15 Jan 2012, 16:15
ގދ. ވާދޫގެ ބަނދަރުގެ ބޭރުގައި ތޮށިލުމުގެ މަސައްކަތް ކުރަނިކޮށް ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެ މަސައްކަތް ހުއްޓުވާލި މައްސަލަ ބަލަން އެ އަތޮޅު ގައުމީ އިދާރާގެ ވަފުދެއް ވާދޫއަށް ހިނގައްޖެ އެވެ.
ވާދޫން ވާހަކަދެއްކި މީހަކު ބުނީ ރައްޔިތުންގެ ބަޔަކު ނުކުމެ އެ ރަށުގެ ކަނޑުދޮށީގެ މަސައްކަތް އިއްޔެ ހެނދުނު ހުއްޓުވާފައިވާ ކަމަށާއި މަސައްކަތް ހުއްޓުވާލީ ތޮށިލަމުން ގެންދާ ގޮތުން ހުޅަނގު މޫސުމުގައި ތޮށި ގިރާލާނެތީ ކަމަށެވެ. މަސައްކަތް ހުއްޓުވާލުމުން އެކަމާ މަޝްވަރާކުރަން ގައުމީ އިދާރާގެ ވަފުދެއް އެރަށަށް މިއަދު ގޮސްފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.
ވާދޫ ރައްޔިތުންގެ ތެރެއިން 150 އެއްހާ މީހުން މިއަދު ވަނީ ރަށުގެ ޖެޓީގެ ސަރަހައްދުގައި ވަފުދުގެ މީހުންނާ ބައްދަލުކޮށްފަ އެވެ. ވާދޫ ރައްޔިތުން ބުނެފައި ވަނީ އެމީހުން ހިތްހަމަނުޖެހޭ ކަންކަން އިސްލާހުކޮށްފައި ނޫނީ މަސައްކަތް ނުފެށުމަށެވެ.
"ކަނޑު ތޮށި ލަމުންދާ ގޮތާއި މެދު ހިތް ހަމަނުޖެހިގެން ރައްޔިތުން އިއްޔެ މުޒަހަރާ ކުރީ، އެމަސައްކަތް ހުއްޓުވީ ބޮޑެތި ހިލަތަކުގެ ދަށަށް ކުދި ހިލަތަކެއް ލައިގެން... ދެން ހުޅަނގު މޫސުމުގައި ރާޅު ގަދަވެގެން ކުދި ހިލަތައް ދަމައިގަނެ ދޫވެއްޖެއްޔާ ބޮޑެތި ހިލަތައް ވެއްޓިދާނެތީ ރަށްޔިތުން ކަންބޮޑުވަނީ،" އެރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.
ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ވިދާޅުވީ ގައުމީ އިދާރާގެ ވަފުދެއް އެރަށަށް ދިޔަ ކަމަށާއި އަދި ވެސް އެމައްސަލައަށް ހައްލެއް ނާންނަ ކަމަށެވެ.
" ރައްޔިތުންނާއި ގައުމީ އިދާރާގެ މަޝްވަރާތައް ދަނީ ކުރިއަށް އަދި ވަކި ގޮތަކަށް ނުނިމޭ" އޭނާ ވިދާޅުވި އެވެ.
ވާދޫގެ ކަނޑު ތޮށި ލުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީންނެވެ.