15 Jan 2012, 18:10
އަންނަ ރިޔާސީ އިންތިހާބަށް ވާއިރަށް 8000 ފްލެޓްގެ މަސައްކަތް ނިމި އެތަންތަނުގައި ވަޒަންވެރިވެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމެންޓް ކޮމްޕެނީ (ޖީޑީޕީ) އިން ތަރައްގީކުރާ ގުޅީފަޅު ބައްލަވާ ލެއްވުމަށްފަހު ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ކޮންޓްރެކްޓް ކުރެވިފައިވާ މިންވަރަށް ބަލައި 2013 ގެ ނިޔަލަށް 8000 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމި، އެތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
"އެއީ ހުޅުމާލޭގެ 100 ފްލެޓް އެއީ ޗައިނާ ކުންފުންޏަކުން ހަދާ. ކޮރަލްވިލްގެ 300 އެއްހާ ފްލެޓް ފުރަތަމަ ބުރަކަށް ނިމިއްޖެ އަދި އިންޑިއާ ސަރުކާރުން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ނަގާ 500 ފްލެޓް މާލޭގައި ހަދާނެ. ޗައިނާ އެގްޒިމް ލޯނެއްގެ ދަށުން ދެކުނުގައި އެބަ އަޅާ 1500 ޔުނިޓް އުތުރުގައި ސްވިސް ކުންފުންޏަކާ އެކު އެބަ އެޅޭ އިތުރު 600 ފްލެޓް. މުޅި ޖުމްލަކޮށް ހުރިހާ ފްލެޓެއް އެއްކުރީމަ މިހާރު 8000 ފްލެޓަށް އިރާދަ ކުރެއްވިއްޔާ ޔަގީންކަމާ އެކީގައި 2013 އަންނަންދެން ވަދެވޭނެ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައިވަނީ ސަރުކާރުން ހިންގާ ފްލެޓްގެ އެޅުމުގެ މަޝްރޫއުން ކޮންމެ އަހަރަކުވެސް 200 އެއްހާ މީހުންނަށް ވަދެވޭވަރަށް ފްލެޓްތައް ނިންމާ އެތަންތަން ރައްޔިތުންނާއި ހަވާލުކުރުމަށް ކަމަށާއި އެއީ "ރޮޓޭޓް" ވަމުން ދާނެ ޕްރޮގުރާމެއް ވެސް ރައީސް ވިދާޅުވި އެވެ.
"އެގޮތަށް ހެދީމައި އަޅުގަނޑުމެންނަށް ބޯހިޔާވަހި ކަމުގެ ދަތިކަން އެކީ އެކައްޗަކަށް ފިލުވާލެވޭނީ،" ރައީސް ވިދާޅުވި އެވެ.
ޖީޑީޕީ އާއި ހަވާލާ ދެއްވާ ރައީސް ވިދާޅުވީ ވިލިމާލެ އާއި މާލެ އަދި ގުޅީފަޅު ގުޅުވައިދޭ ބްރިޖް މި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށާއި ގުޅިފަޅުގެ ބިމަކީ މާލޭގެ ތޮއްޖެހުމަށް އޮތް ރަނގަޅު ހައްލެއް ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮޖެކްޓްގެ ސަބަބުން ރާއްޖޭގެ ތަރައްގީ ހަލުއިވެގެން ދާނެ ކަމަށެވެ.
ޖީޑީޕީން ލަފާކުރަނީ 2012 ވަނަ އަހަރަށް ގުޅީފަޅުން 240 ފްލެޓް ނިންމާ ކަރަންޓާއި ނަރުދަމާ އާއި މިސްކިތާއި ހެލްތް ސެންޓަރާއި އަދިވެސް އެހެން ހިދުމަތްތަކާއެކު ދިރިއުޅުމަށް އެރަށް ހުޅުވާލެވޭނެ ކަމަށެވެ.
އަދި ގުޅިފަޅުގައި ބޮޑެތި ޕްރޮޖެކްޓް ތަކެއްގެ މަސައްކަތް ފަށައިގަނެވިފައި ނުވާއިރު ރައީސް ވިދާޅުވީ މިދިޔަ ޑިސެމްބަރުގައި ފަށަން އޮތް ދެވަނަ ފިޔަވަހީގެ މަސައްކަތް ލަސްވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނެހެދި ލަސްވަމުން ދާތީ ކަމަށެވެ.
"އަޅުގަނޑުމެން އެ ބޭފުޅުން ކަރުދާހުގައި ކޮށްފައިހުރި މަސައްކަތް ބަލައިލިން. ވަރަށް ރޭވުންތެރިކަމާއެކު އެބޭފުޅުން މަސައްކަތް ކުރައްވަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ. "ޑިސެމްބަރުވީމަ އަދި ލަސްވެގެނެއް އުޅޭކަށް ނުވޭ. އަޅުގަނޑުމެނެއް ވެސް ބޭނުމެއް ނޫން ހަދަންޖެހޭ އެސެސްމަންޓެއް ނަހަދައި އަވަސްކޮށްގެން މިކަން ކުރާކަށް، އަޅުގަނޑަށް މިހާރު މައުލޫމާތު ލިބެނީ އެ މަސައްކަތް ވެސް ނިމިއްޖެކަމަށް."