15 Jan 2012, 15:31
ރައްޔިތިންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލްގެ މައްޗަށް ދައުލަތުން ކުރާ ކުޑަ އަންހެން ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގިކަމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި އާދިލުގެ ފަރާތުން ހެކިން ހުށަހަޅައިފި އެވެ.
މި މައްސަލައިގެ އަޑު އެހުމެއް މިއަދު ބޭއްވެވީ ޝަރީއަތް ނުބާއްވާ ގިނަ ދުވަސްތަކެއްވުމަށްފަހު އެވެ. އާދިލުގެ މައްޗަށް ކޮށްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައިހުރެ ކުޑަ އަންހެންކުއްޖަކާއެކު ޖިންސީ އަމަލު ހިންގިކަމުގެ ކުށުގެ ދައުވާ އެވެ.
މިއަދު 10:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އާދިލުގެ ފަރާތުން ވަނީ ހެކީންގެ ގޮތުގައި އަށް މީހަކު ޝަރީއަތަށް ހުށަހާފަ އެވެ. ނޫސްވެރިންނާ ނުލާ ބާއްބާ ޝަރީއަތުގެ މިއަދުގެ މަޖިލީހުގައި ދެން ހިނގައިދިޔަ ކަންތައްތަކުގެ ތަފުސީލެއް ސާފެއް ނުވެއެވެ.
އާދިލްގެ މައްޗަށް އެ ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާއި މެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ) ގައި ބުނަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގައިފި ކަމަށްވާނަމަ އެކުރަނީ ކުށެއް ކަމަށެވެ.
ހަމަ އެމާއްދާގެ (ށ) ގައި ބުނަނީ އެފަދަ ކުށެއް ކޮށްފި މީހާގެ އަދަބަކީ 15 އަހަރާއި 18 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.