އދ. މަޖިލިސް (21 ސެޕްޓެމްބަރު 2020): ކޮންމެ އަހަރެއްގެ ސެޕްޓެމްބަރާއި އޮކްޓޯބަރުގައި ބާއްވާ އދ. ގެ ޖެނެރަލް އެސެމްބްލީ ނުވަތަ އާންމު މަޖިލީހުގެ ޖަލްސާތައް މިއަހަރު ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓެރެސް އިއުލާން ކުރައްވައިފި އެވެ.

ގުޓެރެސް ވިދާޅުވީ މިއީ އދ. ގެ ތާރީހުގައިވެސް ޖެނެރަލް އެސެމްބްލީގެ ޖަލްސާތައް ވާޗުއަލްކޮށް ބާއްވާ ފުރަތަމަ ފަހަރުކަމުން އދ. ގެ އެންމެ ބޮޑު އެއްވުން މިގޮތަށް ބާއްވަންޖެހުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ އެކު މުޅި ދުނިޔެ އުޅެންޖެހިފައިވާ ނިއުނޯމަލް ގެ ހާލަތުގައި ޖެނެރަލް އެސެމްބްލީގެ ޖަލްސާތައް މިނޫންގޮތަކަށް ބޭއްވޭނެ ގޮތެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގްޓެރަސް

މި ހަފްތާ ވާޗުއަލްކޮށް ބާއްވާ ޖެނެރަލް އެސެމްބްލީގެ ޖަލްސާތަކުގައި އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ގިނަ ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުން ތަގުރީ ކުރައްވާނެ ކަމަށްވެސް ގުޓެރެސް ވިދާޅުވި އެވެ. ޖެނެރަލް އެސެމްބްލީގެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދައިން ފެށިގެންނެވެ. އާންމު ގޮތެއްގައި ތިނެއް ނުވަތަ ހަތަރު ހަފްތާގެ މުއްދަތަށް މި ޖަލްސާތައް ކުރިޔަށްދެ އެވެ.

އދ. ވުޖޫދަށް އައިތާ 75 އަހަރު ފާހަގަ ކުރުން

އަނެއްކޮޅުން މިމަހުގެ 24 ވާ ބުރާސްފަތި ދުވަހަކީ އދ. ވުޖޫދަށް އައިތާ 75 އަހަރު ފުރޭ ދުވަސްކަމަށް ވާތީ މިކަން ފާހަގަ ކުރުމަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ހާއްސަ ޖަލްސާއެއް ވާޗުއަލްކޮށް ނިޔުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިއަދު ބާއްވާނެ އެވެ. މި ޖަލްސާގައި ވެސް ދުނިޔޭގެ ބައެއް ގައުމުތަކުގެ އިސްވެރިން ވާހަކަ ދައްކަވާނެ އެވެ. އޭގެތެރޭގައި ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އދ. އުފެއްދުމަށް އެންމެ ފުރަތަމަ މަސައްކަތްކުރި ގައުމުތަކާ އަދި ދެވަނަ ބޮޑުހަނގުރާމައަށް ފަހު އެޖަމްއިއްޔާ ވުޖޫދަށް އައުމަށްފަހު މެންބަރުންގެ ގޮތުގައި އެންމެ ފުރަތަމަ ވެގެންދިޔަ ގައުމުތަކުގެ އިސްވެރިން ހިމެނެ އެވެ.

އދ. އުފެއްދުމުގެ މަސައްކަތް ފެށުން

އދ. އުފައްދަން މަސައްކަތްކުރެއްވީ 1942 ވަނައަހަރު އެމެރިކާގެ އޭރުގެ ރައީސް ފްރެންކްލިން ރުޒަވެލްޓް އެވެ. ނަމަވެސް އޭގެކުރިން 1941 ގައި އިނގިރޭސިވިލާތުގެ ތާރީހީ ގަނޑުވަރެއްކަމަށްވާ ސެންޓް ޖޭމްސް ގަނޑުވަރުގައިވެސް އދ. ފަދަ ޖަމްއިއްޔާ އެއް އުފެއްދުމުގެ ޑެކްލަރޭޝަނެއް އިއުލާން ކުރި އެވެ.

ރޫސީވިލާތުގެ ޔާލްޓާގައި އެމެރިކާގެ ރައީސް ރުޒަވެލްޓާއި ރޫސީވިލާތުގެ ރައީސް ޖޯސެފް ސްޓާލިން އާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވިންސްޓްން ޗާޗިލް ބައްދަލުކުރައްވަނީ

ސީދާ ޔުނައިޓެޑް ނޭޝަންގެ ނަމުގައި 1942 ގައި އެމެރިކާގެ އޭރުގެ ރައީސް ރުޒަވެލްޓް މިމަސައްކަތް ފެއްޓެވީ އޭރު މުޅި ދުނިޔެއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ ޖަރުމަނުވިލާތުން ދުނިޔެއާ ދެކޮޅަށް ފަށާފައިވާ ދެވަނަ ބޮޑު ހަނގުރާމައިން ސަލާމަތްވުމަށްފަހު ދެން އެފަދަ ހަނގުރާމައެއް ދުނިޔޭގައި އުފެދުނަ ނުދީ ދުނިޔޭގައި އަމަނާއި ސުލްހަ ގެނައުމުގެ ވިސްނުމުގަ އެވެ.

އެމެރިކާގެ އޭރުގެ ރައީސް ފްރެންކްލިން ރުޒަވެލްޓް

ނާޒީ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރާ އޭނާގެ ބައިވެރިޔާ އިޓަލީގެ ފެސިސްޓް ވެރިޔާ ބިޓީނޯ މުސެލީނީ ގެ ބާރުތަކާ ދެކޮޅަށް އިއްތިހާދީންގެ ގޮތުގައި ހަނގުރާމަކުރުމަށް އެއްބަސްވި 26 ގައުމުގެ ވެރިންގެ އެއްބަރުލެއްވުމާއި ތާއީދާއެކުގަ އެވެ. އދ. އުފެއްދުމުގެ މަޝްވަރާ ޖަލްސާތައް 1943 ގައި އީރާނުގެ ވެރިރަށް ތެހެރާންގައާއި 1944 ގައާއި ރޫސީވިލާތުގެ ރަށެއްކަމަށްވާ ޔާލްޓާގައިވެސް ބޭއްވި އެވެ.

އދ. ގެ ޗާޓާރު އެކުލަވާލުން

އދ. ގެ ޗާޓަރު އެކުލަވާލީ ދެވަނަ ބޮޑުހަނގުރާމަ ނިމުމާއެކު ދުނިޔޭގެ 50 ގައުމުގެ މަންދޫބުން 25 އެޕްރީލް 1945 ގައި އެމެރިކާގެ ސެންފްރަންސިސްކޯ ގައި ބޭއްވި ތާރީޚީ ބައްދަލުވުންނެވެ.

އދ. ގެ ޗާޓަރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު

މި ބައްދަލުވުން ބޭއްވީ 1944 ވަނައަހަރުގެ އޮކްޓޯބަރު މަހު އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ޑުންބާޓުން އޯކްސްގައި އެމެރިކާ، ރޫސީވިލާތް (ކުރީގެ ސޮވިއެޓް ޔުނިޔަން) ، ޗައިނާ އަދި އިނގިރޭސިވިލާތުގެ މަންދޫބުން ބައްދަލުކުރައްވައި އދ. އުފެއްދުމާބެހޭގޮތުން ނިންމެވި ނިންމުންތަށް ފައިނަލްކުރުމަށެވެ.

އދ. ގެ ޓާޗަރުގައި ސޮއިކުރުން

އެއަށްފަހު އދ. ގެ ޗާޓަރުގައި މި 50 ގައުމުގެ މަންދޫބުން ސޮއިކުރެއްވީ 26 ޖޫން 1945 ގައެވެ. އެއަށްފަހު 51 ވަނަ ގައުމުގެ ގޮތުގައި ޕޮލެންޑުން އދ. ގެ ޗާޓަރުގައި ސޮއިކުރި އެވެ.

ގައުމުތަކުން އދ. ގެ ޓާޗަރު ތަސްދީގުކުރުން

ރަސްމީކޮށް އދ. ވުޖޫދަށް އައިކަން އިއުލާނުކުރީ 24 އޮކްޓޯބަރު 1945 ގައެވެ. އެއީ އދ. ގެ ޗާޓަރުގައި ސޮއިކޮށްފައިވާ 51 ގައުމުގެ ސަރުކާރުތަކުން އެ ޗާޓަރު ތަސްދީގުކުރިކަން ރަސްމީ ސިފައެއްގައި އިއުލާނު ކުރުމުންނެވެ. އެހެންކަމުން އދ. ދުނިޔޭގެ ވުޖޫދަށް އައުމުގެ ނުވަތަ އުފަންވުމުގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މިއެވެ. 24 އޮކްޓޯބަރު 1945 އެވެ. --(ނޫސްއެެޖެންސީތައް)