ވޮޝިންޓަން (ސެޕްޓެމްބަރު 19) : އެމެރިކާގެ އިރުމަތީ ދެ ސްޓޭޓް ކަމަށްވާ ފްލޮރިޑާ އާއި އަލަބާމާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަސް ލައްކަ މީހުން ހާލުގައި ޖެހި ހުޅަނގުގެ ސްޓޭޓްތަކުގައި އަލިފާނުގެ ސަބަބުން 30 މީހުން މަރުވެއްޖެ އެވެ.

އެދެ ސްޓޭޓްގެ މަސްއޫލުވެރިން ވިދާޅުވި ގޮތުގައި ފެންބޮޑުވީ އެމެރިކާގެ އިރު ދެކުނުގެ ސަރަހައްދުތަކަށް އިއްޔެ އެރި ތޫފާން ސަލީގެ ސަބަބުން ކަމަށާއި ބައެއް ސަރަހައްދުތަކުގައި ހަތް ފޫޓަށް ފެންބޮޑުވެ އެތައްް ހާސް ގެއެއް ދިރިނޫޅެވޭ ވަރަށް ހަލާކުވެފައިވާ ކަމުގަ އެވެ.

ފްލޮރިޑާގައި ފެންބޮޑުވެފައި

މޫސުމާބެހޭ އެމެރިކާގެ ގައުމީ އިދާރާ ބުނާ ގޮތުން ތޫފާން ސަލީ އެމެރިކާގެ އިރު ދެކުނުގެ ބައްރަށް އެރުމާ އެކު އޭގެ ބާރުވަނީ ކުޑަވެފަ އެވެ. ނަމަވެސް އަދިވެސް އެތައްް ގަޑިއިރެއްވަންދެން ބޯކޮށްވާރޭ ވެހޭނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ. މިއާ އެކު ހާލުގައި ޖެހޭ މީހުންގެ އަދަދު ހަތް ލައްކައަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ފެންބޮޑުވުމުގެ ސަބަބުން އެމެރިކާގެ 5 ލައްކަ މީހުން ހާލުގައި ޖެހިފައި

އެޓްލާންޓިކް ކަނޑުގައި އުފެދުނު ތޫފާން ސަލީގެ ސަބަބުން ފްލޮރިޑާ އާއި އަލަބާމާއަށް ބޯ ވެހިފައިވަނީ ރެކޯޑު މިންވަރަކަށްވާތީ ވާރޭ ވެހުނު މިންވަރު ބެލުމަށް މޫސުމާބެހޭ އެމެރިކާގެ ގައުމީ އިދާރާއިން މިފަހަރު ބޭނުންކޮށްފައި ވަނީ އިންޗީގެ ބަދަލުގައި ފޫޓެވެ. އެދެ ސްޓޭޓަށް ފަސް ގަޑީއިރު ތެރޭގައި ފަސް ފޫޓަށް ވާރޭވެހިފައިވާ އިރު ބިންތިރި ސަރަހައްދުތަކުގައި ފެނުގެ ނިސްބަތް އުޅެނީ އިސްކޮޅު ނުކާ ހިސާބުގަ އެވެ. ފެންބޮޑުވި ސަރަހައްދުތަކުވެ ވެހިކަލްތައް ވެސް ވަނީ ފެނު އަޑީގަ އެވެ. އަދި ގެދޮރުގެ ވެސް ބޮޑުބައި ވަނީ ފެނު އަޑީގަ އެވެ.

އޮރެގަންގެ އަވަށެއް އަލިފާނުގެ ސަބަބުން އަނދައި ހުލިވެފައިހާލުގައި ޖެހުނު 5 ލައްކަ މީހުންގެ ތެރެއިން ގިނަ ބަޔަކު ރައްކާތެރި ތަންތަނަށް ގެންގޮސްފައިވީ ނަމަވެސް މީހުން ސަލާމަތް ކުރުމަށް އެދެ ސްޓޭޓްގެ ރެސްކިއު ޓީމުތަކުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާވަހިކަންދީ ކާބޯތަކެތި ފޯރުކޮށްދިނުން ވެސް ވަނީ ދަތިކަމަކަށް ވެފަ އެވެ.

އެމެރިކާގެ ހުޅަނގު އައްސޭރި ފަށުން 30 މީހުން މަރުވެ ސަރަހައްދުތައް އަނދައި ހުލިވަނީ

އެމެރިކާގެ އިރުމަތީ ބައެއް ސްޓޭޓްތަކަށް ވަރުގަދައަށް ވިއްސާރަ ކުރަމުންދާއިރު ހުޅަނގުގެ ބައެއް ސްޓޭތްތައްް ދަނީ އިންތިހާއަށް ހޫނުކަން ތަހައްމަލް ކުރަމުންނެވެ. ހޫނާ އެކު އެމެރިކާގެ ހުޅަނގުގެ އައްސޭރިފަށުގައި ޖަންގަލިތަކުގައި ދަނީ އެތައްް ސަތޭކަ އަލިފާންގަނޑެއް ރޯވެ ކޮންޓްރޯލެއްނެތި އަނދަމުންނެވެ. މި އަލިފާންގަނޑުތަކުގައި މިހާތަނަށް 30 މީހުން މަރުވެ އެތައްބަޔަކު ގެއްލި އެތައް ސަތޭކަ ގެއެއް ވަނީ އަނދައި ހުލިވެފަ އެވެ.

އެެމެރިކާގައި ކޮންޓްރޯލް ނުވެ އަނދަމުން ދާ އަލިފާންގަނޑުތައް

އެމެރިކާގައި ކޮވިޑް-19ގެ ބަލިމަޑުކަން އިންތިހާއަށް ފެތުރި ހަ މިލިޔަން މީހުން އެބަލީގެ ޝިކާރައަކަށްވެ އެ ބަލީގައި ދެ ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ފުލުފުލުގައި އެމެރިކާގެ އިރުމަތީ ސަރަހައްދުތަކަށް ދަނީ ތޫފާންތައް އަރަމުންނެވެ. އަދި އެމެރިކާގެ ހުޅަނގުގެ އައްސޭރިފަށުގައި ޖަންގަލިތަށް ދަނީ އަނދައި ހުލިވަމުންނެވެ. މި އަލިފާންގަނޑުތައް ކައިރި މުސްތަގްބަލެއްގައި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުންމީދުނެތްކަމަށާއި މިއަލިފާންގަނޑުތަކުގައި އެމެރިކާގެ އެތައް ހާސް އޭކަރެއްގެ ދަނޑުބިންތައް ހަލާކުވެފައިވާ ކަމަށް އެމެރިކާގެ ލޯކަލް މަސްއޫލުވެރިން ވިދާޅުވެ އެވެ.

އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ސަރަހައްދުތަކުގެ ތެރޭގައި އޮރެގަން، ކެލިފޯނިއާ، މޮންޓާނާ އަދި އައިޑަހޯ ހިމެނެ އެވެ. އެމެރިކާ ދެކުނު އިރުމަތީ އައް ސޭރި ފަށަށް ތޫފާން ސަލީ އެރިއިރު މިދިޔަ އަހަރު އެސަރަހައްދަށް އެރި ތޫފާންތަކާއި އޭގެކުރިން އެރި ތޫފާންތަކުގެ ސަބަބުން ހަލާކުވެ ސުންނާފަތިވެފައިވާ ތަންތަންވެސް އަދިވަނީ އާރާސްތު ނުކުރެވިއެވެ. (ނޫސްއެޖެންސީތައް)