22 Sep 2020, 09:07
ސޫދާންއިން ވެސް ރަސްމީކޮށް އިސްރާއިލާ ގުޅުން ގާއިމްކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.
ދާދި ފަހުން ޔޫއޭއީ އަދި ބަހްރެއިން ވެސް ވަނީ އިސްރާއިލާ ރަސްމީކޮށް ގުޅުން ގާއިމްކޮށްފަ އެވެ. އަދި މީގެ އެތަކެއް އަހަރުތަކެއް ކުރިން އުރުދުންއާއި މިސްރުން ވެސް އިސްރާއިލާ ރަސްމީކޮށް ގުޅުން ގާއިމްކޮށްފައިވެ އެވެ.
ސޫދާންގެ ސަރުކާރުގެ އިސްބޭފުޅުނގެ ވަފުދެއް މިހާރު ވަނީ ޔޫއޭއީގަ އެވެ. މިއީ ޓެރަރިޒަމްއާ ގުޅުން ހުރި ގައުމުތަކުގެ ތެރޭގައި ސޫދާން ހިމަނާފައިވާތީ އެ ލިސްޓުން ނެގުމަށް ވާހަަކަތައް ބޭއްވުމަށް ޔޫއޭއީއަށް ދިޔަ ވަފުދެކެވެ.
ސޫދާންގެ ދައުލަތުގެ މީޑިއާ ސުނާއިން ބުނީ ސޫދަންގައި ވެރިކަންކުރާ ކައުންސިލްގެ ހެޑް އަބްދުލް ފައްތާހު އަލް ބުރުހާން ސޫދާންގެ މަސްލަހަތާ ގުޅޭ ގޮތުން ޔޫއޭއީގައި ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
ސޫދާންގައި 29 އަހަރު ވަންދެން ވެރިކަން ކުރެއްވި ޖެނެރަލް އޮމަރު އަލް ބަޝީރުގެ ވެރިކަން މިދިޔަ އަހަރު ވަނީ ވައްޓާލައިފަ އެވެ.
އެމެރިކާގެ އެކްޒިއަސް ވެބްސައިޓާ ހަވާލާދީ އަލްޖަޒީރާ ނޫހުން ބުނީ އެ ބައްދަލުވުންތަކުގައި ޔޫއޭއީ އަދި ބަހްރެއިންއިން އިސްރާއިލާ ގުޅުން ގާއިމްކުރި ގޮތަށް ގުޅުން ގާއިމްކުރަން ވާހަކަތައް ބާއްވާނެ ކަމަށެވެ. އަދި ޓެރަރިސްޓް ގައުމުތަކުން ނަގައިދީ އިސްރާއިލާ ގުޅުން ގާއިމްކުރުމަށް ތިން ބިލިއަން ޑޮލަރުގެ އެހީއަކަށް ސޫދާނުން އެދިފައިވާކަމަށްވެސް ބުނެފައިވެ އެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ދާދި ފަހުން ސޫދާނަށް ކުރެއްވި ދަތުުރުގައި ވެސް ވަނީ އެގައުމުން އިސްރާއިލާ ގުޅުން ގާއިމްކުރުމަށް ބާރު އަޅުއްވައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިސްރާއިލާ ޔޫއޭއީ އަދި ބަހްރެއިން ގުޅުން ގާއިމްކުރުމުން އަރަބި ގައުމުތަކުންވެސް އެފަދައިން އަމަލުކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށެެވެ.-- އަލްޖަޒީރާ