18 Sep 2020, 10:40
މިންސްކް (ސެޕްޓެމްބަރު 18): ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ބާއްވަމުން ދަނިކޮށް އެގައުމުގެ ހުޅަނގުގައި އޮންނަ ބޯޑަރުތައް ބަންދުކޮށް، އެގައުމުގެ އަސްކަރިއްޔާ އެލާޓަށް ގެނެސްފި އެވެ.
ޕޮލެންޑާއި ލިތުއޭނިއާއާ ގުޅޭ ބެލަރޫސްގެ ބޯޑަރުތައް އެގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ބަންދު ކުރެއްވީ އެގައުމުގައި ކުރިއަށްގެންދާ މުޒާހަރާތަކުގެ ފަހަތުގައި ވަނީ ހުޅަނގުގެ ގައުމުތައް ކަމަށް ވިދާޅުވެ އެވެ. އަދި އޭނާ ވަނީ ބެލަރޫސް އާއި ޔޫކްރެއިންއާ ގުޅޭ ބޯޑަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންނަށް މަޖުބޫރުވެއްޖެ އަސްކަރިއްޔާ އެންމެ މަތީ އެލާޓަށް ގެނެސް، މިގައުމުގެ ހުޅަނގުގައި އޮންނަ ބޯޑަރުތައް ބަންދު ކުރަން. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑުގެ ގައުމު ހަނގުރާމައަކަށް ދާން. އަދި ބެލަރޫސް އާއި ޕޮލެންޑާއި ލިތުއޭނިއާއާ ދެމެދު މައްސަލަ ހައްލު ނުކުރެވޭ ފަދަ އަސްކަރީ އޮޕަރޭޝަނަކަށް ދާން. ވީމާ، ހަނގުރާމައަކަށް މަގުފަހި ނުކުރުމަށްޓަކައި ލިތުއޭނިއާ އާއި ޕޮލެންޑާއި ޔޫކްރެއިންގެ ސިޔާސީ އިސް ފަރާތްތައް ހުއްޓުވަން އެގައުމުގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" ލުކަޝެންކޯ ވިދާޅުވި އެވެ.
ބެލަރޫސްގައި ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފެށީ މިދިޔަ މަހުގެ ނުވައެއްގައި އެގައުމުގައި ބޭއްވި ރިޔާސީ އިންތިހާބު ލުކަޝެންކޯ ކާމިޔާބު ކުރެއްވުމުންނެވެ. އެގައުމުގެ އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި އެ އިންތިހާބުން ލުކަޝެންކޯއަށް 80 ޕަސެންޓު ވޯޓު ލިބުނު އިރު އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ސްވެތުލާނާ ތިކަނޯސްކަޔާއަށް ލިބުނީ 9.9 ޕަސެންޓު ވޯޓެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އަދި އެ ނަތީޖާ އިއުލާން ކުރި ފަހުން ތިކަނޯސްކަޔާ ވަނީ އޭނާގެ އާއިލާއަށް ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާ، ލިތުއޭނިއާއަށް ވަޑައިގެންފަ އެވެ.
ރައީސްކަން ކުރައްވާތާ 26 އަހަރުވެފައިވާ ލުކަޝެންކޯ ވަނީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ ތުހުމަތުތައް ދޮގު ކުރައްވައި، އެގައުމުގެ އިދިކޮޅު ފަރާތްތައް ކޮންޓްރޯލް ކުރަމުން ދަނީ ބޭރުގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ބެލަރޫސްގެ ހުޅަނގު ބޯޑަރު ކައިރިއަށް ނޭޓޯއިން ސިފައިން ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.
ނަމަވެސް ނޭޓޯއިން ވަނީ އިރުމަތީ ޔޫރަޕްގައި އެ އެލަޔަންސުގެ ފައުޖުތައް އިތުރު ކުރަމުން ނުދާ ކަމަށާއި އެ އެލަޔަންސުގެ ފައުޖުތައް ހަރަކާތްތެރި ވަނީ ސުލްހަ ދެމެހެއްޓުމަށާއި ދިފާއީ މަސައްކަތަށް ކަމަށް ބުނެފަ އެވެ.