ސާބިތު ނުހިފޭ ވާހަކަ ދެއްކި ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ޕޮލިހަށް ހާޒިރުކުރުމަށް ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިހާރު ޕީޕީއެމުން ބ. އަތޮޅުގެ އެކި ރަށްރަށަށް ކުރަށްވާ ދަތުރުގައި އުޅުއްވަމުން މަހުލޫފް މިއަދު ވިދާޅުވީ ފުލުހުން އޭނާއާ ގުޅުއްވުމަށް ފަހު ޗިޓާ ހަވާލުމަށް ހަދަން ޖެހޭނެ ގޮތެއް އެންގުމަށް ވިދާޅުވި ކަމަށެވެ.
މަހުލޫފް ވިދާޅުވީ އޭނާ ޕޮލިހަށް ހާޒިރުކުރުމަށް މަސައްކަތް ކުރައްވަނީ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ ފަރީޝާ އަބްދުﷲ އަކީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެ، އެ ފަރާތުން ހުށައެޅި މައްސަލައެއް ފުލުހުން ތަހުގީގުކުރުމަށް ކަމަށެވެ.

"ލާދީނީ ކަންކަމަށް ގޮވާލާ މޯލްޑިވުސް ކަލްޗާ ވެބްސައިޓް ހިންގި ކަމަށް ބުނާ ފަރީޝާ ރައީސް ނަޝީދުގެ ސެކްރެޓެރީއެއްގެ މަގާމުގައި ހުންނެވި ކަމަށް އަޅުގަނޑު ދި ޓިވީ ޕްރޮގްރާމެއްގައި ބުނެފައިވާ ކަމަށް ބުނެ އެކަން ބެލުމަށް ޕޮލިހުން އަޅުގަނޑަށް ޗިޓް ފޮނުވަން މަސައްކަތް ކުރަނީ،" މަހުލޫފް ވިދާޅުވި އެވެ.

ފަރީޝާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހު ދި ޓިވީގެ ހަބަރުތެރިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާއަކީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ އޭނާ އަށް ނިސްބަތްކޮށް ސާބިތުނުހިފޭ ވާހަކަތަކެއް މަހުލޫފް ފަތުރާފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދި ފުލުހުންނަށް ހުށައެޅި ކަމަށާއި އެ މައްސަލާގައި މަހުލޫފާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށެވެ.

މަހުލޫފް ވިދާޅުވީ ފަރީސާ އޭކިޔައިގެން ސާބިތު ނުހިފޭ ފަދަ ދޮގު ވާހަކަތަކެއް އޭނާ ނުދައްކަވާ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހުލޫފް ފުލުސް އޮފީހަށް ހާޒިރުކުރަން މަސައްކަތް ނުކުރާ ކަމަށެވެ.
ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް މަހުލޫފު ދެއްކެވި ކަމަށް ބުނެ އޭނާގެ މައްސަލަ ފުލުސް އޮފީހަށް ހުށައެޅި އިރު ގައުމީ ޕާޓީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެމްބަރު ސަންދާނު އަހަންމައިދީގެ މައްސަލަ މިހާރު ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.