ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ ކައުންސިލް މެންބަރު ސަންދާން އަހައްމައިދީ ތިން ވަނަ ފަހަރަށް ފުލުހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ. ޖަމީލު ހާޒިރުވާން އަންގާފައި ވަނީ މިރޭ 8:30 އަށެވެ. އަހައްމައިދީ 8:00 އަށެވެ.

ޑރ. ޖަމީލު މިއަދު ވިދާޅުވީ ފުލުސް އޮފީހަށް އޭނާ ހާޒިވާން ފޮނުވި ޗިޓާއި ހަވާލުވެވަޑައިގެންނެވި ނަމަވެސް އެ ޗިޓް ފޮނުވާފައި ވަނީ އެއްވެސް އަސްލެއްގެ މައްޗަށް ބުރަވެގެން ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރަން ދައްކާ ވާހަކައެއްގެ ސަބަބުން ދުވާލަކު 25 ފަހަރު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވި ނަމަވެސް ވަޑައިގަންނަވާނެ ކަމަށެވެ. މިރޭ ފުލުހުންގެ އިދާރައަށް ވަޑައިގަތުމުން ކުރާ ސުވާލުތަކަށް ހަނުހުންނަވާނެކަން ނުވަތަ ނޫން ކަމެއް ޖަމީލް ވިދާޅެއް ނުވެ އެވެ.

"ސަރުކާރުން ދައްކާ އަސްލެއް ހަގީތެއްނެތް ވާހަކަތައް ގެނެސްދީގެން ދުވާލަކު 25 ފަހަރު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގެވިއަސް އަޅުގަނޑު ފުލުސް އޮފީހަށް ދާނަން،" ކުރީގެ ސަރުކާރުގެ ޖަސްޓިސް މިނިސްޓަރު ކަމާއި މި ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވެވި ޖަމީލް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުސް އޮފީހަށް ޖަމީލް ހާޒިރުކުރުމުން ފުލުހުން ކުރި ހުރިހާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ވެފައިވާކަމަށާއި ދެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުރަންޖެހޭ އިތުރު ސުވާލެއް އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވެވޭ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލާއި އަހައްމައިދީ ވަނީ ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ޖަމީލުގެ ވަކީލެއްގެ ތޮތުން ރޭ ވަޑައިގަތީ ގައުމީ ޕާޓީގެ ރައީސް އަދި ޖަމީލްގެ ރަހުމަތްތެރިޔާ ޑރ. ހަސަން ސައީދާއި މަޝްހޫރު ގާނުނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރާއެކު އެވެ. އެ ދެބޭފުޅުން ފުލުހަށް ވަޑައިގެންނެވި ނަމަވެސް ފުލުހުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދާރީވެވަޑައި ނުގެން ވަނީ ހަނުހުންނެވުމުގެ ހައްގުގެ ބޭނުންކުރައްވާފަ އެވެ.

ޖަމީލާއި އަހައްމައިދީ ފުލުސްއޮ އޮފީހަށް ހާޒިރުކުރަނީ ސަރުކާރާއި ރައީސް ނަޝީދާއި މެދު އަސްލެއް ނެތް ވާހަކަތަކެއް ދެއްކެވި ކަމަށްބުނެ އެވެ.