18 Sep 2020, 07:58
ފްރެންޗް ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެރޭ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި އެ ޓީމުގެ ފޯވާޑް ނޭމާއަށް ދެއްކި ސީދާ ރަތް ކާޑާއެކު އޭނާ ދެ މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ލީގުގެ ޕީއެސްޖީން ކުޅުނު ދެވަނަ މެޗުގެ ފަހު ވަގުތު ހިނގާދިޔަ ހަމަނުޖެހުމުގައި ދެ ޓީމުގެ ހަ ކުޅުންތެރިއަކަށް ރަތްކާޑު ދެއްކި އިރު، ނޭމާވެސް ހިމެނެ އެވެ. ނާމާއަށް ރަތް ކާޑު ދެއްކި އަލްވާރޯގެގައި ގައި ޖެހުމުންނެވެ. ދަނޑުން ފައިބައިގެން ދަމުން ބަދަލު ރެފްރީ ގާތު ނޭމާ ބުނީ، އަލްވާރޯގެ ފަރާތުން ނަސްލީ ގޮތުން ދިމާކުރުން ކުރިމަތިވި ކަމަށެވެ. އޭނާގެ ގައިގައި ޖެހީ އެހެންވެ ކަމަށް ނޭމާ ބުންޏެވެ.
މާސޭއާއި ޕީއެސްޖީ ބައްދަލު ކުރާ މެޗު އަބަދު ވެސް ވާދަވެރިވެ، ހަމަނުޖެހުންތަކަށް ގޮސްފައިވާ އިރު، ދެން އެ މެޗުގައި ރަތް ކާޑު ދެއްކީ ޕީއެސްޖީގެ ލެއަންޑްރޯ ޕަރެޑެސް އާއި ލަވިން ކުރްޒާވާ އަދި މާސޭގެ ޑާރިއޯ ބެނެޑޭޓޯ އާއި ޖޯޑަން އަމާވީ އަށެވެ. މީގެ ތެރެއިން ޕަރެޑެސް އާއި ބެނެޑޭޓޯއަށް ރަތް ކާޑު ދެއްކީ ދެވަނަ ރީނދޫ ކާޑާއެކު އެވެ.
ނަސްލީ ގޮތުން ދިމާކުރި މައްސަލަ ބަލަން ގޯވާލާފައި ވަނިކޮށް، މިދިޔަ ބުދަ ދުވަހުގެ ރޭ ފްރެންޗް ލީގުގެ ހިންގާ އެލްއެފްޕީން ވަނީ އެ މައްސަލަ ބަލާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެ މެޗުގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ވަނީ އަދަބު ދީފަ އެވެ.
އެގޮތުން ނޭމާ ދެ މެޗަށް ސަސްޕެންޑް ކުރަން ނިންމާފައިވާ އިރު އޭނަގެ ޓީމް މޭޓް ކުރްޒާވާ ވަނީ ހަ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. އަދި އެ ޓީމުގެ ޕަރެޑެސް ވެސް ވަނީ ދެ މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. މީގެ އިތުރުން މާސޭގެ އަމާވީ ތިން މެޗަށް ސަސްޕެންޑް ކުރިއިރު، އެޓީމުގެ ބެނެޑޭޓޯ ވަނީ އެއް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
ފްރެންޗް ލީގުގައި ފަހަކަށް އައިސް ނަސްލީ ތަފާތު ކުރުމުގެ މައްސަލަ ހޫނުވެފައިވާ އިރު ނޭމާގެ މައްސަލައިގައި މާސޭގެ ގޮންޒާލޭޒްއަށް ފިޔަވަޅު އެޅުމަށް ޕީއެސްޖީންނާއި، ބްރެޒިލްގެ ސަރުކާރުން ވެސް ވަނީ ގޮވާލައިފަ އެވެ. އެކަމަކު ބަލަަމުންދާ މައްސަލައަކަށްވާތީ ފްރެންޗް ލީގުން އެކަމާ މެދު އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.