15 Jan 2012, 20:38
އަހުމަދު އާޒިފު އަދި މުހައްމަދު ނަސީމް
ގައުމީ ޕާޓީގެ ނާއިބް ލީޑަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ފުލުހަށް ހާޒިރުކޮށް ހައްޔަރުކުރީ ގާނޫނު އަސާސީ އާއި ޚިލާފަށްކަމަށް ވާތީ އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޑރ. ޖަމީލު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔައީ ސަރުކާރާބެހޭ ގޮތުން ސާބިތު ނުހިފޭ ވާހާކަފުޅު ދައްކަވާ ކަމަށް ތުހުމަތު ކޮށް ތިން ވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު އެވެ. މިރޭ 8:30 ގައި ޑރ. ޖަމީލު އޭނާގެ ވަކީލުންނާއެކު ފުލުހަށް ވަޑައިގަތުމުން ހައްޔަރުކޮށް އޭނާގެ ވަކީލުގެ ޣައިރު ހާޒިރުގައި ދޫނިދޫއަށް ގެންދެވި އެވެ. އެއާއެކު އޭނާ ހައްޔަރު ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލުމަށް އެދި ޑރ. ޖަމީލުގެ އެކުވެރިޔާ ޑރ. ހަސަން ސައީދު ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅުއްވެވި އެވެ.
ފުލުހުން ޑރ. ޖަމީލު ކޯޓަށް ހާޒިރު ކުރީ މިރޭ އިރާކޮޅު އެއްގަޑިއިރުގެ ތެރޭގައި ޑރ. ޖަމީލު ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ. އެ އަމުރާ އެއް ގޮތަށް ޑރ. ޖަމީލު ހާޒިރު ކުރި ނަމަވެސް މީގެ ދެރޭ ކުރިން ފުލުހުން ވަނީ ގައުމީ ޕާޓީގެ އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) ކޯޓަށް ހާޒިރު ކުރުމަށް ނެރުނު އަމުރަށް ތަބާނުވެފަ އެވެ.
ރައީސް މައުމޫންގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ކަމާއި މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވެވި ޑރ. ޖަމީލު ހައްޔަރުކުރުމާއި ގުޅިގެން އޭނާގެ ވަކީލު ޑރ. ހަސަން ސައީދު މިރޭ ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް ހިންގެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދެވެ.
އޭނާ ޝަރީއަތް ހިންގެވުމަށް ފަހު ކުރެއްވެވި އަމުރުގައި އިސް ގާޒީ ވިދާޅުވީ ޑރ. ޖަމީލުގެ މައްޗަށް ފުލުހުން ކޮށްފައިވާ އާންމު މަސްލަހަތު ނަގާލުމުގެ ތުހުމަތު ފުލުހުންނަށް ސާބިތުކޮށް ދެވިފައި ނުވާ ކަމަށެވެ.
އިސް ގާޒީ ވިދާޅުވީ ފުލުހުންގެ އިސްވެރިއެއް ކަމަށްވާ ރިޔާޒު ވިދާޅުވެގެން ޑރ. ޖަމީލު ހައްޔަރު ކުރި ކަމަށް ފުލުހުން ޝަރީއަތުގައި ބުނާއިރު، ޑރ. ޖަމީލު ހައްޔަރުކުރީ ކޮން ގާނޫނެއްގެ ދަށުންކަން ވެސް ފުލުހުންނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ޑރ. ޖަމީލު ހައްޔަރުކުރީ ގާނޫނާއި ޚިލާފަށް ކަމަށް ޝަރީއަތަށް ސާބިތުވާތީ ޑރ. ޖަމީލު ބަންދުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ކުރިން ކްރިމިނަލް ކޯޓްގެ އިސް ގާޒީކަން ކުރެއްވެވި ޑރ. ޖަމީލް، ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ދައުލަތާއި ބެހޭގޮތުން ހަގީގަތާއި ޚިލާފު ވާހަކަތަކެއް ދެއްކިކަމަށް ބުނެ މީގެ ދެ ދުވަސް ކުރިން ފުލުސް އޮފީހަށް ހާޒިރުވުމަށް އޭނާއަށް ޗިޓް ފޮނުވުމުން ހާޒިރުވެ ފުލުހުންނަށް ޖަވާބުދާރީ ވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތުހުމަތުކުރެވުނު އެ މައްސަލައިގެ ތަހުގީގު ނިމިފައިވާއިރު ގާނޫނު އަސާސީ އާއި ޚިލާފަށް އޭނާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.
ޝަރީއަތުގައި ފުލުހުން ބުނީ ޑރ. ޖަމީލު ހައްޔަރުކުރީ ފުލުހުންގެ އިސްވެރިއެއް ކަމަށްވާ ރިޔާޒުގެ އެންގުމަށް ކަމަށެވެ. ޑރ. ޖަމީލް ހައްޔަރު ކުރުމަކީ ގާނޫނާއި ޚިލާފު ޣައިރު ގާނޫނީ ކަމެއް ނޫން ކަމަށް ރިޔާޒު އެ އެންގެވި ކަމަށެވެ.
ނަމަވެސް ސްޕްރީމް ކޯޓާއި ކްރިމިނަލް ކޯޓްގެ ނިންމުންތަކަށް ރިއާޔަތް ނުކޮށް ހައްޔަރުކުރީ ކީއްވެތޯ އިސް ގާޒީ ސުވާލު ކުރެއްވުމުން ފުލުހުން ބުނީ އެ ސުވާލަށް ޖަވާބުދާރީ ވެވެން ނެތްކަމަށެވެ. ޖާވާބުދާރީވެވޭ ވަރުގެ މީހަކު ނުފޮނުވީ ކީއްވެތޯ އެއްސެވުމުން ވެސް ފުލުހުން ވަނީ ކޯޓުގައި ޖަވާބުދާރީ ނުވެފައެވެ. ޝަރީއަތުގެ އެހިސާބުން އިސް ގާޒީ އެއްސެވީ ޖަވާބުދާރީ ނުވެވޭ ކަމަށް ބަލަންވީތޯ އެވެ؟ އިސް ގާޒީ އެ ސުވާލު ކުރެއްވުމުން ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވި ފުލުސް ވަކީލު ވިދާޅުވީ "އިއްޒަތްތެރި ގާޒީ އަޅުގަނޑަށް ޖަވާބުދާރީ ވެވޭކަށް ނެތް،" ކަމަށެވެ.
ޑރ. ޖަމީލު ދޫކޮށްލަން އަމުރު ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ވަނީ އޭނާގެ ވަކީލު، ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ އައިޝަތު އާޒިމާ ޝަކޫރާއި ޑރ. ހަސަން ސައީދާއެކު ކާރުގައި ގެއަށް ވަޑައިގެންފައެވެ. އޭގެ ކުރިން ނޫސްވެރިނަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޖަމީލު ވިދާޅުވީ ފުލުހުން އޭނާ ހައްޔަރު ކުރެއްވީތީ ހިތާމަ ކުރައްވާ ކަމަށެވެ. އޭގެ ކުރިން ޑރ. ޖަމީލު ހައްޔަރުކޮށް ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫއަށް ގެންދިޔަ މަގުމަތީގައި ވެސް ޑރ، ޖަމީލު ނޫސްވެރިންނަށް މައުލޫމާތު ދެއްވި އެވެ. އެފަހަރު ވިދާޅުވީ "ރައީސް ނަޝީދުގެ ސަރުކާރުގެ ނިމޭ ހިސާބު ފެށުނީ" ކަމަށެވެ.
----------------
މިހާރު އިދިކޮޅު ފަރާތްތަކާއި އެމްޑީޕީ މީހުން އެއްތަނަކަށް ޖަމާވެ ކުރިމަތިލައި ހަމަނުޖެހުން ހިނގަމުންދަނީ. ބައެއް މީހުންނަށް އަނިޔަވެސް ވެއްޖެ ކަމަށް ބުނޭ
00:56 ޑރ. ޖަމީލުގެ ސަޕޯޓަރުންނާއި އިދިކޮޅު ފަރާތްތަކުން ފުލުހުންނާ ދިމާކޮށް އުފާފާޅުކުރަމުން އެބަދޭ. ޑރ. ޖަމީލު މިހާރުވަނީ ސަޕޯޓަރުންނާއި އިދިކޮޅު ވަރަށް ގިނަ ފަރާތްތަކަށް ހިތްވަރު ދެއްވާ އިންޓަވިއުއެއް ދެއްވުމަށްފަހު ގާނޫނީ ވަކީލުންނާއެކު ގެއަށް ވަޑައިގެންފަ. ޖަސްޓިން ބިލްޑިން ސަރަހައްދުގައި އުފާފުޅުކޮށް އަޑުގަދަ ކުރަމުން އެބަދޭ.
00:45 ކްރިމިނަލް ކޯޓުގެ އިސް ގާޒީ ވިދާޅުވީ ޑރ. ޖަމީލުގެ މައްޗަށް ފުލުހުން ކޮށްފައިވާ އާންމު މަސްލަހަތު ނަގާލުމުގެ ތުހުމުތައް ފުލުހުންނަށް ސާބިތުކޮށް ޖަވާބުދާރީވެވިފައި ނުވާތީ އާއި އަދި ފުލުހުންގެ އިސްޕެކްޓަރު ރިޔާޒު ވިދާޅުވެގެން ޑރ. ޖަމީލު ހައްޔަރު ކުރި ކުރުން ސާބިތު ކޮށްދެވިފައި ނުވާއިރު ކޯޓުގައި ޖަވާބުދާރީވެވޭވަރުގެ ބޭފުޅަކުވެސް ކޯޓަށް ވަޑައިގެންފައި ނުވާތީ ޑރ. ޖަމީލު މިހާރު ކޮށްފައިވާ ބަންދުން ދޫކޮށްލުމަށް ފުލުހުންގެ މައްޗަށް އަމުރުކުރީ ކަމަށް. އަދި ޑރ. ޖަމީލު ހައްޔަރު ކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް.
00:23 ފުރަތަ އަޑު އެހުން ނިންމާލުމަށްފަހު ދެވަނަ އަޑު އަހުމަށް ޑރ. ޖަމީލު ޝަރީއަތުގެ މަޖިލީހަށް ވަދެވަޑައިގެންފި
http://sun.mv/albums/live_3210.jpg
00:23 އަޑު އެހުމުގައި ފުލުހުން ބުނީ ޑރ. ޖަމީލް ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ނޫން ކަމަށާއި ސާބިތު ނުހިފޭ ވާހަކަ ދައްކަވާތީ އިންސްޕެކްޓަރު ރިޔާޒު ވިދާޅުވެގެން ހައްޔަރު ކުރީ ކަމަށް. އަދީ އެގޮތަށް ހައްޔަރު ކުރެވޭނެ ކަމަށް ރިޔާޒު ވިދާޅުވި ކަމަށާއި ޑރ. ޖަމީލުގެ ވާހަކަތަކުން މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދޭ ކަމަށް. ސުޕްރީމް ކޯޓުން ގަޒިއްޔާއިން މީގެ ކުރިން ނިންމާފައިވާ ގޮތާ ހިލާފަށް ހައްޔަރުކުރީ ކީއްވެގެންތޯ އާއި ކޮން ގާނޫނަކާ ހަވާލާދީތޯ ސުވާލު ކުރުމުން ބުނީ ޖާވާބުދާރީވާން ނޭނގޭ ކަމަށް. ގާޒީ ވިދާޅުވީ ޖާވުދާރީ ނުވެވޭވަރުގެ ބަޔަކު ފުލުހުންގެ ފަރާތުން ކޯޓަށް ފޮނުވައިގެން ނުވާނެ ކަމަށް. ކޯޓުގައި ފުލުހުންގެ ފަރާތުން ވާހަކަ ދެއްކެވީ ކޯޕްރަލް މުހައްމަދު ޖިނާހު. ޑރ. ޖަމީލުގެ ފަރާތުން ޑރ. ހަސަން ސައީދު ވިދާޅުވީ ޑރ. ޖަމީލް ހައްޔަރުކުރީ ގާނޫނީ ހިލާފަށް ކޯޓު އަމުރަކަށް ނުލާ ކަމަށާއި ތިން ދުވަސް ދިޔައިރު ފުލުހުންނަށް ކޯޓު އަމުރު ހޯދާނެ ފުރުސަތު ލިބުނު ކަމަށް. މިވަގުތު ވަނީ އަޑު އެހުން މެދު ކަނޑާލާފައި ދެން އޮންނާނީ މައްސަލައަށް ގޮތެއް ނިންމުން.
00:03 އެމްޑީޕީގެ މީހުން މިވަގުތު ތިބީ ޓްރޭޑް ސެންޓަރާ ހަމައިގައި. އެތަނުގައި މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ގަސަމް ވެސް އެބަތިއްބެވި.
00:03 ޖަސްޓިސް ބިލްޑިން ކައިރި މިހާރު ވަނީ ސާފުކޮށްލައިފި. އެކަމަކު އަދިވެސް ބައެއް މީހުން އެބައުޅޭ.
23:51 އެމްޑީޕީގެ މީހުން އެއްވެތިބި ސަރަހައްދުގައި ވަރަށް ބޮޑަށް ހަމަނުޖެހުން ހިނގަމުންދޭ.
23:51 އަނެއްކާވެސް އިތުރު މީހަކު ހައްޔަރުކޮށްފި، މިފަހަރު ހައްޔަރުކުރީ ފިރިހެނެއް.
23:49 ފުލުހުން ފަހަތުގައި ތިބުމަށް ފަހު ދުވެފައި އައިސް އަނެއްކާވެސް ޕެޕާ ސުޕްރޭ ޖަހައިފި. އެއްވެފައިވާ މީހުންތައް ބައިބައިކޮށް ރޫޅައިލުމަށް ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުން
23:47 މިހާރު އަނެއްކާވެސް ފުލުހުން ޖަސްޓިސް ބިލްޑިންގާ ދިމާއަށް ފަހަތަށް ޖެހިއްޖެ. އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިދިކޮޅު ފަރާތްތަކުން ވެސް އަޑުގަދަ ކުރަމުން ދަނީ.
23:44 އެއްވެފައިވާ އެމްޑީޕީ އެކްޓިވިސްޓުންގެ ތެރެއަށް ޕެޕާ ސުޕްރޭ ޖަހައިފ. އެމްޑީޕީ މީހުން ވެސް ފެންފުޅިތައް ފުލުހުންނާ ދިމާއަށް އުކަމުން އެބަދޭ.
23:39 މެދު ކެނޑުމެއްނެތި ފުލުހުން އިންޒާރު ދެމުން ދަނީ. ބައެއް ފަހަރު މީހުން ފަހަތަށް ޖެހުމަށް ފަހު އަނެއްކާވެސް ޖަމާވަމުން ދަނީ.
23:37 ފުލުހުން އިންޒާރު ދޭން ފެށުމާއެކު ހިލާލީގޭ ސަރަހައްދުގައި ތިބި މީހުން ފަހަތަށް ޖެހި ވަރަށް ބޮޑަށް މީހުން މަދުވެއްޖެ.
23:33 އެއްވެފައިވާ މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި.
23:31 ބައެއް ދިމާ ދިމާއި އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުންގެ މެދުގައި ކޮންމެވެސް ވަރަކަށް އަނެއްކާވެސް ހަމަނުޖެހުންތައް ވަނީ ހިނގަން ފަށާފައި.
23:29 ސުޕްރީމް ކޯޓާ ހަމައަށް ފަހަތަށް ޖައްސާފައިވާ މީހުންގެ ތެރޭގައި ފުލުހުންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުން އެބަދޭ.
23:24 އެމްޑީޕީގެ އެކްޓިވިސްޓުންނާއި އިދިކޮޅު ބައެއް ފަރާތްތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން އެބަދޭ. ޖަސްޓިސް ކައިރީގައި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނޭ. އީވާން ނަސީމްގެ މަންމަ، މަރިޔަމް މަނިކެ ދެންމެއަކު ހައްޔަރުކޮށްފި
23:22 ޖަސްޓިސް ބިލްޑިން ކައިރިއަށް އެއްވި އިދިކޮޅު މީހުންގެ ތެރޭގައި ހުރި އަންހެނަކު ހައްޔަރުކޮށްފި. އެނާ ހައްޔަރު ކުރީ ފުލުހުންނާ ކުރިމަތިލުމުން
23:16 ކްރިމިނަލް ކޯޓް ހިމެނޭ ޖަސްޓިސް ބިލްޑިން ކައިރިން މީހުންތައް ސުޕްރީމް ކޯޓަށް ދިމާއަށް ފަހަތަށް ޖައްސަން ފަށައިފި. އަދި އެ ސަރަހައްދުން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ.
23:09 ޖަމީލް މިނިވަން ކުރުމަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ފަށައިފި. ޖަސްޓިސް ބިލްޑިން ހިމެނޭ މުޅި ސަރަހައްދުގައި ވެސް ފުލުހުންގެ ސަފުތައް ވަނީ ރުކުރުވާލާފައި. ފުލުހުން ދަނީ އާންމުން ފަހަތަށް ޖެއްސުމަށް ދަނީ މަސައްކަތް ފަށާފައި. ފުލުހުން ބޮޑަށް މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތައް ފަހަތަށް ޖެއްސުމަށް.
23:04 ސްޓާފޯސް ވެސް މިވަގު އޮތީ ޖަސްޓިސް ބިލްޑިން ކައިރީގައި. އެ ސަރަހައްދުގައި އިދިކޮޅު ފަރާތްތަކާއި އެމްޑީޕީގެ އެކްޓިވިސްޓުން ވެސް ވަނީ ގިނަ އަދަދަކަށް އެއްވެފައި.
23:01 އެމްޑީޕީ ހަރުގެ ޖަލްސާ މެދު ކަނޑައިލުމަށްފަހު އެންމެން ކޯޓް ކައިރިއަށްދާން ހިނގައިގެންފި
22:59 ކޯޓް ދޮށަށް ދާން އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް ހަރުގޭގައި އިއުލާން ކޮށްފި، މީގެ ކުރިން ވެސް ވަނީ އެކްޓިސްޓުންގެ ގްރޫޕެއް ކޯޓް ދޮށަށް ނައްޓާލާފައި.
22:53 ފުލުހުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ ޑރ. ޖަމީލު ދާދި ދެންމެއަކު ފުލުހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި. މިވަގުތު ޖަމީލު އިންނެވީ ކޯޓްގެ ތެރޭ އޭނާގެ ވަކީލުންނާއެކު.
22:50 އެމްޑީޕީން ހަރުގެ ތެރެއިން ބައެއް އެކްޓިވިސްޓުން ކޯޓްދޮށަށް ނައްޓާލައިފި ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ނޫސްވެރިޔާ ބުނޭ.
22:44 ޑރ. ޖަމީލް ކޯޓަށް ހާޒިރު ކުރަން އުޅޭ ކަމުގެ މައުލޫމާތު ވެސް ލިބޭ. ހޯމް މިނިސްޓަރު ދިރިއުޅުއްވާ ގޭގެ ކައިރިއަށް ދިޔައ މީހުން އެނބުރު ޖުމްހޫރީ މައިދާން ކައިރިއަށް ދިއުމުން ރުޅާލައި ފަހަތަށް ޖައްސައިފި،
22:22 ހޯމް މިނިސްޓް އަފީފު އުޅުއްވާ ގޭ ކައިރިއަށް އެއްވި މީހުން ފުއްޕާ ހަމަށް ފެން އަޅައިގެން ވެސް އުކަމުން އެބަދޭ.
22:09 ހޯމް މިނިސްޓަރު ދިރިއުޅުއްވާ ގޭގެ ކައިރީ އަޑުގަދަ ކުރަމުންދާއިރު ބިސް އުކަމުން ވެސް އެބަދޭ.
22:08 އެއްގަޑިއިރުގެތެރޭގައި ޑރ. ޖަމީލް ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ފުލުހުނަށް އަމުރުކޮށްފި. މި އަމުރުގައި ބުނަނީ ޏ. ފުވައްމުލަކް އީސްޓްލައިޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރުކޮށްފައި ވަނީ ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަމަށް ބުނެ ސ. ފޭދޫ ދިއްގާގަސްދޮށުގޭ ޑރ. ހަސަން ސައީދު މައްސަލަ ހުށަހަޅުއްވާފައިވާތީ ކުރިއަށް އޮތް އެއްގަޑިއިރުގެ ތެރޭގައި ޑރ. ޖަމީލު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ފުލުހުންނަށް އަންގާ އަމުރު ކުރާ ކަމަށް.
22:03 އެއްވި މީހުން މިސްރާބު ބަދަލުކޮށް ހޯމް މިނިސްޓަރު ހަސަން އަފީފ7 ދިރިއުޅުއްވާ ގޭ ކައިރިއަށް ޖަމާވެ އަފީފުގެ އިސްތިއުފާއަށް ގޮވާލަން ފަށައިފި.
21:42 އެއްވެފައި ތިބި މީހުން މެގަފޯނު ބޭނުންކޮށްގެން ރައީސް ނަޝީދުގެ އިސްތިއުފާއަށް ގޮވަނީ. އެއްވެފައި ތިބި މީހުން ފަހަތަށް ޖައްސަން ފަށައިފި.
21:37 ޖުމްހޫރީ މައިދާން ކައިރިއަށް އެއްވެފައިވާ މީހުންގެ ތެރެއިން އަންހެނަކާ ފިރިހެނަކު ހައްޔަރުކޮށްފި. މީގެ އިރުކޮޅެއް ކުރިން ފުލުހުން މަގު ބަންދު ކުރުމަށް ބަހައްޓާފައިވާ ބައެއް ތަކެތި ބަޔަކު ވަނީ ވައްޓާލާފައި.
21:27 ޑރ. ޖަމީލް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް ދާދިދެންމެއަކު ކްރިމިނަލް ކޯޓަށް މައްސަލަ ވައްދައިފި.
21:07 ޖުމްހޫރީ މައިދާން ސަރަހައްދުގައި އެއްވެސް ހަމަނުޖެހުމެއް ނުހިންގާ. ކުރިން ވެސް ޝުއޫރު ފާޅުކުރަމުން ދިޔަ މީޙުން ސަރުކާރަށް ކިޔަމުން އެބަދޭ. އިތުރަށް ގޮވާލަމުން ދަނީ ޑރ. ޖަމީލު މިނިވަން ކުރުމަށް.
20:56 ޑރ. ޖަމީލް ހައްޔަރު ކުރި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް އާޒިމާއި ޑރ. ހަސަނާއި އިމާދު ސޯލިހު ކްރިމިނަލް ކޯޓަށް ވަޑައިގެން އެބަތިއްބެވި.
20:55 ޖަމީލު މިނިވަން ކުރުމަށް ގޮވާލައި ބައެއް ފަރާތްތަކުން ޝުއޫރު ފާޅު ކުރަމުން އެބަދޭ.
ތިން ވަނަ ފަހަރަށް އަމުރު ފޮނުވައިގެން ގައުމީ ޕާޓީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ފުލުހަށް ހާޒިރުކޮށް ހައްޔަރުކުރުމަށް ފަހު ދާދިދެންމެއަކު ދޫނިދޫއަށްގެންގޮސްފި އެވެ.
ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރާއެކު ފުލުހަށް ވަޑައިގަތުމުން ހައްޔަރުކޮށް ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އެރުވުމުގެ ކުރިން ޑރ. ޖަމީލް ވިދާޅުވީ "މިހާ ހިސާބުން ރައީސް ނަޝީދުގެ ވެރިކަން ނިމޭ ހިސާބު ފެށުނީ" ކަމަށެވެ. ޖަމީލު ދޫނިދޫއަށް ގެންދެވީ އޭނާގެ ގާނޫނީ ވަކީލާ އައިޝަތު އާޒިމާ ޝަކޫރާ ވެސް ނުލައެވެ. ޖަމީލާއެކު އާޒިމާއާއި ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒުވެސް ލޯންޗަށް އެރުމުން ފުލުހުން ވަނީ އެދެބޭފުޅުން ބާލާފައެވެ.
އާޒިމާ އާއި. ޑރ. ހަސަން މިވަގުތު މަސައްކަތް ކުރައްވަނީ ޑރ. ޖަމީލް ދޫކޮށްލުމަށް އަމުރެއް ހޯދުމަށް ކޯޓަށް ވަޑައިގަތުމަށެވެ.
ޑރ، ޖަމީލު ދޫނިދޫއަށް ފުރުވާލާފައިވާއިރު ވަރަށް ގިނަ އަދަދެއްގެ ބަޔަކު އެ ސަރަހައްދަށް އެއްވެފައި އެބަތިއްބެވެ. ފުލުހުންނާއި ވަނީ މުޅި ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް އެ ސަރަހައްދު ބަންދުކޮށްލާފައެވެ.