މީޑިއާތަކަށް ބިރުދައްކަން މަސައްކަތްކުރުމަކީ ހެޔޮވެރިކަންކުރާ ތަހުޒީބު މުޖުތަމައުއެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފި އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ކިތަންމެ ފުޅާދާއިރާއަކަށް ދެވިފައި އޮތް ކަމުގައިވިޔަސް މިހާރު ފެނިގެންދަނީ ސިޔާސީ ވަކިތަކުގެ ދަށުގައި މީޑިއާ ހިސޯރުކުރުން ކަމަށާއި އެއީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހެޔޮވެރިކަން ކުރާ މުޖުތަމައެއްގައި ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އެ ކައުންސިލުން ނެރުނު ބަޔާނެއް ބުނެ އެވެ.

ސިޔާސީ އިސް ފަރާތްތަކުން ދައްކަވާ ވާހަކަތަކުގައި މީޑިއާތަކަށް އިންޒާރުދީ ބިރުދެއްކުމާއި ބައެއް މީޑިއާތައް ބަންދުކުރުމަށް ގޮވާލުމާއި މީޑިއާތަކުގެ މުއައްސަސާތަކުގެ އަގު ވައްޓާލަން އުޅުމާއި އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ބަސްމަގާއި އަމަލުތައް ހުންނަ ގޮތުން މައުލޫމާތު ހޯދުމަށާއި މައުލޫމާތު ގެނެސްދިނުމަށް ހުރަސްއެޅެމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

ކައުންސިލުން ބުނެފައި ވަނީ މަލްޓި ޕާޓީ ނިޒާމެއްގައި ސަރުކާރަށް ސަނާކިޔާ މީޑިއާތައް ހުންނަފަދައިން ސަރުކާރަށް ފާރަވެރިވެ ތުހުމަތުކޮށް ފާޑުކިޔާ މީޑިއާތަކާއި އެއްކަމެއް ތަފާތު ގޮތްތަކަށް ގެނެސްދޭ މީޑިއާތައް ހުންނާނެ ކަމަށާއި އެއީ މީޑިއާ ތަކުން އަދާކުރަންޖެހޭ ފާރުވެރިވުމުގެ ރޯލްގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ ނޫސްވެރިކަމުގެ މުއްސަދިކަމާއި ހުނަރުވެރިކަން ކަމަށް ވެސް ބުނެފައިވެއެވެ.