ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ބަލިމީހުން އަތުން ބަދަލުނަގައިގެން ގދ. ނަޑެއްލާ ސިއްހީ މަރުކަޒުން ބޭސްފަރުވާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ނަޑައްލާ އިން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އާސަންދައިގެ ހިދުމަތްދޭން ފެށިފަހުން މުއްދަތު ހަމަނުވާ އައިޑީކާޑެއް ހިފައިގެން ދިޔުމުން ވެސް އެ ރަށު ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް، ފަރުވާކުރުމަށް ސިއްހީމަރުކަޒުން ބޭނުންކުރާ އެ މަރުކަޒުގެ ތަކެއްޗަށް ބަދަލު ނަގާފައިވާ ކަމަށާއި ބަދަލު ނުދެނީސް ބަލި މީހާ ޑިސްޗާޖް ނުކޮށްދޭ ކަމަށެވެ.

"މުއްދަތު ހަމަނުވާ އައިޑީކާޑެއް ހިފައިގެން ދިޔުމުން ވެސް ފަރުވާދިނުމަށް ދޭ ތަކެތީގެ ބަދަލުގައި، އައިވީ އާއި ސިރިންޖް ފަދަ ތަކެތި ބޭސްފިހާރަ އިން ގަނެފައި ސިއްހީ މަރުކަޒަށް ދޭން ޖެހޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ސިއްހީ މަރުކަޒުން އެގޮތަށް އަމަލުކުރާކަން ފަޅާއެރީ މިދިޔަ ބުރާސްފަތި ދުވަހު އެޑްމިޓުކުރި ބަލިމީހެއްގެ އަތުން ބަދަލު ހޯދުމަށް ސިއްހީމަރުކަޒުން މަސައްކަތްކުރުމުން އެ މައްސަލަ ހޫނުވުމުން ކަމަށެވެ. އަދި އެކަންތައް ފަޅާ އެރުމުން ފަރުވާ ހޯދި ދެ މީހެއްގެ އަތުން ސިއްހީ މަރުކަޒުން ނަގާފައިވާ އައިވީތަކަށް ފައިސާ އަނބުރާ ދިން ކަމަށް ވެސް އޭނާ ބުންޏެވެ.

"މިދިޔަ ބުރާސްފަތި ދުވަހު ބަލިމީހެއްގެ އަތުން އެމީހުން އެއްޗެހިތަކެއް ހޯދަން އުޅުނީ. ބުނީ އެ އެއްޗެހި ނުދެނީސް ޑިސްޗާޖް ނުކުރާނެ ކަމަށް. އެހާ ހިސާބުން މައްސަލަ ހޫނެވެ އެނގުނީ 12 ވަނަ ދުވަހާ ހަމަޔަށް އެމީހުން ކަންތައް ކުރަމުން އައީ އެގޮތަށް ކަން،" އޭނާ ބުންޏެވެ.

އާސަންދައިގެ ދަށުން ހެލްތް ކޯޕަރޭޝަންސްތަކުގެ ދަށުން ހިންގާ ހުރިހާ ސިއްހީ މަރުކަޒުތަކުން ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ. އަދި "ފަރުވާ ދިނުމަށް ބޭނުންކުރާ ހޮސްޕިޓަލުގެ ތަކެތި އަދި ހިދުމަތްތަކަށް" އާސަންދައިގެ ޖުމުލަ އަދަދުން ބާކީ އަދަދު ހުސްވަންދެން ފަރުވާ ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ނަމަވެސް އަޕާ ސައުތު ހެލްތް ޔުޓިލިޓީޒްގެ އެސިސްޓެންޓް މެނޭޖާ ހަމްދޫން ރަޝީދު ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ނަޑެއްލާ ސިއްހީ މަރުކަޒުން ކުރާ ހުރިހާ ފަރުވާ އަކަށް އެއްޗެހި ދޭން ނުޖެހޭނެ ކަމަށާއި ބަދަލު ދޭންޖެހެނީ ހަމައެކަނި އިމަޖެންސީގައި ހޯދާ ފަރުވާތަކަށް ބޭނުންކުރާ ހޮސްޕިޓަލުގެ އެއްޗިއްސަށް ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ ކީއްވެގެންތޯ ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އިމަޖެންސީ ސްޓޮކްގައި ހުންނަ އެއްޗެހިތަކަށް އާސަންދައިގެ ދަށުން ބޭސްނުކުރެވޭނެ ކަމަށާއި އެއްވެސް ސިއްހީ މަރުކަޒަކުން އެ ނޫން ގޮތަކަށް އަމަލު ނުކުރާނެ ކަމަށެވެ.

"އިމަޖެންސީ ސްޓޮކްގައި ހުންނާނީ މަދު އެއްޗެއް. އޭތި އެކަކަށް ދީފައި ބަދަލު ނުނަގައިފި ނަމަ ދެން އަންނަ މީހާގެ ފަރުވާ އަށް ބޭނުންވާ އެއްޗެއް ނުހުރޭ. އެހެންވެ އެގޮތަށް އެ އެއްޗިއްސަށް ބަދަލު ނަގަނީ. ހުރިހާ ސިއްހީ މަރުކަޒަކުން ވެސް އަމަލުކުރަނީ އެގޮތަށް،" ހަމްދޫނު ވިދާޅުވި އެވެ.