ސަންދާން އަހަންމައިދީ ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރަށް ތަބާނުވެ ފުލުހުން އޭނާ ދޫކޮށްލުމުން އެކަމާއި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ކްރިމިނަލް ކޯޓަށް ފުލުހުން ޖަވާބުދާރީ ވާން ނުޖެހޭ ކަމަށް ފުލުހުން ބުނެ ކޯޓަށް ހާޒިރުވާން އިންކާރުކޮށްފި އެވެ.

މިރޭ 8:00 ޖަހާއިރަށް ކޯޓަށް ހާޒިރުވާން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން މިއަދު ކުރި އަމުރާ އެއްގޮތަށް ކޯޓަށް ޖާވަބުދާރީވުމަށް ހާޒިރުވާނެ ކަމަށް ބުނުމަށްފަހު ކޯޓަށް ހާޒިރު ނުވާނެ ކަމަށް ފުލުހުން އެންގީ ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީއެއް މެދުވެރިކޮށެވެ.

ފުލުހުން ކްރިމިނަލް ކޯޓަށް ފޮނުވި ސިޓީގައި ބުނަނީ އަހުމަދު އިބްރާހިމް ދީދީ (ސަންދާން އަހަންމައިދީ) އަކީ ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާ ގާނޫނު އަސާސީއާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލު ސ. ހުޅުދޫ ތްރީލައިން، އަބްދުﷲ ސައީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން މި މުއައްސަސާގެ ފަރާތުން ކްރިމިނަލް ކޯޓަށް އިތުރަށް ޖާވާބުދާރީން ވާންޖޭހެނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް ފުލުހުން ވަނީ އެ އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރު ނުވެފައެވެ.

ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް ކުރިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 7:45 އެހާކަންހާއިރު ފުލުހުންގެ ފަރާތުން އަޒީފް އައްބާސް ކިޔާ ބޭފުޅަކު ފޯންކޮށް ކޯޓަށް ގުޅުއްވާ އަހަންމައިދީ ދޫކޮށްލައިފީމޭ ދެން ކޯޓަށް ހާޒިރު ނުވާނެކަމަށް ވިދާޅުވި ކަމަށެވެ.

ރަޖިސްޓްރާ ވިދާޅުވެފައި ވަނީ އަޒީފް އެހެން ވިދާޅުވުމުން އެކަންހިގައިދިޔަ ގޮތް ކޯޓަށް އޮޅުންފިލުވުމަށްޓަކައި ކޯޓަށް ހާޒިރުވާން ޖެހޭނެކަމަށް އެންގި ކަމަށާއި ނަމަވެސް އޭނާ އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ކޯޓްގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.