15 Jan 2012, 16:37
ރާއްޖޭގައި ބޯޑާ ކޮންޓްރޯލްގެ ނިޒާމް ގާއިމް ކުރަން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މެލޭޝިޔާގެ ނެކްސް ބިޒާއި ދެމެދު އެއްބަސްވެފައިވަނިކޮށް، އެ މަސައްކަތް ހުއްޓާލަން އޭސީސީން އެންގި އެންގުމަކީ ގާނޫނީ ގޮތުން އޭސީސީއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓް ނެކްސްބިޒްއާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ ޖެނުއަރީ 24 ، 2011 ގައި އެ މަސައްކަތް ހުއްޓާލުމަށްފަހު ވަޒީރުންގެ މަޖިލީހާއި ނޭޝަނަލް ޕްލޭނިން ކައުންސިލުން އަންގާ ގޮތެއްގެ މަތިން އެ މަސައްކަތް ކުރިޔަށްގެންދިޔުމަށް އޭސީސީން އެންގި އެންގުމަށް އިމިގްރޭޝަނުން ތަބާ ނުވުމުން އޭސީސީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު މިއަދު އެވެ.
އޭސީސީން ކޯޓުގައި އެދުނީ އެ މަސައްކަތް ހުއްޓާލުމަށް ފަހު މަސައްކަތް ކުރިޔަށް ގެންދިޔުމަށް އެންގިގޮތަށް އަމަލުކުރުމަށް އިމިގްރޭޝަންގެ މައްޗަށް އަންގާ ހުކުމް ކޮށްދެއްވުމަށެވެ.
ނަމަވެސް މި މައްސަލައިގެ ހުކުމް އިއްވަވަމުން ސިވިލް ކޯޓުގެ ގާޒީ ވިދާޅުވީ އޭސީސީގެ ގާނޫނުގެ ދަށުން މުތުލަގު ގޮތެއްގައި ކޮމިޝަނަށް ބާރު ލިބިދެނީ ތަހުގީގު ކުރުމާއި މައްސަލަ ބެލުމަށް ކަމަކަމަށާއި، ކޮންޓްރެކްޓާބެހޭ ގާނޫނުގެ ދަށުން އެ އެއްބަސްވުމުގެ ބައިވެރިންނަށް ލިބިދޭ ރައްކާތެރިކަން ނެތިގެންދާ ގޮތަކަށް ކަމެއް ކުރުމަށް އެންގުމުގެ ބާރު އޭސީސީ އަށް ލިބިގެން ނުވާކަމަށެވެ.
ސިވިލް ކޯޓުން މިގޮތަށް ހުކުމްކުރި އިރު ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑާއި ހަވާލުކުރުމުން އެ މަސައްކަތް ހުއްޓާލުމަށް އޭސީސީއަށް ނޭންގޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ތިލަފުށީ ކޯޕަރޭޝަނުން ވަނީ އޭސީސީގެ މައްޗަށް ދައުވާކޮށްފަ އެވެ.
ބޯޑާ ކޮންޓްރޯލްގެ މަސައްކަތް މެލޭޝިޔާގެ ނެކްސް ބިޒާއި ހަވާލުކުރުމުގައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ އިލްޔާސް ހުސެއިން އިބްރާހިމާއި ފިނޭންސް މިނިސްޓްރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ ޑިރެކްޓާ ސާމީ އަގީލް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައިދެއްވި ކަމަށް ބެލެވޭތީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީން ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވާފަ އެވެ.