މޮސްކޯ (ޖަނަވަރީ 15) : މާސް ޕްލެނެޓަށް ފޮނުވި ރަޝިޔާގެ ޢިލްމީ ދިރާސާތަކާބެހޭ އުޅަނދު "ޝާދް" ޕެސިފިކް ކަނޑަށް ވެއްޓިއްޖެއެވެ.

ރަޝިޔާގެ ފަޒާއާބެހޭ އިދާރާ "ރޮސްކޮޒްމޮސް" ގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި "ޝާދް" ވެއްޓުނީ ޗިލީގެ ހުޅަނގު އައްސޭރިފަށުން 1250 ކިލޯމީޓަރު ދުރުގައިވާ ހިސާބަކަށެވެ. މިއީ ޕެސިފިކް ކަނޑުގެ އެކަހެރި ހިސާބެކެވެ. "ޝާދް" އަށް ކުރިމަތިވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އެއުޅަނދު ދުނިޔޭގެ ސަތަޙަށް ވެއްޓޭނެކަން ރަޝިޔާއިން ހާމަކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ގިނަޢަދަދެއްގެ ރޮކެޓް ފިއުލް ހިމެނޭ މިއުޅަނދު، މާސް އަށް ފޮނުވީ މާސްގެ ވަށައިގެން އެނބުރޭ ހަނދެއްކަމަށްވާ "ފޯބްސް" ގެ ބިމަށް ތިރިކޮށް އެބިމުން ވެލި ގެނައުމަށް ކަމަށް ރަޝިޔާގެ ފަޒާއާބެހޭ އިދާރާ "ރޮސް ކޮޒްމޮސް" ބުނެއެވެ.
14 ޓަނުގެ މިއުޅަނދުގައި 11 ޓަނުގެ ރޮކެޓް ފިއުލް ހުންނާނެ ކަމަށާއި މިއުޅަނދަށް ޓެކްނިކަލް މައްސަލައެއް ދިމާވީ ބިމުގެ އޯބިޓެއް ހުރަސްކުރުމުގެ ތެރޭގައި ކަމަށް ރޮސްކޮޒްމޮސް ބުނެއެވެ.

މާސްއަށް ފޮނުވުމަށްޓަކައި ރަޝިޔާއިން މިއުޅަނދު ޖައްވަށް ފޮނުވާލާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 8 ވަނަ ދުވަހުއެވެ. މިއުޅަނދު ޖައްވަށް ފޮނުވާލިއިރުވެސް އެއަށް ޓެކްނިކަލް މައްސަލައެއް ކުރިމަތިވި ކަމަށާއި އެހެންކަމުން ބިމުގެ ވަށައިގެންވާ އެޓްމޮސްފިޔަރ ގެ ފަށަލަތައް ހުރަސްކުރުމުގައި މިއުޅަނދު ނާކާމިޔާބުވެފައިވާ ކަމަށް ރޮސްކޮޒްމޮސް ބުނެއެވެ. -- ރޮއިޓާސް