17 Sep 2020, 09:28
"އެންމެ ފުރަތަމަ މާލެއިން ރަށަށް ބަދަލުވާން ބަލާލިއިރު ހިތަށް އެރި ސަވައިވް ވާނެ ބާއޭ. ކުދިންނަށް ވާނީ ކިހިނެއް ބާއޭ. މާލޭ ނޫންތަނެއްގައި ރަނގަޅުވާނެ ބާއޭ. ބަދަލުވެގެން މިހާރު މަހެއް ވެއްޖެ. މިހާރު ހިތަށް މިއެރީ ހާދަ ބޮޑު ރަނގަޅެކޭ މިވީ." ކޮވިޑްގެ ހާލަތާ ގުޅިގެން އާމްދަނީ ލިބުން ބަންދުވެ ކުލި ދެއްކޭނެ ގޮތް ނެތިގެން މަޖުބޫރީ ހާލަތުގައި މާލެ ދޫކޮށް ރަށަށް ބަދަލުވި މީހަކު "ސަން" އަށް ކިޔައިދިނެވެ.
އައްޑޫ ހިތަދޫއަށް އުފަން އެމީހާއަކީ މާލޭގައި އުޅޭތާ 21 އަހަރުވެފައިވާ މީހެކެވެ. އޭނާ ކިޔެވީ މާލޭގަ އެވެ. މީހަކާ އިނދެ ދަރިން ހޯދާ ދިރިއުޅެއް ބިނާ ކުރީ މި މާލޭގަ އެވެ. އަނެއްކާ އެދަރިންގެ މުސްތަގުބަލު ވެސް ރާވަމުން އައީ މި ކޮންކުރީޓް މާލޭގަ އެވެ.
އޭނާ ބުނިގޮތުން ދުވަހަކުވެސް މާލެ ދޫކޮށްދާން ހިޔާލުކޮށްފައެއްވެސް ނެތެވެ. އެއީ އޭނާ ދުށް ތަނެއް ނޫނެވެ. އޭނާއަށް ވިސްނިފައި އޮތީ، ރަނގަޅު ތައުލީމެއް ކުދިންނަށް ދެވޭނީ މާލޭގައި ހުރެގެން ކަމަށެވެ.
"ފިރިމީހާއަކީ ރިސޯޓެއްގައި މަތީ ވަޒީފާއެއް އަދާކުރާ މީހެއް. މަށަކީވެސް އަމިއްލަ މީހެއްގެ އޮފީހުގައި މަސައްކަތް ކުރާ މީހެއް. އެކަމަކު ދެމީހުންގެ އާމްދަނީވެސް ބޮޑުތަނުން ކުޑަވީ ހަމަ ކުއްލިއަކަށް. އޭރު އުޅުނީ ދެ ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެން. ދެން ވިސްނީ ކުޑަތަނަކަށް ބަދަލުވާން. އެކަމަކު އޭރުންވެސް ދެކޮޅެއް ނުޖެހޭނެ ކަމަށް ވިސްނުނީމާ ރަށަށް ބަދަލުވާން ނިންމީ،" ރަށުގައި މިހާރު ވަޒަންވެރިވެފައިވާ އެ އަންހެން މީހާ ބުންޏެެވެ.
ރަށަށް ބަދަލުވިއިރު ވިސްނުން ހުރީ ހަމައަކަށް އެޅި ރަނގަޅު އާމްދަނީއެއް ލިބެން ފެށުމުން އެނބުރި މާލެ އައުމަށް ނަމަވެސް އޭނާގެ ދެމަފިރިން މިހާރު އެ ހިޔާލު ދޫކޮށްލައިފި އެވެ. އެ ދިރިއުޅުން އެ މީހުންނަށް މާ އުފާވެރި އެވެ.
"ކުރިން ހިތަށް އެރި ހަމަ ޖެހިލީމާ އެނބުރި ދާނީއޭ. އެކަމަކު މިހާރު އެހިޔާލެއް ނެތް. ކުދިންނަށް މާ ހިތްފަސޭހަ ކަމާއެކު އުޅެލެވޭ. އަނެއްކާ މަށަށްވެސް މަސައްކަތެއް ފަށައިގަނެގެން މިތާ އުޅެވޭނެ." އޭނާ ބުންޏެވެ.
މިއީ އަދި އެންމެ މީހެއްގެ ވާހަކަ އެވެ. އެކަމަކު ކޮވިޑް ހާލަތު އައިސްގެން މާލެއިން ރަށަށް ބަދަލުވާން މަޖުބޫރުވެގެން ބަދަލުވި އެތައް ބަޔަކު އެބައުޅެ އެވެ.
މާލޭގައި ކާމިޔާބު ވިޔަފާރިއެއް ކުރަމުން ދިޔަ ރިލްވާން ލަތީފުގެ ދެމަފިރިންނަކީ ވެސް އެހާލަތު ދިމާވެގެން ރަށަށް ބަދަލުވި ދެމަފިރިންނެވެ. އެމީހުންނަކީ ސިއްހަތަށް ފައިދާ ހުރި ޖޫސް ވިއްކުމުގެ ވިޔަފާރި "ޖޫންބޮންބޮން" އާއި ކޭކް އެޅުމުގެ ވިޔަފާރިއަކާއި އަދި މޫދު އެއްޗިހި ވިއްކާ ފިހާރައެއް ވެސް ހުޅުވައިގެން ވިޔަފާރި ކުރަމުން ދިޔަ ދެމަފިރިންނެވެ. ނަމަވެސް ކޮވިޑްގެ ފުރަބަންދާ އެކު ވިޔަފާރީގެ އާމްދަނީ ހުއްޓި އަތުގައި ރައްކާކޮށްފައި ހުރި ފައިސާ ކުއްޔަށް ދައްކާ ދައްކާ ހުސްވާން ފެށީ އެވެ. އޭގެ ކުރިން މި ދެމަފިރިންނަށް އެކަން ވިސްނުނީ އެވެ.
"ތިރީހަށް ވުރެ ގިނަ އަހަރުގެ ހަނދާންތަކާ އެކު މިއަދު މި ދިރިއުޅުން ބަދަލުކޮށްލީ. އެންމެ ފަހުން މާލޭގައި މި ހޭދަ ކުރި މަސްތަކަކީ ދިރިއުޅުމުގައި މިހާތަނަށް ހޭދަކުރި އެންމެ ހިތްދަތި އިމޯޝަނަލް ދުވަސްތައް. ކުޑައިރުގެ ވަރަށް ގިނަ ހަނދާންތަކާއި ރައްޓެހިންނާއި އާއިލާ ދޫކޮށް މިއަދު މިއައީ." ރިލްވާންގެ ދެމަފިރިން އެ މީހުންގެ ވާހަކަ ސޯޝަލް މީޑިއާގައި ކިޔައިދިނެވެ.
އަތުގައި ރައްކާކޮށްފައި ހުރި ފައިސާ ކުއްޔަށް ދައްކައި ހުލިވުމުގެ ކުރިން އެ ދެމަފިރިން ނިންމީ، ރަށްފުށު ދިރިއުޅުމަށް ބަދަލުވާށެވެ. އެއީ އެ ދެމަފިރިން ވެސް އެ މީހުންގެ ހަޔާތް ރާވަމުން ދިޔަގޮތެއް ނޫނެވެ.
"އެހިސާބުން ހިތަށް އެރީ ކުލި ދައްކައި ބިލުތައް ދައްކަން މާލޭގައި ތިބެ ފައިސާ އަތުން ހުސްކޮށްލާނީ ބާއޭ. ނުވަތަ ރަށަށް ބަދަލުވެ އަތުގައި ހުރިއެއްޗެއް ސޭވް ކުރާނީ ބާއޭ. އެހެންވެ ނިންމީ ބަދަލުވާން،" ރިލްވާން ބުނެފައިވެ އެވެ.
އެހުރިހާ ކަމަކަށް ވިސްނާ އެމީހުން ކުރަމުން ދިޔަ ބައެއް ވިޔަފާރީގެ ސައިޒްކުޑަކޮށްލާ އެތަނަށް ސްޓާފުން ޓްރެއިންކޮށް ރަށަށް ބަދަލުވީ އެވެ. ބަދަލުވި ނަމަވެސް އަދި ވެސް ދަތިތަކެއް އެބަހުއްޓެވެ. އާ ދިރިއުޅުމަކަށް ފަށައިގަންނާނީ ކިހިނެއްތޯ އެމީހުން ދަނީ ވިސްނަމުންނެވެ. ނަމަވެސް ހިތް ހަމަ ޖެހުމެއް ލިބުނީ އެ ދެމަފިރިންގެ ކުޑަ ދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެރި ކަމުންނެވެ. އެހެންވެ އެ ދެމަފިރިން މިހާރު ބުނަނީ، އެ މީހުންނަށް ނިންމުނު ނިންމުމާ މެދު މިހާރު މާޔޫސްނުވާ ކަމަށެވެ.
މާލެ ދޫކޮށް ރަށަށް ދާން މީހުން ބޭނުން ނުވާ ސަބަބުތައް ވަރަށް ގިނަ އެވެ. ރަށްފުށުން ހިތަށް ފިނިކަން ލިބުނަސް ދިރިއުޅުން އާރާސްތުކުރަން އުނދަގުލީ އެވެ. އެއް ކަމަކީ ވަޒީފާގެ ފުރުސަތު ނެތުމެވެ. އަނެއް ކަމަކީ އެކަށީގެންވާ ތައުލީމާއި ބޭސްފަރުވާ އަތޮޅުތަކުން ނުލިބުމެވެ.
އެކަމަކު އެމަގަށް މަސައްކަތްތަކެއް ފެށުމުގެ ވިސްނުމެއް ސަރުކާރުގެ އެބަހުއްޓެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް "ސަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ މާލޭގައި ހުރި ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގެ ބައެއް މަސައްކަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ޕްރޮގްރާމެއް ފަށަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
އެ ޕްރޮގްރާމުގެ ތެރެއިން މިހާރު މާލޭގައި ތިބި ސިވިލް ސާވެންޓުންގެ ތެރެއިން ބަދަލުވާން ބޭނުންވާ މީހުންނަށް އެފުރުސަތު ދޭނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"ފުރަތަމަ މި ބަލަނީ މިވަގުތު ސިވިލް ސާވެންޓުންގެ ގޮތުގައި ތިބި މާލޭގައި ތިބި ބައެއް ބޭފުޅުން، ބަދަލުވާން ބޭނުންތޯ. އިންސެންޓިވައިޒް ކުރުމާއި އެކަހަލަ ބައެއް ޕްރޮގްރާމްތަކެއް އަޅުގަނޑުމެން އެބަ ގެންދަން." މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.
އެއީ ރަނގަޅު ފެށުމެކެވެ. މާލެ ތޮއްޖެއްސުމުގެ ބަދަލުގައި ރަށްރަށުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު މީހުންނަށް ފަހިކޮށް ދިނުމަކީ ހިތްފަސޭހަ ދިރިއުޅުމަކަށް މަގުފަހިވާނެ ކަމެކެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ރާއްޖޭގެ ފަސް ސަރަހައްދެއް އިގްތިސާދީ މައި ހަބްތަކުގެ ގޮތުގައި ތަރައްގީކުރުމަށް ނިންމައި އެ ސަރަހައްދުތައް މިދިޔަ އަހަރު އިއުލާންކޮށްފަ އެވެ. އެ ސަރަހައްދުތަކަކީ ހދ. ކުޅުދުއްފުށި، ޅ. ނައިފަރު، ލ. ގަން، ގދ. ތިނަދޫ އަދި އައްޑޫ ސިޓީ އެވެ.
އެހުރިހާ ބަދަލާ އެކު ދިވެހިން ބޭނުންވާ ޖަޒީރާ ދިރިއުޅުމަކާ ދިމާލަށް މިސްރާބު ޖެހޭނެ ކަމަށް ބެލެވެ އެވެ. ހަމަ ގައިމު ވެސް ކޮވިޑް 19 އެއް ފިލާވަޅެއް ދަސްކޮށްދީފި އެވެ. މާލޭގައި ކުލި ދައްކައިގެން ލިބޭހާ ފައިސާ ކުއްޔަށް ދޫކޮށްލުމަކީ ހައްލު ނޫން ކަމެވެ. ހިތް ހަމަ ޖެހުން ލިބޭނެ އެހެން މަގެއް އެބައޮތެވެ. އެއީ ރަށްފުށުގެ ދިރިއުޅުމެވެ.