19 Sep 2020, 22:16
މިއަދު ރާއްޖެއިން 81 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނެގި 1408 ސާމްޕަލްގެ ތެރެއިން 81 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން 58 މީހުންނަކީ ދިވެހިން ކަމަށާއި ބޭރު މީހުންގެ އަދަދަކީ 23 ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ޕޮޒިޓިވްވި 81 މީހުންގެ ތެރެއިން 70 މީހުން ތިބީ މާލެ ސަރަހައްދުގަ އެވެ. އަނެއް 11 މީހުން ތިބީ ރަށް ރަށުގަ އެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 111 މީހުންނެވެ.
މިއަދު ޕޮޒިޓިވްވި ކޭސްތަކާއެކު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ، 9649 އަށް އަރާފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ 1422 މީހުނަށެވެ.
އެކްޓިވް ކޭސްތަކުގެ ތެރެއިން 111 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 650 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ބަލީން ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 8،188 އަށް އަރާފައެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން ވަނީ މިހާތަނަށް 33 މީހަކު މަރުވެފައެވެ.