22 Sep 2020, 00:44
އދ ގެ ޗާޓަރުގައި ހިމެނޭ އަސާސްތައް ދަމަހައްޓައި، އަމާޒު ހާސިލްކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދެއްވައިފިއެވެ.
އދ އަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހައި ލެވެލް މީޓިންގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ އދ ގެ މެމްބަރު ގައުމަކަށް ރާއްޖެ ވީ ފަހުން، އެހެން މެމްބަރު ގައުމުތަކާ ގުޅިގެން މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް ތަނުގައި ވެސް މެމްބަރު ގައުމުތަކާ ގުޅިގެން ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ، އދ ގެ ޗާޓަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެވޭނީ ހުރިހާ ގައުމަކުން އެކުގައި މަސައްކަތް ކޮށްގެން ކަމަށާއި އަދި މުޅި ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ ކޮވިޑް19 ގެ ދަތިކަމުން ވެސް އަރައިގަނެވޭނީ އެ މަގުން މަސައްކަތްކޮށްގެން ކަމަށެވެ.
ރައީސް ވިދާޅުވީ މުޅި ދުނިޔެއަށް ވެސް ދެން ކުރިމަތިލާން ޖެހޭނެ އެންމެ ބޮޑު ދައްޗަކަށް ވާނީ ކޮވިޑް19 ގެ ސަބަބުން ލިބުނު އެކި ކަހަލަ ގެއްލުންތަކުން އަރައިގަތުން ކަމަށެވެ.
އެކަމުގައި ރާއްޖެ ފަދަ ކުދި އަދި ތަރައްގީވަމުން އަންނަ ނާޒުކު ގައުމުތަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ އެހީތެރިކަން ބޭނުންވާނެ ކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
އަދި އޭގެ ބަދަލުގައި، ކުރިއަށް އޮތް ތަނުގައިވެސް ދިމާވެދާނެ ކޮންމެ ދަތިކަމަކުން އަރައިގަތުމަށް ބައިނަލްއަގުވާމީ ދުނިޔެއާ ކޮނޑާ ކޮނޑު ޖައްސައިގެން މަސައްކަތް ކުރުމުގައި، އދ ގެ ފަޚުރުވެރި މެމްބަރެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.