ދިއެފްއެމް އާއި ދިޓީވީން އެއް ވަގުތެއްގައި ފޮނުވާ "މޯނިން އެޑިޝަން" ޕްރޮގްރާމްގައި ހުތުރު ބަހުރުވަ ޕްރޮޑްކާސްޓް ކުރުން ނުހުއްޓުވޭ ނަމަ އެ ދެ ޕްރޮގްރާމް ވަގުތުން ހުއްޓާލަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)ން އެ ދެ ޗެނެލަށް މިއަދު އަންގައިފި އެވެ.

ސިޔާސީ އެކި މައުލޫތަކަށް އާންމުން ހިޔާލު ފާޅުކުރާ މޯނިން ޝޯގައި މިދިޔަ ޑިސެމްބަރު 29 ގައި އެ ޝޯގެ ބައިވެރިއަކު ހުތުރު ބަހުރުވައިން ވާހަކަދެއްކި މައްސަލަ ތަހުގީގު ކުރުމަށްފަހު އެ ކޮމިޝަންގެ ވެބް ސައިޓުގައި މިއަދު ވަނީ ރިޕޯޓެއް އާންމުކޮށްފަ އެވެ.

އޭގައި ބުނަނީ ދިއެފްއެމާއި ދިޓީވީން ބްރޯޑްކާސްޓްކުރާ އެ ޕްރޮގްރާމްގައި ތިން ފަހަރެއްގެ މަތިން އެފަދަ ވާހަކަތައް ބްރޯޑްކާސްޓް ކޮށްފައިވާކަން އެނގޭ ކަމަށާއި ޤައުމުގެ އިޖްތިމާއީ ފޭރާމަށް ބުރޫއަރާ ފަދަ ވާހަކަތަށް ބްރޯޑްކާސްޓް ކުރުން ނުހުއްޓުވޭނެ ނަމަ މިހިނދުން މިހިދަށް އެ ޕްރޮގްރާމް ހުއްޓާލަން އަންގާ ކަމަށެވެ.

"މިކަމުގެ ސަބަބުން ޤައުމުގެ އިޖްތިމާއީ ފޭރާމަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި، އެފަދަ ކަންތައްތައް ތަކުރާރުނުވާނެ ގޮތަށް 'މޯނިންގ އެޑިޝަން' ޕްރޮގްރާމް ގެނެސްދިނުމުގެ އިންތިޒާމް ދިއެފްއެމް އަށާއި ދި ޓީވީ އަށް ހަމަޖެއްސެން ނެތް ކަމުގައި ވާނަމަ މިހިނދުން މިހިނދަށް އެ ޕްރޮގްރާމް ބްރޯޑްކާސްކުރުން ހުއްޓާލުމަށް ދިއެފްއެމްއަށާއި ދި ޓީވީ އަށް އެންގުމަށް ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ،" ރިޕޯޓްގައިވެ އެވެ.

މޯނިން އެޑިޝަންގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ހުތުރު ބަހުރުވަ ބްރޯޑްކާސްޓް ކުރުމުން އެ ޕްރޮގްރާމްގެ ކޮންޓްރޯލް އެދެ ޗެނަލަށް ގެއްލިފައިވާ ކަން ދޭހަވާ ކަމަށްވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.

"ދިއެފްއެމްގެ މޯނިން އެޑިޝަން ޕްރޮގްރާމްގައި މުޖުތަމަޢުގެ އަދަބު އަހްލާޤީ މިންގަނޑާ ޚިލާފު ވާހަކަތައް ތަކުރާރުކޮށް ތިން ފަހަރެއްގެ މަތިން ގެނެސްދީފައިވާ ކަމަށް ކޮމިޝަންގެ ލިޔެކިއުންތަކުން ދައްކާ ކަމާއި އެހެންކަމުން މި ޕްރޮގްރާމްގެ ކޮންޓްރޯލް ދިއެފްއެމްއަށް ގެއްލިފައިވާކަން [ފާހަގަކުރެވެއެވެ.]" އެ ރިޕޯޓް ބުނެ އެވެ.

އެ ޕްރޮގްރާމާ ގުޅޭ ގޮތުން ހަރުކަށި އެންގުމެއް ބްރޮޑްކާސްޓް ކޮމިޝަނުން އާންމުކުރިއިރު ހަޑި ހުތުރު ބަހުރުވަ ބްރޯޑްކާސްޓް ކުރި މައްސަލައިގައި އެ ސްޓޭޝަންގެ ނިއުސް ހެޑް އަދި މޯނިން އެޑިޝަންގެ ކޯ ހޮސްޓް މުހަންމަދު ޖިނާހު ވަނީ މީގެ ކުރިން ރައްޔިތުން މަޖިލީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.