17 Sep 2020, 07:37
ޕޮޒޓިވްވާ މީހުންނާ ކޮންޓެކްޓްވާ މީހުންގެ ފުރިހަމަ މައުލޫމާތު ނުލިބޭ މައްސަލަ ބޮޑުވެފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއޯސީ) އެޕިޑަމޮލޮޖިސްޓް ޑރ. އަފްޒަލް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެޗްއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް އެންމެ ފުރަތަމަ ފެތުރެން ފެށިއިރު ބަލި ޖެހުނު މީހުން މައުލޫމާތު ހާމަކުރިއިރު އެމީހުންނާ ބައްދަލުވި މީހުން މައުލޫމާތު ވަރަށް ސާފުކޮށް ކިޔައިދިން ކަމަށެވެ. އޭގެ ސަބަބުން ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ވަރަށް ފަސޭހަވިކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެކަން މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިހާރު އަޅުގަނޑުމެންނަށް މި ފެންނަ މަންޒަރަކީ ކޮންމެ ފަރާތެއްގެ ކޮންޓެކްޓްސްގެ ވާހަކަ އަހާލާއިރު ވީހާވެސް މަދުފަރާތެއްގެ ނަންތަކެއް އަޅުގަނޑުމެންނާ ހިއްސާ ކުރެވިގެން މިދަނީ. ދެން އެކަމަކީ އަޅުގަނޑުމެންނަށް ހަގީގަތުގައި ވަރަށް ގިނަ ފަހަރު އެގޮތަށް ކޮންޓެކްޓްސްއަށް ބަލައިފިކަމަށް ވަންޏާ ގޭގައި އުޅޭ މީހުންތާ އަޅުގަނޑުމެންނަށް އެނގޭނީ އުޅޭ ބައެއްކަން. އެހެން ނަމަވެސް އޭނަ ގެއިން ބޭރުން ދިމާވާ ފަރާތްތަކުގެ މައުލޫމާތުތަކަކީ އެ ބޭފުޅަކު ދޭ މައުލޫމާތެއް ނޫނީ ލިބޭނެ މައުލޫމާތެއް ނޫން" އަފްޒަލް ވިދާޅުވި އެވެ.
ކުރިން ކޮންޓެކްޓުންގެ ގޮތުގައި ރެކޯޑް ކުރާ އަދަދަށްވުރެ މިހާރު ރެކޯޑް ކުރެވޭ ކޮންޓެކްޓުންގެ އަދަދު މަދުވަނީ ލިބޭ މައުލޫމާތުގެ އުނިކަމެއްގެ ސަބަބުންކަން އަފްޒަލް ފާހަގަކުރެއްވި އެވެ.
ބަލި ފެތުރުން ހުއްޓުވުމަށް ސައްހަ މައުލޫމާތު ދިނުމަށް ޑރ. އަފްޒަލް ރޭ ވަނީ އިލްތިމާސް ކުރެއްވި އެވެ.