18 Sep 2020, 07:32
ކާމިޔާބު ހަތް އަހަރަށްފަހު ބަޔާން މިޔުނިކް ދޫކޮށް އެކުލަބުގެ މިޑްފީލްޑާ ތިއާގޯ އަލްކަންޓަރާ ލިވަޕޫލަށް ދާން އެއްބަސްވެއްޖެ އެވެ.
ބާސެލޯނާގެ ޒުވާން ޓީމުން ވިދާލި ތިއާގޯ އެކުލަބު ދޫކޮށް ބަޔާންގައި ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ވޭތުވެ ދިޔަ ސީޒަނުގައި ހޯދި ޗެމްޕިއަންސް ލީގުގެ ޓްރޮފީ އެވެ. ޖަރުމަނު ލީގުގެ އިތުރުން ލީގު ތަށި ވެސް ނިމުނު ސީޒަނުގައި ބަޔާނުން ހޯދި އިރު ތިއާގޯ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެކަމަކު ސީޒަން ނިމުމަށްފަހު ކުލަބު ދޫކޮށްލަން ނިންމާފައިވާކަން ތިއާގޯ ވަނީ ކުލަބުގެ މެނޭޖްމެންޓަށް އަންގައިފަ އެވެ.
ތިއާގޯ،29، ބަޔާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަަލަށް ހަމަވާއިރު، އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި، ކުރީގެ ކުލަބު ބާސެލޯނާއިން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ. އެކަމަކު ތިއާގޯ ކުރިއަށް އޮތްތާ ލިވަޕޫލްގައި ކުޅެން ބޭނުންވާކަމަށް ބުނެފައިވާ ކަމަށް ބަޔާންގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވެސް ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ތިއާގޯ ލިވަޕޫލަށް ބަދަލުވާން ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އައިސްފައިވާކަން ރުމެނިގާ ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެ އިތުރުން ބަޔާންގެ ކޯޗު ހަންސީ ފްލިކް ވަނީ ލިވަޕޫލުން ތިއާގޯ ގެންދާތީ އެ ކަމަށް އެ ޓީމުގެ ކޯޗު ކްލޮޕަށް މަރުހަބާ ކިޔައިފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި ތިއާގޯ އެކުލަބު ދޫނުކުރުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި އެހެން ނަމަވެސް ތިއާގޯގެ ނިންމުމަށް އިހްތިރާމްކޮށް އޭނަގެ ހުވަފެން ހަގީގަތަކަށް ވުމަށް އެދޭކަމަށް ފްލިކް ވަނީ ބުނެފަ އެވެ.
"ކުލަބަށް މިއީ ވަރަށް ބޮޑު ގެއްލުމެއް. ތިއާގޯ އަކީ އާދަޔާ ޙިލާފު މޮޅު ކުޅުންތެރިއެއް. ކްލޮޕްއަށް ވަރަށް ބޮޑަށް މަރުހަބާ. ޓީމް އަދިވެސް މިއޮތީ ރަނގަޅު މިސްރާބެއްގައި. މި ޓްރާންސްފާ މާކެޓުގައި ރަނގަޅު ގޮތެއްވާނެ ކަމަށް މި ބަލަނީ." ފްލިކް ބުނެފައިވެ އެވެ.