14:30


މާލިއްޔަތުގެ ޤާނޫނަށް އިސްލާހް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލް ޤާނޫނަކަށް ވެއްޖެނަމަ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، ރައްޔިތުންނަށް ދެމުން އަންނަ ބައެއް ކަހަލަ އެހީތައް ވަގުތުން ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އެންސްޕާ އިން ދީފި އެވެ.


އެންސްޕާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބިލް ޤާނޫނަކަށް ވެއްޖަނަމަ ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ދެމުންގެންދާ ސަބްސިޑީއާއި އެކަނިވެރި މައިންނަށްދެވޭ އެހީއާއި، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދެންނެތް ފަރާތްތަކަށް ދެވޭ އެހީއާއި ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީއާއި ލޯފަން މީހުނަށް ދޭ އެހީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ދައުލަތުގެ ޕެންޝަނަރުންނަށާއި ވަޒީފާއިން މުސްކުޅި ކުރައްވާ ފަރާތްތަކަށް މަދަނައިގެން ދަށުން ދޭ ހިލޭ ބޭސްފަރުވާގެ އެހީއާއި ބޮޑެތި ބަލިތަކަށް ބޭސްފަރުވާ ކުރަންޖެހޭ ފަރާތްތަކަށްދޭ އެހީ ހިމެނޭ ކަމަށްވެސް އެންސްޕާ އިން ބުނެ އެވެ.