ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިގެން ހިނގި ފުރަތަމަ ދެ މަހުގެ ތެރޭގައި 13،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮވިޑް19އާ ގުޅިގެން މާޗް ފަހުކޮޅުގައި ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވައިލީ ޖުލައި މަހުގެ 15ވަނަ ދުވަހުގަ އެވެ.

އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި 15އިން ފެށިގެން ހިނގި ދެ މަހުގެ މުއްދަތުގައި 13،516 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

އިމިގްރޭޝަނުން ބުނީ ފުރަތަމަ މަހާ އަޅާބަލާއިރު ދެވަނަ މަހުގެ ތެރޭގައި އައި ފަތުރުވެރިންގެ އަދަދު 61 ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ ފުރަތަމަ 15 ދުވަހުގެ ނަންބަރުތަކަށް ބަލާއިރު އެންމެ ގިނައިން ފަތުރުވެރިން އައި ތިން ގައުމަކީ؛

  • ޔޫއޭއީ (656)

  • ރަޝިއާ (539)
  • އެމެރިކާ (502)

އެ މުއްދަތުގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހު 486 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފަ އެވެ.

ޖުލައި 15ގައި ބޯޑަރު އަލުން ހުޅުވާލި ނަމަވެސް، އޭރު ހިދުމަތް ދިނުމުގެ ހުއްދަ ދީފައި ވަނީ ރިސޯޓުތަކާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހިންގާ ހޮޓާ ފަދަ ތަންތަނަށް އެކަންޏެވެ.

މާލެ ސަރަހައްދު (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސް އަދި ހޮޓާ ފަދަ ތަންތަން ހުޅުވޭނީ އަންނަ މަހުގެ 15ވަނަ ދުވަހުގަ އެވެ.