15 Jan 2012, 17:29
ތަބޫކް (ޖަނަވަރީ 15) : ފަރަންސޭސި ވައިގެ ސިފައިންނާ ގުޅިގެން ސަޢޫދީ ވައިގެ ސިފައިން ހިންގަމުން ގެންދިޔަ ޢަސްކަރީ ތަމްރީންތަކެއްގައި ދެޤައުމުގެ ޢަސްކަރީ ދެ މަތިންދާބޯޓު ޖެހި މުޑިއަރައިފިއެވެ.
ސަޢޫދީ ދިފާޢީ ވުޒާރާ ބުނިގޮތުގައި މުޑިއަރާފައިވަނީ ފަރަންސޭސި މިރާޖް 2000 ގެ ފައިޓަރ ޖެޓަކާއި ސަޢޫދީ ވައިގެ ސިފައިން ބޭނުންކުރާ އެމެރިކާގެ އެފް 15 ގެ ފައިޓަރ ޖެޓެކެވެ. ވައިގެތެރޭގައި ހިނގި މިޙާދިސާގައި މިދެބޯޓު ހަލާކުވެފައިވީ ނަމަވެސް މިދެބޯޓުގެ ޕައިލެޓުންވަނީ ސަލާމަތްވެފައެވެ.
މިޙާދިސާ މެދުވެރިވާން ދިމާވި ސަބަބު ތަޙްޤީޤް ކުރަމުންގެންދާ ކަމަށްވެސް ސައޫދީ ދިފާޢީ ވުޒާރާގެ ބަޔާނެއް ބުނެއެވެ. ފަރަންސޭސި ވައިގެ ސިފައިންނާ ގުޅިގެން ސަޢޫދީ ވައިގެ ސިފައިން ތަމްރީންތައް ހިންގަމުންގެންދަނީ ސަޢޫދީ އަރަބިޔާގެ ތަބޫކް ސަރަޙައްދުގައެވެ. -- އަލްޖަޒީރާ