ވޮޝިންޓަން (ސެޕްޓެމްބަރު 17): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލިބޭ ގެއްލުމުން އަރައިގަންނަން ފަސް އަހަރު ނަގާފާނެ ކަމަށް ވޯލްޑް ބޭންކުގެ ޗީފް އިކޮނޮމިސްޓް ކާމެން ރެއިންހާޓް ވިދާޅުވެއްޖެ އެވެ.

ރެއިންހާޓް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ގައުމުތަކުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތައް އުވާލުމުން އިގުތިސާދު ކުރިއަރާނެ އެވެ. ނަމަވެސް ބަލިމަޑުކަމުން ލިބުނު ގެއްލުމުން މުޅިން އަރައިގަންނަން ފަސް އަހަރު ނަގާފާނެ އެވެ.

"ފުރަބަންދާ ގުޅުން ހުރި ހުރިހާ ފިޔަވަޅެއް އުވާލުމުން [އިގުތިސާދު] ކުރިއަރައިގެންދާނެ، ނަމަވެސް ގެއްލުމުން އެއްކޮށް އަރައިގަންނަން ފަސް އަހަރު ވަރު ނަގާނެ،" ރެއިންހާޓް ވިދާޅުވި އެވެ.

މީގެ އިތުރުން ބަލިމަޑުކަމާ ގުޅިގެން ރިސެޝަނަކަށް ގޮސްފައިވާ އެކި ގައުމުތަކަށް އެ ހާލަތުން އަރައިގަނެވޭނީ އެކި މުއްދަތުތަކުގައި ކަމަށާއި މުއްސަނދި ގައުމުތަކަށް ވުރެ ބޮޑަށް ފަގީރު ގައުމުތަކުގެ އިގުތިސާދަށް ގެއްލުން ލިބޭނެކަން ރެއިންހާޓް ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން ވޯލްޑް ބޭންކުގެ ރައީސް ޑޭވިޑް މަލްޕާސް ވަނީ ކޮރޯނާވައިރަސް ކޮންޓްރޯލް ނުވެ ދިގު މުއްދަތަކަށް އޮވެއްޖެ ނަމަ، ދުނިޔެއިން 1929އިން 1933އަށް ތަޖުރިބާ ކުރި ގްރޭޓް ޑިޕްރެޝަން ފަދަ އިގުތިސާދީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގައި މިހާތަނަށް 29.7 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި 938،820 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލިން ރަނގަޅުވެފައި ވަނީ 20.2 މިލިއަން މީހުންނެވެ.