15 Sep 2020, 22:05
ކޮވިޑް-19އާ ދެކޮޅަށް ކުރާ މަސައްކަތުގެ ފްރަންޓްލައިންގައި މަސައްކަތް ކުރި މުވައްޒަފުން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުގައި ބޭތިއްބުމަށާއި، އައިސޮލޭޓު ކުރަން ޖެހޭ މީހުން ދައުލަތުގެ ހަރަދުގައި ރިސޯޓުތަކުގައި ބެހެއްޓުމުގައި ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަންތައްތައް ހިންގާފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރު ކުރި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުގެ ކޮމްޕްލަޔަންސް ރިޕޯޓުން ހާމަވެއްޖެ އެެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު އޮޑިޓް ރިޕޯޓަކީ އެންޑީއެމްއޭއިން މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން 30ގެ ނިޔަލަށް ކޮވިޑް-19އާ ގުޅިގެން ކުރި ހަރަދުތަކުގެ ރިޕޯޓެކެވެ. އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ރިޒޯޓުތަކާއި މާލޭޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހިފަން 30 ޖޫންގެ ނިޔަލަށް އެންޑީއެމްއޭއިން 35.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ނަމަވެސް، އެ ހަރަދުތައް ކުރި ގޮތުގައި މާލިއްޔަތު ގަވައިދާ ހިލާފު ބައެއް ކަންތައްތަކެއް ހުރިކަން ފާހަގަކޮށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެންޑީއެމްއޭގެ މާލީ ޒިންމާދާރުވެރިޔާ އާއި ފައިސާ ހަރަދު ކުރަން ހުއްދަ ދޭ ފަރާތްތަކުން މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާ ކުރި ކަމަށް އެ އޮފީހުން ނުދެކޭ ކަމަށެވެ.
މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާ އެއްބަސްވުން ހަދާފައި ނުވޭ
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައި ވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގެ މީހުން ބައިތިއްބަން ގެސްޓްހައުސްތައް ކުއްޔަށް ހިފުމަށް އެއްބަސްވުމެއް ތައްުޔާރުކޮށްފައި ނުވާ ކަމަށެވެ. އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވުމުން، ވަކިވަކި ގެސްޓްހައުސްތަކުން ދެނީ ކޮން ހިދުމަތްތަކެއް ކަމާއި، އެ ހިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައިކަން އެނގެން ނެތް ކަމަށް ރިޕޯޓްގައިވެ އެވެ.
އެކަމުގެ ސަބަބުން އެކި ގެސްޓްހައުސްތަކުން އެކި ރޭޓުތަކުގައި ބިލުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. ނަތީޖާއެއްގެ ގޮތުން ދައުލަތުން އިތުރު ހަދަރު ކުރަން ޖެހުނު ކަމަށް ރިޕޯޓްގައި ފާހަގަ ކުރި އެވެ.
"އެކި ގެސްޓްހައުސްތަކުން އެކި ރޭޓުން ބިލުކޮށްފައިވާ ކަމާއި، ލޯންޑްރީ ސާވިސް އަދި އެކްސްޓްރާ ބެޑް އަދި އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ހިދުމަތްތަކަށް ދައުލަތުން އިތުރު ހަރަދު ކުރަންޖެހުނުކަން ފާހަގަ ކުރަމެވެ." އޮޑިޓް ރިޕޯޓުގައިވެ އެވެ.
ގެސްޓްހައުސްތަކުގައި ތިބި ފަރާތްތަކުގެ މައުލޫމާތު ކަށަވަރުނުކޮށް ފައިސާ ދީފައިވޭ
އެންޑީއެމްއޭއިން ގެސްޓްހައުސްތައް ހިފީ އެތަންތަނުގައި ހުރީ ކިތައް ކޮޓަރި ކަމާއި، އެ ކޮޓަރިތައް ހިފާފައިވާ މުއްދަތާއި އެތަންތަނުގައި ތިބީ ކިތައް މީހުންކަން ކަށަވަރު ނުކޮށް ކަމަށްވެސް އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައިވެ އެވެ.
ފްރަންޓްލައިންގައި މަސައްކަތް ކުރި ބައެއް އިދާރާތަކުން މައުލޫމާތު ހޯދައި ބެލި އިރު، ބައެއް ގެސްޓްހައުސްތަކަށް ބޭނުން ނުކުރާ ކޮޓަރިތަކަށްވެސް ފައިސާ ދައްކާފައިވާ ކަމާއި، ކޮޓަރި ބޭނުން ކުރި މުއްދަތަށް ވުރެ އިތުރަށްވެސް ބައެއް ހާލަތްތަކުގައި ފައިސާ ދައްކާފައިވާ ކަމަށް އޮޑިޓުގައިވެ އެވެ.
ގެސްޓްހައުސްތަކުންވެސް ގެސްޓްހައުސްތަކުގައި ބޭތިއްބި ފްރަންޓްލައިން މުވައްޒަފުންގެ މައުލޫމާތާއި، ޗެކިން ޗެކް އައުޓް ފަދަ ކަންކަން ބަލަހައްޓާފައި ނުވާ ކަމަށްވެ އެވެ.
މައުލޫމާތު ރަނގަޅަށް ބަލަހައްޓާފައި ނުވުމުން ދައުލަތުން އިތުރަށް ހަރަދުކުރަން ޖެހުނީ ކިހާ ވަރެއް ކަމެއްވެސް ނޭނގޭ ކަމަށް އޮޑިޓުގައިވެ އެވެ.
"އެ އިދާރާތަކުންނާއި އެންޑީއެމްއޭއިންވެސް އެކަށީގެންވާގޮތަށް އޮކިއުޕަންސީ މައުލޫމާތުު ބަލަހައްޓާފައި ނެތުމުގެ ސަބަބުން، އިތުރަށް ދައްކާފައިވާ ފައިސާގެ ޖުމްލަ އަދަދުު ދެނެގަނެވޭ ގޮތް ވަނީ ނުވެފައެވެ،" އޮޑިޓް ރިޕޯޓުުގައިވެ އެވެ.
ރިޒޯޓަކަށް އެއްބަސްވެފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ދައްކާފައިވޭ
ބައެއް ގެސްޓްހައުސްތަކާ އެކު އެއްބަސްވުން ހަދާފައި ނެތަސް ރިސޯޓުތަކުގައި މީހުން އެކަހެރި ކުރަން އެއްބަސްވުން ހަދާފައިވެ އެވެ. އޮޑިޓްގައިވާ ގޮތުގައި އެއްބަސްވުމުގައި ވަނީ ދައުލަތުން ދައްކަން ޖެހެނީ ކޮޓަރިއަކަށް ދުވާލަކު 750 ރުފިޔާ އެވެ.
އެހެން ނަމަވެސް، މީހުން ބޭތިއްބި ރިސޯޓަކަށް ޓީޖީއެސްޓީގެ 12 ޕަސެންޓު އިތުރުކޮށްގެން، ކޮޓަރިއަކަށް ދުވާލަކު 840 ރުފިޔާގެ ރޭޓުން ބިލުކޮށްފައިވާ ކަމަށް އޮޑިޓުގައިވެ އެވެ. އެހެންކަމުން، އެއްބަސްވި ރޭޓަށް ވުރެ އިތުރަށް އެ ރިޒޯޓަށް 206،000 ރުފިޔާއަށްވުރެ ގިނައިން ދައްކަން ޖެހުނު ކަމަށްވެ އެވެ.