެ ސަރަހައްދުން ގިނަ އަދަދަކަށް ފެންނަ ކަމަށެވެ.
ހަމައެއާއެކު "ކާފަރުބުރު" ކިޔާ ފެނުގައި ހެދޭ ބާވަތުގެ ގަހެއް ވެސް އެ ސަރަހައްދުގައި ހެދިފައިވާއިރު، އެއީ އެ ސަރަހައްދަށް ތައާރަފުކޮށްފައިވާ ބާވަތެއްގެ ގަހެއް ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.
އަދި އެ ސަރަހައްދުގެ ފެންގަނޑުގައި ގިނަ އަދަދަކަށް ލޮޓަސް ވެސް ހެދިފައިވާ ކަމަށާއި، ކާފަރުބުރާއި ލޮޓަސް ގިނަވުމުގެ ސަބަބުން އެ ސަރަހައްދުގެ ފެންގަނޑު ތިލަވަމުންދާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އެފަދަ މައްސަލަތައް ހައްލުކޮށް، އިޔާދަކޮށް ހިމާޔަތް ކުރުމަކީ އެ ސަރަހައްދަށް ޒިޔާރަތްކުރާ މޫސުމީ ދޫންޏާއި ހިމާޔަތްކޮށްފައިވާ ދޫނީގެ މާހައުލުތައް ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ސަރަހައްދުން ފެންނަ ދޫނީގެ ތެރޭގައި މާކަނާ، ކުޅީ ކުކުޅު އަދި ދޮންދީނި ހިމެނެއެވެ.
މާފިށި ކިޅިއަކީ ހުޅުދޫގެ ދެކުނު ފަރާތު ކޮޅުގައިވާ ޗަސްބިން ސަރަހައްދުގައިވާ ކުޅިއެކެވެ. އެއީ ޗަސްބިން ސަރަހައްދަކަށް ވުމުން ރަށަށް ވެހޭ ވާރޭ ފަސޭހަކަމާއެކު އެ ސަރަހައްދަށް ހިނދިގެން ދާކަމަށާއި އެހެންކަމުން އެއީ ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިންމު ސަރަހައްދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ސަރަހައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅިފަލުގައި ހެދޭ ގަހުގެ ވާހަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައިވެއެވެ. އޭގެ އިތުރުން، ހިރުނދު، ކުރެދި، ދިއްގާ، ބޯކަށިކެޔޮ، މިދިލި، އުނި އަދި މަގޫގަސް ވެސް އެ ސަރަހައްދުގައި ގިނައެވެ.
އެ ސަރަހައްދުގެ ފެންގަނޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ މަހުގެ ބާވަތެއް ކަމުގައިވާ ކޮންގާއީލް ފެންނަ ކަމަށާއި އަދި ގިނަ އަދަދަކަށް ތެލާޕިޔާ އަދި ކުޅިތަކުގައި އުޅޭ ފިނިހަކުގެ ބާވަތްތައް ފެންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އަދި އެއީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެއް ކަމަށާއި އެ ސަރަހައްދުން ދޮންފެންފޯއް ދޫނި، ދޮންދީނި، ހުވަދޫ ރާބޮނދި، މާކަނާ އަދި ތޭރަވާ ފެންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
އައްޑޫ ސިޓީ މަތިކިޅި އަކީ ހުޅުމީދޫގެ އިރުމަތި ފަރާތުގައި އޮންނަ ޗަސްބިން ސަރަހައްދެކެވެ. އެއީ ޗަސްބިން ސަރަހައްދަކަށް ވުމުން ރަށަށް ވެހޭ ވާރޭ ފަސޭހަކަމާއެކު އެ ސަރަހައްދަށް ހިނދިގެން ދާކަމަށާއި އެހެންކަމުން އެއީ ރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިންމު ސަރަހައްދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެ ސަރަހައްދުގައި ގިނަ އަދަދަކަށް "ކާފަރުބުރު" ހެދިފައިވާއިރު، އޭގެ އިތުރުން ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ގިނައަދަދަކށް ރުއް ހެދިފައިވެއެވެ. އަދި އެއީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކށް އާލާވާ ސަރަހައްދެކެވެ.
މިއާއެކު އެ ތިން ސަރަހައްދުން ދޫނި ސޫފާސޫފި ހިފުމާއި ނެގުމާއި މެރުން އަދި އެފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން މަނާވާނެއެވެ.
އަދި ކުނި އެޅުމާއި، ކަޅު ފަހާއި ދޮން ފަސް ނެގުން މަނާވާނެއެވެ. އޭގެ އިތުރުން އެކުއާކަލްޗާ ނުވަތަ މެރިކަލްޗާގެ މަސައްކަތް ކުރުމާއި، ގަސް ގަހާގެހި ކެނޑުމާއި އުފުރުން އަދި ގެއްލުން ދިނުންވެސް ވަނީ މަނާކޮށްފައެވެ.
އެ ސަރަހައްދުތަކުގައި ހިމެނޭ ބާވަތުގެ އިތުރުން އެއްވެސް ކަހަލަ ގަހެއް ނުވަތަ އޮށެއް އިންދުން ވެސް މަނާވާނެ ކަމަށާއި އެ ސަރަހައްދަށް އިތުރު ދިރުމެއް ތައާރަފް ކުރުން ވެސް މަނާވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމައެއާއެކު ކުޅި ހިއްކުމާއި ފުން ކުރުމާއި، ކަނޑައެޅޭ ވަކި ސަރަހައްދުތައް ފިޔަވައި އެހެން ތަންތަނުގައި އަލިފާން ރޯކުރުން ވެސް މަނާވާނެއެވެ.
ނަމަވެސް ހިކިފަން، މަދު، ދަރު އަދި ކާށި ހޮވުމާއި އެ ސަރަހައްދުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުމާއި، އުފުރުން އަދި ކެނޑުން މަނާ ނުވާނެއެވެ.
އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ހާއްސަ ހުއްދައަކާ އެކު އެ ސަރަހައްދުގައި ދިރާސާ ކުރުމާއި، ލަކުޑި އާއި ދަނޑި ކެނޑުމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމާއި އިކޯ ޓޫރިޒަމްގެ މަސައްކަތް ކުރުމާއި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރެވޭނެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރު އަދި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ވެފައިވާ ވައުދުގެ ދަށުން 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުގެ ގޮތުގައި މިދިޔަ އަހަރު ވަނީ ކަނޑައަޅާފަ އެވެ.