މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި އެ ތަނަށް ދާދިފަހުން ގަތް ކްރޭނަކީ ފަސާދަ އެކުލެވޭ ގޮތަށް ގަނެފައިވާ ކެރޭނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރައްވާ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ތުހުމަތުކުރައްވައިފި އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫފްގެ މެންބަރުނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް މުސްތަފާ ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ މިސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދުވާލުގެ އަލީގައި ބޮޑެތި ވައްކަންތައް ކުރަމުންދާ ކަމަށާއި ދާދިފަހުން އެމްޕީއެލް އަށް ގަތް ކެރޭނަކީ އޮޅުވާލައިގެން ފަސާދަ އެކުލެވޭ ގޮތަށް ގަނެފައިވާ ކެރޭނެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޕީއެލް އަށް ދާދިފަހުން ގަތީ ސެކަންޑް ހޭންޑް ކެރޭނެއް ކަމަށާއި އެ ކެރޭން ގަތީ 2.7 މިލިއަން ރުފިޔާ އަށް ކަމަށާއި ނަމަވެސް އެމްޕީއެލްގެ ބަޖެޓުން އެ ކެރޭން ގަތުމަށް 10.8 މިލިން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

"ލަންކާ އަށް އަދި އެކެރޭން ނުގެންދޭ، އެކެރޭން ރާއްޖެ ގެނައުމަށް ހަމަޖައްސާފައި އޮތީ މުޅިން އާ އެއްޗެއްގެ ގޮތުގައި،" މުސްތަފާ ބާއެއްޗެއް ކަމަށް ތުހުމަތު ކުރާ ކްރޭނާ ބެހޭ ގޮތުން ވިދާޅުވި އެވެ.

މީގެއިތުރުން ހެވީ ފޯސް ނަމަކަށް ކިޔާ ބަޔަކަށް ވިޔަފާރިއެއް ދިނުމުގެ ބޭނުމުގައި ކުޅުދުއްފުށީ ވިޔަފާރި ބަނދަރު 4000 ޓަނުގެ ބޯޓް ފަހަރަށް ވަދެވޭ ގޮތަށް އެ ބަނދަރު ފުންކުރުމުގެ ޕްރޮޖެކްޓެއް އެކުންފުންޏަށް 47 މިލިއަން ރުފިޔާ އަށް ދޭން ނިންމާފައިވާ ކަމަށް ވެސް މުސްތަފާ ތުހުމަތު ކުރެއްވި އެވެ. އަދި އެ ބަނދަރަކީ 2000 ޓަނުގެ ބޯޓްފަހަރަށް އެއްވެސް ދައްޗަކާއި ނުލައި ވަދެވޭނެ ގޮތަށް ޖަޕާނުގެ ކުންފުންޏަކުން ހަދާފައިވާ ބަނދަރެއް ކަމަށާއި އާއްމުގޮތެއްގައި 1000 ޓަނުގެ ބޯޓު ފަހަރު ވެސް އެބަނދަރަށް އާއްމުގޮތެއްގައި މުދާ ބާލަމުން ނުދާ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޕީއެލްގެ ޗެއާމަން ހުސެއިން ނިޒާރު ވަނީ އެ ކުންފުންޏާ ބެހޭ ގޮތުން މުސްތަފާ ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މުސްތަފާގެ އެއެސްއެމްއެސް އޭނާގެ ފޯނަށް ވެސް ކޮންމެވެސް ނަމްބަރަކުން އައިސްފައިވާ ކަމަށާއި ނަމަވެސް ކޮރަޕްޝަންގެ މައްސަލަތަކެއް އުޅޭ ކަމަށް ދައްކާ އެ ވާހަކަތަކަކީ ހަމައެކަނި ބަޔަކު އަޅުވަން އުޅޭ އިލްޒާމެއް ކަމަށެވެ. އަދި ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަނާޅާނެ ކަމަށް އެއްވެސް ކަމެއް މިހާރު މި ގައުމުގައި ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޕީއެލުން ދެ ކެރޭނެއް ގަތުމަށް ޓެންޑާކުރި ކަން އެނގިވަޑައިގެންފައިވާ ކަމަށާއި އެކަމުގެ ތަފްސީލް އެނގިވަޑައިގެންނަވާނީ ޓެކްނިކަލް ޓީމަށް ކަމަށެވެ.

"އެމްޕީއެލްގެ ބިޑް ކޮމިޓީގެ ނިންމުންތަކަކީ ޓެންޑާ ބޯޑްގެ މީހުންނާއި އެމްޕީއެލްގެ ބޯޑު މީހުން ތިބެގެން ކުރާ ކަމެއް. ލަންކާއަކީ ކެރޭން ހަދާތަނެއް ނޫން، ހަނދާނެއް ނުވޭ މިއިން ޒަމާނެއްގައި ވެސް 175000 ޑޮލަރަށް އެއްވެސް ތަނަކަށް ކެރޭނެއް ގަތް ހަދާނެއް. ބޯޑުން އިވެލުއޭޝަންގެ ކަންތައްތައް ކޮށްފައި ވަނީ ކުންފުނީގެ އުސޫލުން ބޭރުގައި ކަމުގައިވާ ނަމަ އެކަމެއް ބަލަން މިހުރީ ހަމަތައްޔާރަށް،" ނިޒާރު ވިދާޅުވި އެވެ.

Hussein Nizaar (mp3)

އެޕްޕީއެލްގެ ސީއީއޯ ހުސެއިން ހިލްމީ ވިދާޅުވީ ބީލަން އުސޫލު އެބިޑް ކާމިޔާބު ކުރި ލަންކާގެ ސެނޮކް ކުންފުންޏަށް އެ ބިޑް އެވޯޑް ކޮށްދީފައިވާ ކަމަށާއި އެބިޑް އެވޯޑް ކޮށްފައި ވާނީ ބިޑް ކޮމިޓީގެ ރެކަމަންޑޭޝަނަށް ފަހު ފިނޭންސް މިނިސްޓްރީން ވެސް އެކޮމިޓީގެ ނިންމާފައިވާ ނިންމުމަށް ތާއީދުކުރުމުން ކަމަށެވެ. ހިލްމީ އަދި ވިދާޅުވީ އެ މައްސަލާގައި ކޮރަޕްޝަނަށް ފަގުފަހިވާނެ ފަދަ އެއްވެސް ކަމެއް އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ކުންފުނީގެ ޗެއާމަނަށް މިކަމުގައި އިނގިލި ދިއްނުކުރެވޭނެ ކަމަށެވެ.

ކުޅުދުއްފުށީގެ ބަންދަރުގެ މައްސަލާގައި ނިޒާރު ވިދާޅުވީ އެބަނދަރު އިތުރަށް ތަރައްގީ ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށާއި ޕްރޮޖެކްޓެއް ބީލަމަށް ހުޅުވާލުމުން ކޮންމެ ބަޔަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. ނަމަވެސް އަދި އެއްވެސް ބަޔަކަށް ދޭން ނިންމާފައިވާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުސްތޮފާގެ އެސްއެމްއެސްގައި އޭނާ ވިދާޅުވެފައި ވަނީ ސަރުކާރުގައި ހުރި މިފަދަ ކަންތައްތަކަށް ސަރުކާރު ޒިންމާދާރު ކުރުވުމުގެ އެންމެ އިސް ދައުރެއް ޑިމޮކްރައީސްއެއްގައި އަދާކުރަން ޖެހޭ ބަޔަކީ އިދިކޮޅު ފަރާތްތައް ކަމަށާއި ނަމަވެސް އެފަރާތްތައް ތިބީ މިފަދަ ކަމަކާ އުޅެވޭ ވަރަށްވުރެ ބޮޑަށް ވެރިކަމަށް ދަހިވެތިވެފައި ކަމަށެވެ.

އެމްޕީއެލް ބަނގުރޫޓުވުމުގެ ކުރިން ވީހާ ވެސް އަވަހަކަށް އެކުންފުނި ޕްރައިވެޓައިޒް ކުރުމަށް ބައިނަލްއަގުވާމީ ބީލަމަކަށް ހުޅުވާލަން ޖެހޭ ކަމަށާއި އެކުންފުންޏަށް އިންވެސްޓްކުރާނެ އެތައް ކުންފުންޏެއް މިހާރު ވެސް އެބަތިބި ކަމަށް މުސްތަފާ ވަނީ ވިދާޅުވެފަ އެވެ.