15 Jan 2012, 14:08
ޝީޝާގެ ތިންބެއިންގެ ނަމުގައި އެސްބީއައި ގައި ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ދޫކުރުމުގައި އެސްބީއައި އިން އަމަލުކުރީ އެފަދަކަންކަމުގައި އާންމުކޮށް އަމަލުކުރާ އުސޫލުން ކަމަށްވާތީ އެފައިސާ އެސްބީއައި އިން ދޭން ނުޖެހޭނެ ކަމަށާއި އެ މައްސަލައިގައި އެސްބީއައި ޒިންމާ ނަގަން ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެސްބީއައި އިން މިހެން ބުނީ ޝީޝާގެ ތިންބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ އެކަނުންޓުން ވަގު ޑޮކިއުމެންޓުތަކެއް ހުށަހެޅި ބަޔަކަށް 18 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ބުނެ އެ ފައިސާ ހޯދަން ޝީޝާގެ ތިންބެއިން އެސްބީއައިގެ މައްޗަށް ކޮށްފައިވާ ދައުވާގެ މިއަދުގެ ޝަރީއަތުގަ އެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން އެސްބީއައިގެ ވަކީލު ހަސަން ފަލާހު ވިދާޅުވީ ޖުލައި 10 ، 2011 ގައި އެތިން ބެއިންނާއި އެސްބީއައި އާއި ދެމެދު ފަންޑު ޓްރާންސްފާ އެއްބަސްވުމެއް ވެފައިވާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން އެ ތިން މީހުންގެ ސޮއި ފުރިހަމަވާ ލިޔުމެއް ހުށަހެޅުމުން ބޭންކުން ފައިސާދޫކުރެވޭނެ ކަމަށެވެ.
ޝީޝާ ތިންބެއިންގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގައި އަބުދުލް ބާގިރު ކިޔާ މީހަކާ އިބްރާހިމް ޝާހިދުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށާއި އެފައިސާ ދޫކޮށްފައިވަނީ އެ ތިންބެއިންގެ ތެރެއިން ހަސަން ހުޝާމްގެ ސޮއިކޮށް ފެކްސްއަކުން ފޮނުވާފައިވާ ލިޔުމަކުން ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
އިބްރާހިމް ޝާހިދު އަކީ އުޅޭތަނެއް ނޭނގުމުގެ ސަބަބުން ފުލުހުންނަށް ހޯދާނުފެނިފައިވާ މީހެކެވެ. އޭނާ ހޯދުމަށް އިންޓަޕޯލް އިން ވަނީ ރެޑް ނޯޓިސް ވެސް ނެރެފައެވެ.
ފަލާހު ވިދާޅުވީ ގިނަ ވިޔަފާރިވެރިން އާންމުކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ފޮނުވަނީ ފެކްސް މެދުވެރިކޮށް ކަމަށާއި ފެކްސް މެދުވެރިކޮށް ފޮނުވާ ޓްރާންސެކްޝަންތަކަށް އަމަލުނުކުރުމަށް އެތިންބެއިން އަންގާފައި ނުވާކަމަށެވެ.
ފެކްސް މެދުވެރިކޮށް ފޮނުވާ ޓްރާންސެކްޝަންތަކަށް އަމަލުކުރުމުގެ ހައްގު އެސްބީއައި އަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް ވެސް އެސްބީއައިން ވަނީ ކޯޓުގައި އެދިފައެވެ.
ޝީޝާގެ ފަރާތުން ވަނީ އެސްބީއައި އިން އެ ޓްރާންސެކްޝަންތައް ހެދި މުވައްޒަފުން ޝަރީއަތަށް ހާޒިރުކޮށް ސުވާލުކުރުމުގެ ފުރުސަތަކަށް ކޯޓުގައި އެދިފައެވެ. އަދި އެސްބީއައިގެ ވާހަކަތަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތަކަށް ވެސް އެދުނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ސިވިލް ކޯޓުގެ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ އެ ޓްރާންސްސެކްޝަން ހެދި މުވައްޒަފުން ހާޒިރުކޮށްދެއްވަން ބޭނުންނަމަ އެކަން ޖަވާބުދާރީވާ ލިޔުމުގައި ބަޔާންކުރަން ޖެހޭނެކަމަށެވެ.
ޝީޝާގެ ތިންބެއިންނާއި އެސްބީއައި އާއި މެދު ވެފައިވާ އެއްބަސްވުމުގެ ދިވެހިތަރުޖަމާ ދެން އޮންނަޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމަށް ވެސް ގާޒީ ވަނީ އެސްބީއައި އަށް އަންގަވާފައެވެ.