ވޮޝިންޓަން (ޖަނަވަރީ 15): ގަލްފުގެ ހުރްމުޒް ކަނޑުއޮޅިން ހުރަސްކުރި އެމެރިކާގެ ޢަސްކަރީ މަނަވަރުތަކާ ވަރަށްގާތަށް އީރާނުގެ ކަނޑުގެ ސިފައިންގެ އުޅަނދުތަކެއް ދެފަހަރެއްގެ މަތިން އައިކަމަށާ ނަމަވެސް އެތަކެއްޗަށް އިންޒާރެއްވެސް އަދި ޙަމަލާއެއްވެސް ދީފައިނުވާނެ ކަމަށް އެމެރިކާ ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގެ ތަރްޖަމާނާ ކެޕްޓަން ޖީން ކެމްބީލް ވިދާޅުވީ ވަރަށް ބާރަށް ދަތުރުކުރާ އީރާނުގެ ކަނޑުގެ ޢަސްކަރީ ލޯންޗްތަކެއް މި ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އެމެރިކާގެ ޢަސްކަރީ މަނަވަރެއް ކަމަށްވާ ނިއުއޯލީންޒް އާ ހައެއްކަ މީޓަރަށް ގާތްވިކަމުގައެވެ. އީރާނުގެ އުޅަނދުތަކަށް ޙަމަލާނުދިނީ ޢުދުވާނެއް ހިންގަފާނެކަމުގެ އެއްވެސް ޢަލާމާތެއް އެއުޅަނދުތަކުން ނުފެނުމުން ކަމަށް ޖީން ވިދާޅުވިއެވެ.

ހަމައެދުވަހު އެހެން ޙާދިސާއެއްގައި އެމެރިކާގެ މަނަވަރެއް ކަމަށްވާ "އެޑަކް" އާ ހައެއްކަ މީޓަރު ގާތަށް އިރާނުގެ ހަތިޔާރުއެޅި ޢަސްކަރީ ލޯންޗްތަކެއް ވަރަށް ބާރު ދުވެއްޔެއްގައި ކައިރިވިކަމަށާ އެމެރިކާއިންވެސް މިއީ މާބޮޑު ހާދިސާއެއްކަމަށް ނުދެކޭކަމަށް އޭނާ ވިދާޅުވިއެވެ. އީރާނުން ގަލްފުގެ ހުރްމުޒް ކަނޑުއޮޅީގައި ޢަސްކަރީ ތަމްރީންތައް ހަދަމުން ގެންދާއިރު މިފަދަގޮތެއް ދިމާވެދާނެކަމަށް އެމެރިކާގެ ކޮމާންޑަރުންވެސް ދެކޭކަމަށް ޖީން ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ މައްސަލަ އެމެރިކާ ބޮޑުކޮށްލައިގެން އީރާނާ ދެކޮޅަށް އިޤްތިސާދީ ހަނގުރާމައެއް އިޢްލާންކޮށް އީރާނުގެ ތެލުގެ ސަޕްލައިތައް ހުއްޓުވުމަށް މަސައްކަތްކުރާތީ އީރާނުންވަނީ ގަލްފުގެހުރްމުޒް ކަނޑުއޮޅި ބަންދުކުރަންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.

އީރާނުގެ މިއިންޒާރާއެކު އެޤައުމާއި އެމެރިކާ އާ ދެމެދު ދަނީ ބަހުގެ ހޫނުޙަމަލާތަކެއް ބަދަލުކުރަމުންނެވެ. އެމެރިކާ މިބުނާ ޙާދިސާއާމެދު އީރާނުން ބަޔާނެއް ދީފައެއް ނުވެއެވެ. -- އަލްޖަޒީރާ