ވޮޝިންޓަން/ސީއެންއެން (ސެޕްޓެމްބަރު 19): އެމެރިކާގެ ސުޕްރީމް ކޯޓު ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް، 87، ކެންސަރު ބަލީގައި އިއްޔެ އަވަހާރަވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ވޮޝިންޓަން ޑިސީގައި ހުންނަ ގިންސްބާގްގެ ގެކޮޅުގައި އޭނާ އަވަހާރަވި އިރު އަރިހުގައި އާއިލާގެ މެމްބަރުން ތިއްބެވި އެވެ.

"ކުރިއަށް އޮތް ޖީލުތަކުން ވެސް ރޫތު ބޭޑާ ގިންސްބާގް ހަނދާން ކުރާނީ އަޅުގަނޑުމެންނަށް އޭނާ އެނގުނު ގޮތަށް - ވަރުބަލިކަމެއް ނެތް އަދި އަޒުމް ވަރުގަދަ އިންސާފުގެ ޗެމްޕިއަންއެއް ގޮތަށް،" ސުޕްރީމް ކޯޓުގެ ބަޔާނުގައި އުއްތަމަ ފަނޑިޔާރު ޖޯން ރޮބާޓްސް ވިދާޅުވި އެވެ.

ގިންސްބާގް ވަނީ މީގެ ކުރިން ފަސް ފަހަރަކު ކެންސަރަށް ފަރުވާ ހޯއްދަވާފަ އެވެ. އަދި އެންމެ ފަހުން ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާކަން އިއުލާން ކުރެއްވީ މިދިޔަ ޖުލައި މަހުގަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ގިންސްބާގް އައްޔަން ކުރީ ކުރީގެ ރައީސް ބިލް ކްލިންޓަންގެ ވެރިކަމުގައި 1993ގަ އެވެ. އޭނާއަކީ އެ ކޯޓަށް އައްޔަން ކުރި ދެވަނަ އަންހެން ފަނޑިޔާރެވެ.

ގިންސްބާގް ގާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވި 60 އަހަރު ތެރޭގައި އަންހެނުންނާއި ވޯޓުލުމުގެ ހައްގުތައް ދިފާއު ކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ތަފާތު ސިޔާސީ ފިކުރުގެ މީހުންގެ ތާއިދު އޭނާއަށް ވަނީ ލިބިފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަ ހަފްތާއަށް ވެފައި ވަނިކޮށް ގިންސްބާގް އަވަހާރަވުމުން ސުޕްރީމް ކޯޓަށް ދެން ފަނޑިޔާރަކު އައްޔަން ކުރުމާ ބެހޭ ގޮތުން ހިޔާލު ތަފާތުވުމަކަށް ދިޔުން އެކަށީގެންވެ އެވެ. އެގޮތުން އެ މަގާމަށް ހޮވާނެ ބޭފުޅެއްގެ ނަން ރައީސް ޑޮނަލްޑް ޓްރަމްޕް ސެނެޓަށް ހުށަހެޅުއްވުމާ ބެހޭ ގޮތުން ވަނީ ސުވާލު އުފެދިފަ އެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ. އަދި ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވިދާޅުވި ގޮތުގައި ނޮވެމްބަރު ތިނެއްގައި ބާއްވާ އިންތިހާބުގެ ކުރިން ރައީސް ޓްރަމްޕް ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއްގެ ނަން ހުށަހަޅުއްވައިފި ނަމަ، އެކަމާ ބެހޭ ވޯޓެއް ސެނެޓުގައި ނަގާނެ އެވެ.