15 Jan 2012, 15:06
ގާނޫނާ ހިލާފަށް ފުލުހުންނަށް އެއްބާރުލުން ދިންކަމުގެ ތުހުމަތުގެ އިނގިލިތައް ދިއްކުރާ ކަމަށާއި ގާނޫނީ ވާޖިބު އަދާކުރުމަށް އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ، ހއ. އުލިގަމު ރަށު ކައުންސިލްގެ ރައީސާއި ނައިބު ރައީސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހއ. އުލިގަމުގައި ކުރި މުޒާހަރާތަކާ ގުޅިގެން އެ ރަށުގައި ހަރަކާތްތެރިވި ފުލުހުންނަށް އެއްބާރުލުން ދެއްވީ ގާނޫނާ ހިލާފަށް ކަމަށް ރަށުގެ ބައެއް ފަރާތްތަކުން ތުހުމަތުކޮށް، އެގޮތަށް އަމަލުނުކުރުމަށް ގޮވާލަމުންދާ ކަމަށް އޭނާ މިއަދު ހެނދުނު އިސްތިއުފާ ދެއްވި ، އުލިގަމު ކައުންސިލްގެ ކުރީގެ ރައީސް އިމާދު އަބުދުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނާ ހިލާފަށް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާތީ އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތީ ކަމަށެވެ.
"އަޅުގަނޑު އިސްތިއުފާ ދިނީ މަގާމު އަދާކުރުމަށް އުޒުރުވެރިވާތީ، އަދާކުރަން ޖެހޭ ގާނޫނީ ވާޖިބު އަދާކުރުމަށް ލިބެން ޖެހޭ އެއްބާރުލުން ނުލިބޭތީ އާއި އަޅުގަނޑު އިސްވެހުރެ ގާނޫނާ ހިލާފު ކަމެއް ކުރަން ބޭނުންނުވާތީ،" އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ ދިވެހި ފުލުހުން އޭނާ އަށް ޣައިރު ގާނޫނީ އަމުރެއް ނުކުރައްވާ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދެއްވީ ގާނޫނީ ވާޖިބެއް އަދާކުރުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ ފުލުހުން އުލިގަމުން ހައްޔަރުކުރި ފަސް މީހުން ހައްޔަރުކުރީ އޭނާ އެދިވަޑައިގެންނެވުމުން ނޫން ކަމަށެވެ.
އަދި ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮމްޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަކީ ދިވެހި ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށްވާ އިރު ފުލުހުން މެދުވެރި ނުކޮށް ހައްލު ނުވާ ވަރުގެ މައްސަލައެއް ކުރިމަތިވެއްޖެއްޔާ ފުލުހުންގެ އެހީއަށް އެދުމުގެ ފުރުސަތު އެކުންފުންޏަށް އޮންނާނެ ކަމަށެވެ.
"އެމްޓީޑީސީއަކީ ދިވެހި ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏަކަށްވާ އިރު އެކުންފުންޏަށް ދަތިވާ ކަހަލަ މައްސަލައެއް ކުރިމަތިވެއްޖެ ނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު އެބޭފުޅުންނަށް ވެސް އޮންނާނެ، ނަމަވެސް އަޅުގަނޑު ނުދަންނަވަން ފުލުހުންނަށް ގުޅީ އެބޭފުޅުންނެކޭ ވެސް،" އިމާދު ވިދާޅުވި އެވެ.
އުލިގަމުގައި އެމްޓީޑީސީ އިން ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓިފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވުމާ ގުޅިގެން އެ ރަށުގެ ޒުވާނުން އިސްވެ ތިބެ ކުރި މުޒާހަރާއާ ގުޅިގެން 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު ހަތަރު މީހަކު ފުލުހުން އިއްޔެ ހައްޔަރުކުރި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ