15 Jan 2012, 17:01
އެޗްސީއެފްސީ ގޭސް ބޭނުން ކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ފުވައްމުލަކުގައި ގައުމީ އިދާރާއިން ސާވޭއެއް ފަށައިފި އެވެ.
މިސާވޭއަކީ އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާއެއް ކަމަށްވާ ހައިޑްރޯ ކްލޯރޯ ޕްލޯރޯ ކާބަންސް (އެޗްސީއެފްސީ) ބޭރުކުރާ ތަކެތީގެ އަދަދު ދެނެގަތުމުގެ ގޮތުން ކުރާ ސާވޭއެކެވެ.
ފުވައްމުލަކު ގައުމީ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ފެށި މިސާވޭގެ ދަށުން އެ ރަށުގެ ހުރިހާ ގޭގެއަކާއި ފިހާރަތައް އަދި އޮފީސްތަކަށް ޒިޔާރަތް ކުރާނެ ކަމަށާއި މިހާތަނަށް އެއް އަވަށް ނިމިފައިވާ ކަމަށެވެ. އަދި މިސާވޭއަކީ މިފަދަ ތަކެތި ބޭނުންކުރާ ފަރާތްތައް ހޯދުމަށް ހައުސިން މިނިސްޓްރީން ކުރަމުން ގެންދާ މަސައްކަތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސާވޭއެއް ކަމަށް ވިދާޅުވި އެވެ.
އެޗްސީއެފްސީ ގޭހަކީ އާއްމުކޮށް އެއާކޮންޑިޝަންތަކުގަ އާއި ރެފްރިޖަރޭޓާތަކުގައި ބޭނުން ބޭނުން ކުރާ ގޭހަކަށް ވާތީ މިސާވޭގައި ރެފްރިޒަރޭޓާ އަދި އެއާކޮންޑިޝަންތައް ހުރި އަދަދާއި އޭގެ ކެޕޭސިޓީ ދެނެގަތުމުގެ ގޮތުން މައުލޫމާތު އެއްކުރެވޭނެ ކަމަށާއި އެ މައުލޫމާތުތައް ހައުންސިން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް ފުވައްމުލަކު ގައުމީ އިދާރާއިން ބުންޏެވެ.
ރާއްޖެ އިން ބައިވެރިވެފައިވާ މުއާހަދާއެއް ކަމުގައިވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔާ"ގެ ދަށުން އެޗްސީއެފްސީ ބޭނުން ކުރުން 2020 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.