މޮސްކޯ (ސެޕްޓެމްބަރު 21) : ކޮވިޑް-19 އަށް ރަޝިޔާ އިން އުފެއްދި ވެކްސިންގެ އެންމެ ފުރަތަމަ ޝިޕްމެންޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިންޑިއާ ގެ ކުންފުންޏަކާއެކުގައި ކަމަށް ރަޝިއާ އިން ބުނެފި އެވެ.

މި ވެކްސިންގެ ވިޔަފާރި ކުރިޔަށްގެންދާ ރަޝިޔާގެ މުއައްސަސާ ކަމަށްވާ "ރަޝިއަން ސޮވެރިން ވެލްތު ފަންޑު" އިން ބުނީ އިންޑިއާ އަށް ވިއްކުމަށް އެއްބަސްވެފައި ވަނީ 100 މިލިޔަން ޑޯޒުގެ ޝިޕްމެންޓެއްކަމަށާއި އެ ޝިޕްމަންޓް ގަތުމުގެ އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއިކުރީ އިންޑިއާގައި ބޭސް އުފައްދާ މަޝްހޫރު ކުންފުންޏެއްކަމަށްވާ "ޑރ. ރެޑީސް ލެބޯޓްރީސް" ކަމުގަ އެވެ. މިއީ 1984 ވަނަ އަހަރު އިންޑިއާގެ ހައިދަރު އާބާދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.

މިހާރު މަސައްކަތް ކުރަނީ މި 100 މިލިޔަން ޑޯޒުގެ ތެރެއިން ބައެއް އުފެއްދުމުގެ މަސައްކަތް ކަމަށާއި އިންޑިއާއަށް މީގެ ބައެއް ފޮނުވޭވަރު ވާނީ އަންނަ އޮކްޓޯބަރު މަހުގެ ކުރީކޮޅުގައި ކަމަށް "ރަޝިއަން ސޮވެރިން ވެލްތް ފަންޑު" އިން ނެރުނު ބަޔާނެއް ބުނެ އެވެ.

ހައިދަރު އާބާދުގައި ހުންނަ "ޑރ. ރެޑީސް ލެބޯޓްރީސް" ކުންފުނީގެ މައި އޮފީސް

ރަޝިއާގެ ވެކްސިންގެ ނަމަކީ "ސްޕުޓްނިކް ވީ" އެވެ. މިއީ ކްލިނިކަލް ދެ މަރުހަލާއެއްގައި ތަޖްރިބާކޮށްފައިވާ ވެކްސިންއެކެވެ. މި ދެ މަރުހަލާގައި ވެކްސިން ދިން މީހުންގެ ހަށިގަނޑުން ވެސް ކޮވިޑް-19 އާ އިދިކޮޅު އެންޓިބޮޑީސް އުފައްދާފައިވެ އެވެ. ނަމަވެސް ވެކްސިންގެ ރައްކާތެރިކަން މުޅިން ކަށަވަރު ކުރެވޭވަރަށް ވެކްސިންގެ ކްލިނިކަލް ތަޖްރިބާތަކުގެ މުއްދަތު ކުރުވުމާއި ތިންވަނަ މަރުހަލާގެ ތަޖްރިބާ ނުކުރުމަކީ މި ވެކްސިން އާ މެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އާއި އަދި ބައެއް ސައެންސްވެރިންގެ ކަންބޮޑުވުމެކެވެ.

މިވެކްސިން އުފެއްދި ރަޝިއާގެ ނިކޮލައި ގަމާލެއާ ރީސާޗް އިންސްޓިއުޓުން ބުނެފައި ވަނީ ތިން ވަނަ މަރުހަލާގެ ކްލިނިކަލް ތަޖްރިބާ އެއް ވަނަ މަރުހަލާއާއި ދެވަނަ މަރުހަލާގެ ތެރެއިން ގެންގޮސްފައިވާ ކަމުގަ އެވެ. ތިން ވަނަ މަރުހަލާއަށް ދާން ނުޖެހުނީ އެބޯލާ ވައިރަސް އާއި އެނޫން ވެސް ގިނަ ވައިރަސްތަކާ ދެކޮޅަށް އެމަރުކަޒުން އުފެއްދި ވެކްސިންތަކުން ލިބުނު ތަޖްރިބާގެ އަލީގައި ކަމުގަ އެވެ.

ކޮވިޑް -19 އަށް ރަޝިޔާ އިން އުފެއްދި މި ވެކްސިން އަންޑާ ލައިސަންސްގެ ދަށުން އިންޑިއާގައި 300 މިލިޔަން ޑޯޒް އުފެއްދުމަށް ވެސް ރަޝިއާ އިން ވަނީ އިންޑިއާގެ ބޭސް އުފައްދާ ބައެއް ކުންފުނިތަކާ އެކު އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ.

ރަޝިއާގެ ވެކްސިންގެ އެއްބިލިޔަން ޑޯޒު ގަތުމުގެ އޯޑަރު ދުނިޔޭގެ 20 ގައުމަކުން ލިބިފައިވާ ކަމަށް އެގައުމުން ކުރިން ބުނެފައިވެ އެވެ. (އާރު.ޓީ + ނޫސްއެޖެންސީތައް)