އިސްލާމް އާބާދު (ސެޕްޓެމްބަރު 17) : އަންނަ ނޮވެމްބަރު މަހުގެ 3ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބު ވަނީ ނުރައްކަލެއްގެ ކުރިމަތީގައި ކަމަށާއި އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންގެ ކޮންޓްރޯލު ވޯޓިން ސިސްޓަމް އޮތުންކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބަށް އޮތީ ބޭރުގެ ނުފޫޒެއްނޫން

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް އޮތީ ބޭރުގެ ނުރައްކާ ނޫން ކަމަށާއި އެމެރިކާގެ ސްޓޭޓްތަކުގެ ގަވަރުނަރުންގެ ނުރައްކާ ކަމުގަ އެވެ. މިމޭރުމުން ވަރަށް ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ބައެއް ސްޓޭޓްތަކުގެ ގަވަރުނަރުންގެ ސަބަބުން ނޮވެމްބަރު3ގައި އެ ސްޓޭޓްތަކުގައި ވޯޓުލާން ނުފެށިދާނެ ކަމުގެ ބިރު އެބައޮތް ކަމުގަ އެވެ.

ކޮންގްރެސް އިން މިކަން ބަލައި ގަވަރުނަރުންގެ ކޮންޓްރޯލްގެ ދަށުގައި އެމެރިކާގެ ވޯޓިން ސިސްޓަމް އޮންނަ މައްސަލައަށް އަވަސް ހައްލެއް ގެނަސްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނަމަވެސް ގަވަރުނަރުންގެ ކޮންޓްރޯލްގެ ދަށުގައި ވޯޓިން ސިސްޓަމް އޮންނަ ގޮތުގެ ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ. އަދި ގަވަރުނަރުންގެ ބާރު ވޯޓިން ސިސްޓަމަށް ގަދަވެފައި ވަނީ ކޮންސްޓޭޓްތަކެއްގައި ކަން ވެސް ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު މިފަހަރު ވަރަށް ނާޒުކު

ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެހެން ފަހަރުގެ އިންތިޚާބުތަކަށް ވުރެ މިފަހަރުގެ ރިޔާސީ އިންތިޚާބު ވާދަވެރިވެފައި މާ ހައްސާސް ކަމަށާއި އިންތިޚާބުގައި ވޯޓުލާއިރު އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ހަމަނުޖެހުން އުފެދުމުގެ ބިރުވެސް އެބައޮތް ކަމުގަ އެވެ. މިމޭރުމުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މިފަދަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ޓަކައި ސްޓޭޓްތަކުގެ ފުލުހުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ބިރު އޮތްކަމަށް ވިދާޅުވެ އެކަން ނުކުރުމަށް ސްޓޭޓްތަކުގެ ގަވަރުނަރުންނަށް އިންޒާރު ކުރައްވާފަ އެވެ.

ބައިޑެން ކޭންޕޭން އެއްވުމެއްގައި ވާހަކަ ދައްކަވަނީ

ނޮވެމްބަރު3ގައި އޮންނަ ރިޔާސީ އިންތިޚާބާ އެކު ކޮންގްރެސްގެ ދެގޭގެ އިންތިޚާބު ވެސް ކުރިޔަށް ދާނެ އެވެ. ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ އަޑުތައް ގަދަވެފައިވާ އިރު ވައިޓް ހައުސް އާއި އެމެރިކާގެ މައި ސަރުކާރުގެ ވަސީލަތްތައް ރިޔާސީ ކޭންޕޭންގައި ބޭނުންކުރައްވާ ކަމުގެ ތުހުމަތު އިދިކޮޅުން ވަނީ ޓްރަމްޕްގެ މައްޗަށް ކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ކުރިން ކޮވިޑް ވެކްސިންގެ 100 ޑޯޒު ރައްޔިތުންނަށް ދެނީ

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކޮވިޑް-19ގެ ހިޔަނި އެޅިފައިވާ އިރު ޓްރަމްޕް ވަނީ އަންނަ އޮކްޓޯބަރުގައި ކޮވިޑްގެ ވެކްސިންގެ 100 މިލިޔަން ޑޯޒު އެމެރިކާގެ ރައްޔިތުންނަށް ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ނަމަވެސް ޓްރަމްޕާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެން ވަނީ ކޮވިޑްގެ މައްސަލާގައި ޓްރަމްޕް މަކަރާއި ދޮގު ހައްދަވައިގެން ރައްޔިތުންނަށް އޮޅުވާލަން އަދި ވެސް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

އެމެރިކާގައި ކޮވިޑް އިން ރައްކާތެރިވާނެ ގޮތުގެ ޕްލޭނެއް އަދިވެސްނެތް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޑިލާވެއާގެ ސިޓީއެއްކަމަށްވާ ވިލްމިންގްޓަންގައި ވާހަކަ ދައްކަވަމުން ބައިޑެން ވިދާޅުވީ ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ނުވެ ގައުމީ ފެންވަރުގެ ބޮޑު ވަބާއަކަށް އެކަން ބަދަލުވީ ޓްރަމްޕްގެ ނާގާބިލް ކަމުންކަމަށާ ކޮވިޑް ޖެހިގެން އެމެރިކާގައި ދެލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ޓްރަމްޕްގެ ސަރުކާރު ކަމުގަ އެވެ.

ކޮވިޑްގެ ޝިކާރައަކަށް އެމެރިކާ ވެފައިވާތާ އަށް މަސްވެފައިވާއިރު މިހާތަނަށް ވެސް އެ ބައްޔާ ކުރިމަތިލެވޭ ފަދަ ޕްލޭނެއް ޓްރަމްޕްގެ ސަރުކާރުން ހުށަހަޅާފައި ނުވާކަން ބައިޑެން ފާހަގަ ކުރެއްވި އެވެ. ޚިޔާލު ހޯދުމުގެ ސާވޭއަށް ބަލާ އިރު އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޓްރަމްޕަށް ތާއީދު ބޮޑުއިރު އަނެއްބައި ސްޓޭޓްތަކުގައި އޭނާއަށް ތާއީދު ކުޑަ އެވެ. ބައިޑެން އަށް ވެސް ބައެއް ސްޓޭޓްތަކުގައި ތާއީދު ބޮޑުއިރު އަނެއްބައި ސްޓޭޓްތަކުގައި ތާއީދު ކުޑައެވެ. (ނޫސްއެޖެންސީތައް)