15 Jan 2012, 15:50
ސަންދާން އަހަންމައިދީ ކޯޓަށް ހާޒިރުކުރަން ކޯޓުން ނެރުނު އަމުރަށް ތަބާނުވެ ފުލުހުން އޭނާ ދޫކޮށްލުމުން އެކަމާއި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް ދެވަނަ ފަހަރަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިރޭ 8:00 އަށް ކޯޓަށް ހާޒިރުވުމަށް ފުލުހުންގެ މައްޗަށް އެ އަމުރެއް ނެރުނީ މިއަދު ކަމަށާއި މިހާރު އެ އަމުރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގައި ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ. ނަމަވެސް ފުލުހުން ވަނީ އެ އަމުރާއި އެއްގޮތަށް ކޯޓަށް ހާޒިރު ނުވެފައެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް ކުރިން ވިދާޅުވީ ހުކުރު ދުވަހުގެ ރޭ 7:45 އެހާކަންހާއިރު ފުލުހުންގެ ފަރާތުން އަޒީފް އައްބާސް ކިޔާ ބޭފުޅަކު ފޯންކޮށް ކޯޓަށް ގުޅުއްވާ އަހަންމައިދީ ދޫކޮށްލައިފީމޭ ދެން ކޯޓަށް ހާޒިރު ނުވާނެކަމަށް ވިދާޅުވި ކަމަށެވެ.
ރަޖިސްޓްރާ ވިދާޅުވެފައި ވަނީ އަޒީފް އެހެން ވިދާޅުވުމުން އެކަންހިގައިދިޔަ ގޮތް ކޯޓަށް އޮޅުންފިލުވުމަށްޓަކައި ކޯޓަށް ހާޒިރުވާން ޖެހޭނެކަމަށް އެންގި ކަމަށާއި ނަމަވެސް އޭނާ އެކަމާއި ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ކޯޓްގެ ހުރުމަތް ކަނޑާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ކްރިމިނަލް ކޯޓުން ފޮނުވާފައިވާ އަމުރަށް މިރޭ ކޯޓަށް ހާޒިރުވެ ޖަވާބުދާރީވާނެ ކަމަށެވެ.
"ކޯޓްގެ ޗިޓް ފުލުހުންނަށް ވަނީ ލިބިފައި،" ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.