17 Sep 2020, 15:32
އެމްޑަބްލިއުއެސްސީގެ ހިދުމަތްތަކަށް ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފާއިން ފައިސާ ދެއްކުމުގައި މިކަމަށް ހާއްސަ ފޯމު ފުރިހަމަ ނުކުރާ ކަސްޓަމަރުން އެފޯމު ފުރިހަމަ ކުރަން އެކުންފުނިން އެދިއްޖެ އެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފާއިން ބިލަށް ފައިސާ ދެއްކި ނަމަވެސް ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ދިމާވާކަން ފާހަގަވެފައިވާ ކަމަށެވެ.
އެ މައްސަލަ ދިމާވަނީ އެގޮތަށް ބިލަށް ފައިސާ ދެއްކުމަށްފަހު އެމްޑަބްލިއުއެސްސީއިން އެދިފައިވާ ގޮތުގެ މަތިން ޑައިރެކްޓް ބޭންކް ޓްރާންސްފާ ލިންކުގައިވާ ފޯމު ފުރިހަމަ ނުކުރާތީ ކަމަށް އެކުންފުނިން ބުނެ އެވެ.
އެހެންކަމުން ފައިސާ ދެއްކުމަށްފަހު އެ ލިންކުގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީ އެންމެ އަވަހަށް މައުލޫމާތު ފުރިހަމަކުރަން އެމްޑަބްލިއުއެސްސީއިން ވަނީ އެދިފަ އެވެ.
ހަމައެއާއެކު މި ހިދުމަތް ބޭނުންކުރާއިރު ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި ޕޭމަންޓް ދެއްކުމަށްފަހު ރިސީޕްޓް ވެސް ފޮނުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީގެ ހޮޓްލައިން ނަންބަރު 105އަށް ގުޅައިގެން ލިބޭނެ އެވެ.