22 Sep 2020, 09:56
ކުވައިތު (ސެޕްޓެމްބަރު 22) : ފަލަސްތީނުގެ މައްސަލަ އިންސާފުވެރި ގޮތެއްގައި ހައްލު ކުރުމުގެ ކުރިން އިސްރާއީލާ ގުޅުން އުފެއްދުމުގެ ވިސްނުން ނުގެންގުޅޭނެ ކަމަށް ކުވައިތުން ބުނެފި އެވެ.
ކުވައިތުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު އެމަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުވައިތު ސަރުކާރާ ރައްޔިތުން އަބަދު ވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށާއި ފަލަސްތީނު ރައްޔިތުން ނިކަމެތިކޮށް ހައްގުތަކަށް އުނިކަން ލިބޭނެ އަދި ފަލަސްތީނުގެ ހައްގުތަށް ގެއްލޭނެ އެއްވެސް ކަމެއްގައި ކުވައިތު ބައިވެރި ނުވާނެ ކަމުގަ އެވެ.
އިސްރާއީލާ ގުޅުންތައް އުފެއްދުމާ މެދު ކުވައިތުން ގޮތެއް ނިންމާނީ އދ.ގެ ގަރާރުތަކާ އަދި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓްތަކުން ނިންމާފައިވާ ގޮތަށް ފަލަސްތީނުގެ މައްސަލަ ހައްލުކުރުމުން ކަމަށާއި އޭގައި ހިމެނެނީ 1967ގެ ހަނގުރާމައިގާ އިސްރާއީލު ހިފި އަރަބި ބިންތަކުން ފާބައި ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް އުފެއްދައި ދިނުމުން ކަމުގަ އެވެ.
ފަލަސްތީނުގެ މިދައުލަތުގެ ވެރިރަށްކަމުގައި ވާންޖެހޭނީ މާތްވެގެންވާ މަސްޖިދުލްއަގްސާ ހުންނަ ގުދްސުގެ އިރުމަތީފަޅި ކަމަށްވެސް ކުވައިތުގެ ވަޒީރުންގެ މަޖިލީހުން ނެރުނު ބަޔާން ބުނެ އެވެ.
ކުވައިތުން މިބަޔާން ނެރުނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރުމަށްޓަކައި އިސްރާއީލާ ގުޅުންތައް އުފެއްދުމަށް އަރަބި ބައެއް ގައުމުތަކަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ. މި ފިއްތުންތައް މައިގަނޑު ގޮތެއްގައި ކުރިމަތިކުރަނީ އާއިލީ ރަސްކަމުގެ ނިޒާމުތައް ދެމެހެއްޓުމަށް އެމެރިކާއަށް ބަރޯސާވާ ސައޫދީ އަރަބިޔާ އާއި ގަލްފުގެ އެހެން ގައުމުތަކަށެވެ. ނަމަވެސް އެމެރިކާ މިހާރުވަނީ އަރަބި ފަގީރު ގައުމެއްކަމަށްވާ ސޫދާނަށް ވެސް މިމައްސަލާގައި ފިއްތުންތަށް ކުރިމަތި ކުރަން ފަށާފަ އެވެ. ފިއްތުންތައް ކުރިމަތި ކުރަނީ ސޫދާން މިހާރުއޮތް ނިކަމެތި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ.
ފަލަސްތީނުގެ މައްސަލަ އެއްފަރާތްކުރުމަށް ފަހު އަރަބި ގައުމުތަކުން އިސްރާއީލާ ގުޅުންތައް އުފައްދައި އިސްރާއީލަކީ ދުޝްމަނެއް ކަމަށް ޒަމާނުއްސުރެ ދެކޭ ދެކުން އަރަބި ގައުމުތަކުން ނިމުމަކަށް ގެނައުމަކީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެމެރިކާގެ ބާރުގަދަ މުއްސަނދި ޔަހޫދީ ޖަމާއަތްތަކުގެ ތާއީދު ޓްރަމްޕަށް ލިބޭނެ ކަމެއްކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވަ އެވެ.
މި ޖަމާއަތްތަކުގެ ބާރާއި ނުފޫޒު އެމެރިކާގައި އިންތިހާއަށް ގަދަކަމުން އެފަރާތްތަކުން ރުހުން ލިބުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މުހިއްމު ކަމެއްކަމަށް ޓްރަމްޕާއި އޭނާގެ ޓީމުން ދެކެ އެވެ.
ޓްރަމްޕްގެ ފިއްތުންތަކާ ގުޅިގެން ގަލްފުގެ ކުޑަ އަރަބި ދެ ގައުމު ކަމަށްވާ ޔުނައިޓެޑް އަރަބް އިމަރޭޓްސް އާއި ބަހްރައިން ދާދިފަހުން ވަނީ އިސްރާއީލަށް ރަސްމީކޮށް އިއުތިރާފުވެ އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފަ އެވެ. ސައޫދީއަށް މިކަން ކުރަން ނުކެރިގެން އުޅެނީ އިސްލާމީ ދުނިޔޭގެ ރައްޔިތުންގެ ކުރިމަތީގައި މިހާރަށްވުރެ ވެސް ބޮޑަށް ސައޫދީގެ އަގުވެއްޓި އިސްލާމީ ދުނިޔޭގައި ފަނޑުވަމުންދާ ސައޫދީގެ ލީޑިން ރޯލު އެއްކޮށް ގެއްލިގެން ދާނެކަމުގެ ބިރުހީވާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާ ގެ ނޫހެއްކަމަށްވާ ވޮޝިންޓަންޕޯސްޓް ބުނާ ގޮތުން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ގެންގުޅުއްވަން ފެއްޓެވި ސިޔާސަތުގެ ސަބަބުންނާއި ޔަމަނާ ދެކޮޅަށް ސައޫދީ ފަށާފައިވާ ހަނގުރާމައިގެ ސަބަބުންނާއި އިސްރާއީލާ އެކު ސިއްރު ގުޅުންތައް ސައޫދީ ބާއްވަމުން ގެންދާތީ ސައޫދީގެ "ތަރި" އިސްލާމީ ދުނިޔޭގައި މިހާރު ވެސް ވަނީ ގާތްގަނޑަކަށް އޮއްސިފަ އެވެ.
އިސްރާއީލާ ގުޅުން އުފައްދަން ވެސް މުހައްމަދު ބިން ސަލްމާން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް އޭނާއަށް އެކަން އަދި ނުކުރެވިގެން އުޅެނީ އޭނާގެ ބައްޕަ ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ކަނޑައެޅިގެން އެކަމާދެކޮޅު ހައްދަވާތީ ކަމަށް ވޮޝިންޓަން ޕޯސްޓް ބުނެ އެވެ.
ޓްރަމްޕް ވަނީ ފަލަސްތީނުގެ މައްސަލަ ދޫކޮށްލުމަށް ފަހު އިސްރާއީލާ ގުޅުންތައް އުފައްދާ ގައުމުތަކުގެ ލިސްޓަށް ކުވައިތުވެސް އަރާފާނެކަމުގެ އުންމީދު ފާޅުކުރައްވައި ދާދިފަހުން ވާހަކަ ދައްކަވާފަ އެވެ. ކުވައިތުގެ އިތުރުން ގަތަރު ވެސް ވަނީ ފަލަސްތީނު މައްސަލަ އިންސާފުވެރިކަމާ އެކު ހައްލުކުރުމުގެ ކުރިން އިސްރާއީލާ ގުޅުންތައް ނުއުފައްދާނެކަމަށް ދާދިފަހުން ބުނެފަ އެވެ. ސައޫދީ އާއި ގަލްފުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް މިދެ ގައުމަކީވެސް އެމެރިކާއަށް ފިއްތުންތައް ކުރިމަތި ކުރެވޭ ފަދަ ހާލަތުގައި އޮންނަ ދެގައުމެވެ. (ނޫސްއެޖެންސީތައް)