15 Jan 2012, 17:25
ވޮޝިންޓަން (ޖަނަވަރީ 15) : ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރި އެމެރިކާގެ އަސްކަރީ މަނަވަރުތަކާ ވަރަށް ގާތަށް އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް ދެފަހަރެއްގެ މަތިން އައި ކަމަށާއި ނަމަވެސް އެތަކެއްޗަށް އިންޒާރެއް ވެސް އަދި ހަމަލާއެއް ވެސް ދީފައިނުވާނެ ކަމަށް އެމެރިކާ ބުނެފި އެވެ.
އެމެރިކާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނާ ކެޕްޓަން ޖީން ކެމްބީލް ވިދާޅުވީ ވަރަށް ބާރަށް ދަތުރުކުރާ އީރާނުގެ ކަނޑުގެ އަސްކަރީ ލޯންޗްތަކެއް މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ އަސްކަރީ މަނަވަރެއް ކަމަށްވާ ނިއުއޯލީންޒް އާ ހައެއްކަ މީޓަރަށް ގާތްވި ކަމުގަ އެވެ. އީރާނުގެ އުޅަނދުތަކަށް ހަމަލާނުދިނީ އުދުވާނެއް ހިންގަފާނެކަމުގެ އެއްވެސް ޢަލާމާތެއް އެއުޅަނދުތަކުން ނުފެނުމުން ކަމަށް ޖީން ވިދާޅުވި އެވެ.
ހަމައެދުވަހު އެހެން ޙާދިސާއެއްގައި އެމެރިކާގެ މަނަވަރެއް ކަމަށްވާ "އެޑަކް" އާ ހައެއްކަ މީޓަރު ގާތަށް އިރާނުގެ ހަތިޔާރުއެޅި ޢަސްކަރީ ލޯންޗްތަކެއް ވަރަށް ބާރު ދުވެއްޔެއްގައި ކައިރިވިކަމަށާ އެމެރިކާއިންވެސް މިއީ މާބޮޑު ހާދިސާއެއްކަމަށް ނުދެކޭކަމަށް އޭނާ ވިދާޅުވި އެވެ. އީރާނުން ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގައި ޢަސްކަރީ ތަމްރީންތައް ހަދަމުން ގެންދާއިރު މިފަދަގޮތެއް ދިމާވެދާނެކަމަށް އެމެރިކާގެ ކޮމާންޑަރުންވެސް ދެކޭކަމަށް ޖީން ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިޔަރ މައްސަލަ އެމެރިކާ ބޮޑުކޮށްލައިގެން އީރާނާ ދެކޮޅަށް އިޤްތިސާދީ ހަނގުރާމައެއް އިޢްލާންކޮށް އީރާނުގެ ތެލުގެ ސަޕްލައިތައް ހުއްޓުވުމަށް މަސައްކަތްކުރާތީ އީރާނުންވަނީ ގަލްފުގެހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެކަމުގެ އިންޒާރު ދީފަ އެވެ.
އީރާނުގެ މިއިންޒާރާއެކު އެޤައުމާއި އެމެރިކާ އާ ދެމެދު ދަނީ ބަހުގެ ހޫނުޙަމަލާތަކެއް ބަދަލުކުރަމުންނެވެ.
އެމެރިކާ މިބުނާ ޙާދިސާއާމެދު އީރާނުން ބަޔާނެއް ދީފައެއް ނުވެ އެވެ. (އަލްޖަޒީރާ)