15 Jan 2012, 19:19
އަންނަ މަހުގެ 20 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ކުލަބް ވެލެންސިޔާގެ ފަރިތަކުރުންތައް މާދަމާ ފެށުމަށް ނިންމާފި އެވެ.
ސަން އޮންލައިނަށް ދިން އިންޓަވިއުގައި ވެލެންސިޔާގެ ސީޔޯ އާބާދު ސަލީމް މިރޭ ބުނީ، މިފަހަރުގެ މުބާރާތުގައި ވާދަކުރާ ވެލެންސިޔާގެ ޓީމާއެކު ރޭ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެގޮތުން މުބާރާތަށް ތައްޔާރުވުމަށް ކުރާ ފުރަތަމަ ފަރިތަކުރުންތައް މާދަމާ ފެށޭނެ ކަމަށެވެ.
"ޔޫތްޓީމްގެ ފަރިތަކުރުންތައް މާދަމާ ހަވީރު ފެށޭނެ. ޓީމްގެ ބައްދަލުވުމެއް ވެސް ރޭ ވަނީ ބޭއްވިފަ" ސަލީމް ބުންޏެވެ.
އޭނާ ބުނީ، މިފަހަރުގެ މުބާރާތައް ވެސް ޓީމް ނިކުންނާނީ ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށާއި ފުރަތަމަ ފަރިތަކުރުންތައް މާދަމާ ފަށާއިރު މިވަގުތު ޓީމުގައި 35 ކުޅުންތެރިންގެ ސްކޮޑެއް އެބޮތް ކަމަށެވެ. އަދި ޔޫތްޓީމުގެ ފަރިތަކުރުންތައް މާދަމާ ފެށި ކަމުގައި ވިޔަސް، ސީނިޔާ ޓީމްގެ ފަރިތަކުރުންތައް އަންނަ ހަފްތާގެ ތެރޭގައި ފެށޭ ވަރު ވާނެ ކަމަށް ވެސް ސަލީމް ބުންޏެވެ.
ސަލީމް ބުނީ، ކުރިއަށް އޮތް ދައުރަށް ވެލެންސިޔާގެ ހިންގާ ބޯޑު އެކުލަވާލުމަށް ބާއްވާ ޖަލްސާ އަދި ނުފެށި އޮތް ކަމުގައި ވިޔަސް، އެޖަލްސާ ވަރަށް އަވަހަށް ބާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ޖަލްސާ ބާއްވާނެ ތާރީހެއް އަދި މުޅިން ފައިނަލް ވެފައި ނުވާކަމަށް ވެސް ސަލީމް ބުންޏެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ޓީމް ވަރުގަދަ ކުރުމުގެ ގޮތުން ބިދޭސީ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ސަލީމް ބުންޏެވެ.
ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުން މިއަހަރުގެ ސީޒަންފެށޭއިރު، ވެލެންސިޔާގެ ޔޫތްޓީމުގެ ކޯޗަކަށް ހަމަޖައްށާފައި ވަނީ ކުރިން އެކުލަބްގެ ގޯލްކީޕަރަކަށް ކުޅުނު މުޙައްމަދު އިގުބާލެވެ.
މިދިޔަ އަހަރުގެ ޔޫތްއެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިޔަންސާ ފިޔަވައި ފުރަތަމަ ޑިވިޝަނުގެ ހުރިހާ ޓީމެއް ބައިވެރިވިއިރު، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މާޒިޔާއެވެ.
މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުންދަށުގެ ޔޫތްއެފްއޭކަޕް މިއަހަރު ބޭއްވުމަށް އެފްއޭއެމްއިން ނިންމާފައިވަނީ 21 އަހަރުން ދަށުގެ އުމުރުފުރައަށް ބަދަލުކޮށްގެންނެވެ.