04 Jul 2010, 10:27
14:30
އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާހޯދަމުންދިޔަ ދެމައިން މަރުވި މައްސަލާގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ދެ ނަރުހުންގެ މައްސަލަ އަހަރެއް ފަހުން މިއަދު ޕީޖީ އޮފީހުން ޖިނާއީ ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލާގައި އިހުމާލުވެފައިވާ އެ ދެ ނަރުހުންގެ މައްސަލަ ޖިނާއީ ކޯޓަށް ޕީޖީ އޮފީހުން ހުށަހަޅާފައި މިވަނީ އިންޑިއާގެ އެ ދެ ނަރުހުންގެ މައްޗަށް ދައުވާނުކޮށް އަހަރެއްހާ ދުވަސް ފާއިތުވެގެން ގޮސްފައިވާތީ އެ މައްސަލައާ މެދު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްފަހު މިދިޔަ މަހުގެ ނިޔަލަށް ޖިނާއީ ކޯޓަށް ހުށަހެޅުމަށް އެދި ޖިނާއީ ކޯޓުން ޕޮލިސް ކޮމިޝަނަށް އަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
މިދިޔަ އަހަރުގެ އެފްރީލް މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މއ. ސަތާވަރީއާގޭ ޝާހީން މުހައްމަދު ވިހެވުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލަށް ދިއުމުން، ސިޒޭރިއަން ހެދުމުގެ ތެރޭގައި ކުއްޖާ މަރުވި މައްސަލަ އާއި އޭގެ ދެ ދުވަސް ފަހުން ކުއްޖާގެ މަންމަ ވެސް މަރުވި މައްސަލާގައި އޭޑީކޭ ހޮސްޕިޓަލްގެ ދެ ނަރުހުންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ އެ ދެ ނަރުހުން ސާހީން މުހައްމަދާއި އޭނާގެ ބަނޑުގައިވާ ކުޑަދަރިފުޅުގެ ހާލުބެލުމުގައި އެފަދަ ބަލިމީހަކާމެދު ބެލުމަށް އެންމެ އެކަށީގެންވާ ގޮތުގެ މަތީން އަމަލްކޮށްފައިނުވާތީ އެ ދެ ނަރުހުންގެ މައްޗަށް އުމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރާ ކަމަށެވެ.