ބާލިން (ސެޕްޓެމްބަރު 18): ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މިދިޔަ މަހު އެގައުމުގެ ސައިބީރިއާގެ ހޮޓަލެއްގައި ހުންނެވި އިރު ބޭނުން ކުރެއްވި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ފެނިފައިވާ ކަމަށް އޭނާގެ ޓީމުން ބުނެފި އެވެ.

މިދިޔަ މަހުގެ 20ގައި ނަވަލްނީގެ ހާލު ކުއްލިއަކަށް ގޯސްވީ ސައިބީރިއާގެ ޓޮމްސްކްގައި ހުންނެވުމަށް ފަހު މޮސްކޯއަށް ދަތުރު ކުރި ފްލައިޓެއްގައި ހުންނަވަނިކޮށެވެ. އަދި ދަތުރުމަތީގައި ނަވަލްނީ ހޭނެތުނު ހަބަރު ލިބުމާ އެކު އޭނާގެ ޓީމުން ޓޮމްސްކްގައި އޭނާ ހުންނެވި ހޮޓަލަށް ދިޔަ އެވެ. އަދި އޭނާގެ ކޮޓަރިން ފެންފުޅި ފަދަ ތަކެތި ކޮތަޅުތަކަށް އަޅާ، ޖަރުމަނަށް ފޮނުވި އެވެ.

ނަވަލްނީގެ ޓީމުން ބުނި ގޮތުގައި އެ މީހުން އެގޮތަށް އަމަލު ކުރީ ރަޝިއާގައި އެ ހާދިސާ ތަހުގީގު ނުކުރާނެކަން އެނގޭތީ އެވެ. އަދި އެ ތަކެތި ފޮނުވިތާ ދެ ހަފްތާ ފަހުން، އޭގެ ތެރެއިން ފެންފުޅިއަކުން ނޮވިޗޮކްގެ އަސަރު ފެނިފައިވާ ކަމަށް އެ ޓީމުން ބުންޏެވެ.

"ޖަރުމަނުގެ ލެބަކަށް ވަނީ ޓޮމްސްކްގެ ހޮޓަލުން ނެގި ފެންފުޅިން ނޮވިޗޮކްގެ އަސަރު ފެނިފައި. އަދި ނަވަލްނީއަށް ދީފައިވާ ވިހައަކީ އެއީކަން އޭނާގެ ޓެސްޓުތަކުން ވަނީ ދައްކާފައި،" އެ ޓީމުން ބުންޏެވެ.

ނަވަލްނީއަށް ތާއިދު ކުރާ ފަރާތްތަކުން މީގެ ކުރިން ލަފާ ކުރި ގޮތުގައި އޭނާއަށް ވިހަ ދިނީ ޓޮމްސްކްގެ އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭނާއަށް ވިހަ ދިނީ އެއާޕޯޓަށް ވަޑައިގެންނެވުމުގެ ކުރިންކަން މިހާރު އެނގިފައިވާ ކަމަށް ނަވަލްނީގެ ޓީމުން ބުންޏެވެ.

ނަވަލްނީއަށް އެންމެ ފުރަތަމަ ސައިބީރިއާގައި ފަރުވާ ދިނުމަށް ފަހު އޭނާ ވަނީ ޖަރުމަނުގެ ބާލިންއަށް ގެންގޮސްފަ އެވެ. އަދި އޭނާއަށް ފަރުވާދޭ ޑޮކްޓަރުން ވަނީ މީގެ ކުރިން ކޯމާއެއްގައި އޮތް ނަވަލްނީއަށް މިހާރު ހެލިފެލިވެ އުޅެވޭ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން އިންސްޓަގްރާމް މެދުވެރިކޮށް މިދިޔަ އަންގާރަ ދުވަހު ނަވަލްނީ ވަނީ އޭނާއަށް މިހާރު މެޝިނެއްގެ އެހީއާ ނުލައި ނޭވާ ލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ޖަރުމަނުން ބުނާ ގޮތުގައި އެގައުމުގެ އިތުރުން ފްރާންސާއި ސުވިޑެންއަށް ފޮނުވި ސާމްޕަލްތައް ޓެސްޓު ކުރުމުން ވެސް ނަވަލްނީއަށް ނޮވިޗޮކް ވިހަ ދީފައިވާ ކަން ޔަގީންވެ އެވެ. ނަމަވެސް ރަޝިއާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެއީ އެއްވެސް ހެއްކަކާ ނުލައި ދައްކާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.

ނޮވިޗޮކް އަކީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި، ފިނި ހަނގުރާމައިގެ ދުވަސްވަރު އުފެއްދި ކެމިކަލް ހަތިޔާރެކެވެ.