މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރާ 17 އޮފިސަރަކަށް ގަވާއިދާއި ހިލާފަށް ޕްރޮމޯޝަން ދިން މައްސަލައެއް ފެންމަތިކޮށް އޭސީސީއަށާއި ލޭބާ ރިލޭޝަން އޮތޯރިޓީ އަށް މައްސަލަ ހުށަހަޅައިފި އެވެ.

އެއާޕޯޓް ކޮމްޕެނީގެ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގައި މަސައްކަތްކުރާ 60 ހަކަށް މުވައްޒަފުން ސޮއިކޮށް އޭސީސީ އަށާއި ލޭބާ ރިލޭޝަން އޮތޯރިޓީއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ 7 ނޮވެމްބަރު 2010 ވަނަ ދުވަހު، އޭރު އެއާޕޯޓް ކޮމްޕެނީގެ ސީނިއާ އޮފިސަރުންނަށް ތިބި ހުސެއިން ނަޒީފް އާއި ހުސައިން ރަމީޒަށް ޕްރޮމޯޝަން ދީ ޝިފްޓް ސްޕްރިންޓެންޑެންޓް ކަމުގެ މަގާމަށް ބަދަލުކުރި އިރު އެދެ އޮފިސަރުންނަށްވުރެ ސީނިއާ އޮފިސަރުން ތިބި ކަމަށާއި ޕްރޮމޯޝަން ދިނީ އެ ދެ އޮފިސަރުންގެ އެސެސްމެންޓެއް ވެސް ހެދުމެއްނެތި ކޮމްޕެނީގެ ޕޮލިސީ އާއި ހިލާފަށް ކަމަށެވެ.

ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއާޕޯޓް ކޮމްޕެނީގެ ސީނިއާ އޮފިސަރަކަށް ކުރިން ހުރި އަދި މިހާރު ޝިފްޓް ސްޕްރިންޓެންޑެންޓް ކަމުގެ މަގާމުގައި ހުރި ހުސެއިން ނަޒީފް އަކީ މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުގެ ކޮއްކޮ އެވެ.

އެއާޕޯޓް ކޮމްޕެނީގެ މުވައްޒަފުން ފޮނުވި ސިޓީގައި ބުނެފައިވަނީ މިހާރު އެއާޕޯޓް ސެކިއުރިޓީ ހިންގުމާއި ހަވާލުވެހުރި ފަސްޓް ލެފްޓިނެންޓް އަހުމަދު ޝަފީގު އާއި މިމަހުގެ ނުވަ ވަނަ ދުވަހު ޝިފްޓް ސްޕްރިންޓެންޑެންޓްގެ މަގާމުގައި ހުރި ހުސައިން ނަޒީފް ގުޅިގެން މިމަހުގެ ނުވަ ވަނަ ދުވަހު 15 މުވައްޒަފަކަށް މަގާމުގެ ކުރިއެރުން ދީފައިވާ ކަމަށާއި އެކަން ކޮށްފައިވަނީވެސް އެތައް ދުވަހެއް ވަންދެން ވަޒީފާ އަދާކުރަމުން އަންނަ މުވައްޒަފުންގެ ހައްގުތަކަށް ވެސް ބެލުމެއްނެތި ކޮމްޕެނީގެ ޕޮލިސީއާއި ހިލާފަށް ކަމަށެވެ.

"...މިދެންނެވި 15 މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޗީފް ސެކިއުރިޓީ މޫސާ ހަބީބް އާއި މުވައްޒަފުންގެ މަސައްކަތްތަށް ބެލުމަށް އިސްކޮށް ތިއްބެވި ހުސައިން ނަޒީފް ފިޔަވައި އެހެން އެއްވެސް ސީނިއާ މުވައްޒަފަކާއި މަޝްވަރާކުރުމެއް ނެތިއެވެ. މި 15 މުވައްޒަފުންގެ ޕްރޮމޯޝަން ދީފައިވަނީ މި މުއައްސަސާ ހިންގުމާއި ހަވާލުވިތާ ތިން މަސްވެސް ނުވާ ފަސްޓް ލެފްޓިނެންޓް އަހުމަދު ޝަފީގުގެ ބާރާއި ނުފޫޒު ބޭނުން ކޮށްގެންނެވެ،" އެ ސިޓީގައި ބުނެފައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ޕްރޮމޯޝަން ދިން 15 މުވައްޒަފުންގެ ތެރޭގައި ފަސްޓް ލެފްޓިނެންޓް އަހުމަދު ޝަފީގުގެ ތިމާގެ މީހަކު ހިމެނިފައިވުމަކީ އެކަމުގައި ނާޖާއިޒު އެތައް ކަމެއް ހިމެނޭ ކަމުގެ ހެއްކެއް ކަމަށާއި އޭނާ ޕްރޮމޯޓްކުރި މަގާމަކީ އެކްސްރޭ އޮޕަރޭޓް ކުރަންޖެހޭ މަގާމަކަށް ވީއިރު އެ ދާއިރާއިން އޭނާ އަށް އެއްވެސް ތަމްރީނެއް ލިބިފައިނުވާ ކަމަށެވެ. އަދި އެ 15 މުވައްޒަފުންގެ ތެރޭގައި ހިމެނޭ ގިނަ މުވައްޒަފުން ބަދަލުކުރި މަގާމުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިނުވާ ކަމަށްވެސް އެސިޓީގައި ބުނެފައިވެ އެވެ.

މީގެ އިތުރުން މުވައްޒަފުންގެ ވަޒީފާގެ ކުރިއެރުންފަދަ ކަންތައްތަކުގައި ކުންފުނިން ވަރަށް ބޮޑަށް އިހުމާލުވާ ކަމަށާއި ކޮމްފުނީގެ އެކި ފެންވަރުގެ ވެރިންނާއި ތަކުރާރުކޮށް އެވާހަކަ ދެއްކުމުންވެސް ހައްލެއް ލިބިފައިނުވާ ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އަދި ހައްގުތަށް ގެއްލިފައި ތިބި އޭވީއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފުންގެ ހައްގުތަށް ހޯދައިދީ އޭވީއޭޝަން ސެކިއުރިޓީ ކޮމާންޑްގައި ހިގަމުން އަންނަ 'ކޮރަޕްޝަން'ގެ އަމަލުތައް ބަލައި ފިޔަވަޅު އަޅައިދިމުނަށް އޭސީސީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ފަރާތުން އެދިފައިވެ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ މުހައްމަދު އިބްރާހިމް އާއި ޗީފް ސެކިއުރިޓީ މޫސާ ހަބީބުގެ ބަހެއް ހޯދާލަން ގުޅާލުމުން ފޯން ނުނަންގަވާތީ އެ ދެބޭފުޅުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. އަދި ފަސްޓް ލެފްޓިނެންޓް އަހުމަދު ޝަފީގަށް ގުޅުމުން ވިދާޅުވީ މީޑިއާ އަށް މައުލޫމާތު ދިނުމުގެ ހުއްދަ އޮންނަނީ ވަކި ބޭފުޅަކަށް ކަމަށެވެ.