15 Jan 2012, 21:29
މިމަހު 25 ވަނަ ދުވަހު ބާއްވާ އެތުލެޓިކްސް އެސޯސިއޭޝަންގެ އަހަރީ އާއްމު ޖަލްސާގައި މަޤާމްތަކަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަށް ވޯޓް ދެވޭނެ ފަރާތްތަކުގެ ނަންތައް ކަނޑައަޅައިފި އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އަހުމަދު މުންތަގިމް ވިދާޅުވީ، އިންތިހާބުގެ ކަންތައްތައް ވަރަށް ފޯރިޔާއެކު ކުރިއަށްދާއިރު، މަގާމްތަކަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ވޯޓް ދެވޭނީ އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކުގެ ތެރެއިން ހަ ކުލަބަށާއި ހަތަރު އިންޑިވިޖުއަލް މެމްބަރުންނަށް ކަމަށެވެ.
މުންތަގިމް ވިދާޅުވީ، އިންތިހާބުގައި ވޯޓްލެވޭނެ ހަ ކްލަބަކީ ދިވެހި ސިފައިންގެ ކުލަބާއި، ކަސްޓަމްސް ރިކްރިއޭޝަން ކުލަބާއި، ޕޮލިސް ކުލަބާއި، ބީ ޖީ ސްޕޯޓްސް ކްލަބާއި، ތިނަދޫ ޒުވާނުންގެ ކްލަބް އަދި ޒިފިއަސް ސްޕޯޓްސް ކްލަބަށެވެ. އަދި އިންޑިވިޖުއަލްކޮށް ވޯޓްލެވޭނެ ހަތަރު މެންބަރުންނަކީ މުޙައްމަދު ހާނިމް (ކޯޗަސް ރެޕްރެޒެންޓޭޓިވް)، ނީޝާ ޙަލީމް (ސޯޝަލް ރެޕްރެޒެންޓޭޓިވް)، އަޙްމަދު ރައުހާން (ޓެކްނިކަލް އޮފިޝަލްސް ރެޕްރެޒެންޓޭޓިވް) އަދި ޢަލީ ޝަރީފް (އެތުލީޓް ރެޕްރެޒެންޓޭޓިވް) އެވެ.
އެތުލެޓިކްސް އެސޯސިއޭޝަންގެ މިހާރުގެ ހިންގާ ކޮމިޓީގެ މުއްދަތު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު، މިފަހަރު އަލަށް އިންތިހާބު ކުރެވޭ ހިންގާ ކޮމިޓީގެ މަސައްކަތް އަންނަ ޖުލައި މަހުގެ އެއް ވަނަދުވަހު ފަށާނެ ކަމަށް މުންތަގިމް ވިދާޅުވިއެވެ.
މިފަހަރުގެ އިންތިހާބުގައި މަޤާމްތަކަށް އިންތިހާބު ކުރެވޭ މަގާމުތަކަކީ ރައީސް، ނާއިބް ރައީސް ޚަޒާންދާރު، އަދި އާންމު ހަތަރު މެންބަރުންނެވެ. އަދި އާންމު ހަތަރު މެންބަރުގެ ތެރޭގައި އަންހެން މެމްބަރެއް ވެސް ހިމެނޭކަމަށް މުންތަގިމް ވިދާޅުވި އެވެ.
މުންތަގިމް ވިދާޅުވީ، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ އަންގާރަ ދުވަހުގެ 12:00 ޖަހާއިރަށް ހަމަވާއިރު، މަޤާމްތަކަށް ކުރިމަތިލައްވާ ބޭފުޅުންގެ ފޯމްތައް މާދަމާ ލިބޭވަރު ވާނެ ކަމަށެވެ.
"އަޅުގަނޑަށް އިގިފައިވާގޮތުން ރައީސްކަމަށް ދެ ބޭފުޅަކު ކުރިމަތިލައްވާ. އެއީ ހާނިމްއާއި ތޮލާލް. ނައިބުކަމަށް ތިން ފަރާތެއް ކުރިމަތިލައްވާކަން ވެސް އަޅުގަނޑަށް ވަނީ އެނގިފަ. އެބޭފުޅުންގެ ފޯމްތައް މާދަމާ ލިބޭނެ ހެން ހީވަނީ" މުންތަގިމް ވިދާޅުވި އެވެ.
މުންތަގިމް ވިދާޅުވީ، އިންތިހާބުގެ ކަންކަން ވަރަށް އިންސާފު ވެރިކަމާއެކު ބޭއްވެނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިންތިޚާބު ކުރެވޭ މަގާމްތަކުގެ ތެރެއިން ރައީސް އާއި ނާއިބް ރައީސް އަދި ޚަޒާންދާރުގެ މަގާމަށް ކުރިމަތިލެވޭނީ އެއެސޯސިއޭޝަންގެ މެމްބަރު ނުވަ ކުލަބަށް ކަމަށް ވެސް މުންތަގިމް ވިދާޅުވިއެވެ.